ކުވައިތުގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހާ ހަމައަށް ކާފިއު ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.
ކުވައިތުގެ ކެބިނެޓުން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިމުއްދަތުގައި ހުރިހާ ބޭންކުތަކެއް ބަންދުވާނެކަމަށެވެ. ނަމަވެސް އިންޓަރނެޓް މެދުވެރިކޮށް ޚިދުމަތްތައް ދެމުންގެންދާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ޕަބްލިކް ސެކްޓަރގެ ހުރިހާ މަސައްކަތްތައް ކުރާނީ އެމީހަކު ހުރި ތަނެއްގައި ކަމަށާއި ޕްރައިވެޓް ސެކްޓަރ ގައި ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ނޫނީ އެހެން ހުރިހާ ޚިދުމަތްތައް މެދުކަނޑާ ލެވޭނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ސިއްހީ ދާއިރާ އާއި، ސެކިޔުރިޓީ، ކަރަންޓް، ތެޔޮ އަދި މުނިސިޕަލް ޚިދުމަތްތައް ދެމުންގެންދާނެ ކަމަށާއި ޕްރައިވެޓް ސެކްޓަރ ގައި މަސައްކަތްކުރާ ތަންތަނުގެ ތެރެއިންވެސް ކޮންމެހެން ދޭންޖެހޭ ފަދަ ޚިދުމަތްތައް ދެމުން ގެންދާ ކުންފުނިތައް މިސާލަކަށް މަރާމާތުކުރުމުގެ ކަންކަން ކުރާ ކުންފުނިތަކުގެ މަސައްކަތްތައް މިދުވަސްތަކުގައިވެސް ދެމުންގެންދާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ކުވައިތުގައި އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ވަނީ 16 ގަޑިއިރު ކާފިއު ހިންގުމަށް ނިންމާފަ އެވެ. އަދި ޕަބްލިކް ސެކްޓަރ ތަކުގެ މަސައްކަތް މިނިސްޓްރީތަކުގެ މަސައްކަތްވެސް ހިމެނޭގޮތަށް މެއި މަހުގެ 31 ވަނަ ދުވަހާ ހަމައަށް ވަނީ މެދުކަނޑާލާފަ އެވެ.
ކާފިއު ހިންގިނަމަވެސް ކާބޯތަކެތި ވިއްކާ ފިހާރަތައް ހުޅުވާފައި ހުންނާނެއެވެ. އެހެންނަމަވެސް އެތަކެތި ގަތުމަށް މީހުންނަށް ޖެހޭނީ ދުރާލާ އެޕޮއިންޓްމަންޓް ހައްދާށެވެ. އަދި ކޮންމެ ގެޔަކުންވެސް ބޭރަށް ނިކުމެވޭނީ އެކަކަށެވެ. ބޭރަށް ނިކުންނައިރު އެމީހުން ތިބެންޖެހޭނީ މާސްކް އަޅައިގެންނެވެ. އަދި ހިނގާލުމަށް ހަވީރު 430ން 630ށް ނިކުމެވޭއިރު ދުއްވާ އެއްވެސް އެއްޗެއް ބޭނުމެއް ނުކުރެވޭނެއެވެ. މީގެއިތުރުން ނޫސްތައް ޕްރިންޓް ކުރުން ހުއްޓާލާފައިވާއިރު ގޭގެއަށް ޑެލިވަރ ކޮށްދޭނީ ކޮންމެހެން ބޭނުންވާ ކާބޯތަކެއްޗާއި ބޭހެވެ.
ހުކުރު ދުވަހު ކުވައިތުގެ 641 މީހަކަށް ވައިރަސް ޖެހިފައިވާއިރު 3 މީހަކު ވަނީ އެދުވަހު މަރުވެފަ އެވެ. އެއާއެކު މުޅި ޖުމުލަ ކުވައިތުގައި ވައިރަސް ޖެހުނު މީހުންގެ އަަދަދު މިވަނީ 7208ށް އަރާފަ އެވެ. އަދި މަރުވީ މީހުންގެ އަދަދު ވަނީ 47ށް އަރާފައެވެ.
ކުވައިތު ހިމެނޭ ގަލްފް ސަރަހައްދުގައި މިހާތަނަށް އައިއިރު 86000 މީހުންނަށް ވައިރަސް ޖެހިފައިވާއިރު 486 މީހަކު ވަނީ ގަލްފް ސަރަހައްދުގައި ހިމެނޭ ގައުމުތަކުން މަރުވެފަ އެވެ. ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކާފިއު ހިންގަމުންދާއިރު ފްލައިޓްތައް ވަނީ މެދުކަނޑާލާފަ އެވެ. އަދި ގިނައިން މީހުން އެއްވެ އުޅޭ ތަންތަން ވަނީ ބަންދުކޮށްފައެވެ.