އޭޕްރީލް މަހުގެ 3 ވަނަ ދުވަހުގެ ފަހުން ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވުހާން ސިޓީން މީހަކު އެވައިރަސް އަށް ޕޮޒިޓިވްވެއްޖެ އެވެ.
ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނީ ޕްރޮވިންސްގެ ވުހާން ސިޓީންނެވެ. ވުހާން ސިޓީން ކޮވިޑް-19 ޖެހުނު ހުރިހާ އެންމެން ހޮސްޕިޓަލްތަކުން ރަނގަޅުވެގެން ދޫކޮށްލާ އެ ސިޓީން ވައިރަސް ފިލާފައިވާކަން ހާމަކޮށްފައިވަނީ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު އެވެ. އޭގެފަހުން ހޮނިހިރު ދުވަހު ވައިރަސް އަށް ޕޮޒިޓިވްވި މީހާއަކީ ވައިރަސް ހަށިގަނޑުގައި ހުރިކަމުގެ ނިޝާނެއް ނުފެނި ވައިރަސް އަށް ޕޮޒިޓިވްވެފައިވާ މީހެއް ކަމަށް ޗައިނާގެ ހެލްތު ކޮމިޝަނުން ބުނެއެވެ.
މީގެއިތުރުން ހޮނިހިރު ދުވަހު ޗައިނާއިން ވަނީ 14 މީހަކަށް އަލަށް ވައިރަސްޖެހިގެން ރިޕޯޓުކޮށްފަ އެވެ. މިއީ އޭޕްރީލް މަހުގެ 28 ވަނަ ދުވަހަށް ފަހު، ޗައިނާއިން އެއްދުވަހާ މިހާ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓުކުރި ދުވަސްވެސް މެއެވެ. މީގެއިތުރުން ހޮނިހިރު ދުވަހު މިކޭސްތައް ރިޕޯޓުކޮށްފައި މިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެގައުމުގެ ހުރިހާ ހިސާބެއްގައި ވައިރަސް ގެ ނުރައްކާ ކުޑަކަމަށް އިޢުލާނުކޮށްފައި ވަނިކޮށެވެ.
ކޭސްތައް އިތުރުވެފައިވަނީ ޖިލިން ޕްރޮވިންސްގެ ޝުލާން ސިޓީގެ ކުލަސްޓަރ އަކުންކަމަށް ޗައިނާގެ ހެލްތު ކޮމިޝަނުން ބުނެއެވެ. އެ ކުލަސްޓަރ އިން 11 ކޭސް ވަނީ ފެނިފަ އެވެ. އެއާއެކު ޖިލިން އޮފިޝަލުން ވަނީ ޝުލާން ސިޓީގައި ވައިރަސްގެ ނުރައްކާ އޮތް މިންވަރު މެދުމިންވަރުން މައްޗަށް ޖައްސާފަ އެވެ. ޝުލާންގައި ވައިރަސްގެ ނުރައްކާއޮތް މިންވަރު މެދުމިންވަރަށް ގެނައީ ހުކުރު ދުވަހު އެސިޓީން އެންމެ އަންހެނަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ނަމަވެސް އާދިއްތަ ދުވަހު އެސިޓީން ވައިރަސްއަށް ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައި މިވަނީ އޭނާގެ އާއިލާގެ މީހުންނާއި އާއިލާގެ މީހުންނާއި ބައްދަލުވި ކޮންޓެކްޓުންކަމަށް ޗައިނާއިން ބުނެއެވެ.
ވުހާން އާއި ޝުލާން އިން ފެނުނު ކޭސްތަކުގެ އިތުރުން ދެން ފެނުނު ދެ ކޭހަކީ އެޤައުމަށް އެތެރެވި މީހުން ކަމަށް ޗައިނާގެ ހެލްތު ކޮމިޝަނުން ބުނެއެވެ.
ޗައިނާގައި ހޮނިހިރު ދުވަހު ވައިރަސް ހަށިގަނޑުގައި ހުރިކަމުގެ ނިޝާނެއް ނުފެނި 20 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. އޭގެކުރީ ދުވަހު ފެނިފައިވަނީ 15 މީހުންނެވެ.
މެއި މަހުގެ 9 ވަނަ ދުވަހާ ހަމައަށް ޗައިނާއިން 82,901 މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު މިވައިރަސް ޖެހިގެން 4,633 މީހުން ވަނީ މަރުވެފަ އެވެ.