ކ. މާލެ
|
9 މެއި 2020 | ހޮނިހިރު 03:02
ކޮވިޑް-19ށް ޕޮޒިޓިވްވާ މީހުން ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަނީ
އެންޑީޓީވީ
ކޮވިޑް-19އާ ގުޅިގެން އިތުރު ބަލިތައް ފެނުން
ނިއު ޔޯކްގައި ކޮވިޑް-19ށް ޕޮޒިޓިވްވި ތުއްތު ކުއްޖަކަށް ''ކަވަސާކީ ޑިސީސް'' ޖެހި މަރުވެއްޖެ
މިކުދިން ގައިން ޓޮކްސިކް ޝޮކް ސިންޑްރޮމްގެ އަލާމަތްތައް ފެންނަމުންދޭ
މިބަލީގެ އަލާމާތްތައް ފެނިފައިވާ އިތުރު 73 ކުޑަކުދިން ރިޕޯޓުކޮށްފައިވޭ
ކަވަސާކީ ބައްޔަކީ ބޮޑަށް ފަސް އަހަރުން ދަށުގެ ކުޑަ ކުދިންނަށް ޖެހޭ ބައްޔެއް

އެމެރިކާގެ ނިއު ޔޯކްގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ތުއްތު ކުއްޖަކަށް ''ކަވަސާކީ ޑިޒީޒް'' ޖެހި މަރުވެއްޖެ އެވެ.

މިޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ފަސް އަހަރުގެ މިކުއްޖާށް ''ކަވަސާކީ ޑިޒީޒް" ޖެހުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިިގެން ބައްޔަށް ފަރުވާ ދެމުންދަނިކޮށެވެ. ނިއު ޔޯކްގެ ގަވަރުނަރު އެންޑްރޫ ކޫމޯ ވިދާޅުވީ މި ތުއްތު ކުއްޖާ މަރުވީ މަދުން ނޫނީ ނުފެންނަ އިންފްލެމޭޓަރީ ބައްޔެއް ކަމުގައިވާ ކަވާސާކީ ބަލީގެ ސަބަބުން ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

މީގެ އިތުރުން މިބަލީގެ އަލާމާތްތައް ފެނިފައިވާ އިތުރު 73 ކުޑަކުދިން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެގޮތުން މިކުދިން ގައިން ވެސް ކަވަސާކީ ޑިޒީޒް އަދި ޓޮޕްސިކް ޝޮކް ސިންޑްރޮމްގެ އަލާމަތްތައް ފެންނަމުންދާ ކަމަށެވެ.

މިކަމާއި ގުޅިގެން ޑިޕާޓްމެންޓް އޮފް ހެލްތުން ވަނީ މި ކޭސްތައް އިތުރަށް ދިރާސާ ކުރުމުގެ މަސައްކަތް ފަށާފަ އެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ބޭރަށް ހިންގުމާއި، ހޮޑުލުން، ނޭވާލާން އުދަނގޫވުން، ހަމުގެ ކުލަ ބަދަލުވުން އަދި މޭގައި ރިއްސުން ފަދަ ކަންކަން ހިމެނެ އެވެ.

ކަވަސާކީ ބަލި ޖެހުމުގެ ފުރުސަތު ބޮޑީ ފަސް އަހަރުން ދަށުގެ ކުޑަ ކުދިންނަށް ޖެހޭ ބައްޔެއް ސިއްހީ މާހިރުން ވިދާޅުވެ އެވެ. މި ބައްޔަކީ ވަރަށް މަދުން ފެތުރޭ ބައްޔެކެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ފްރާންސް، އިޓަލީ އަދި ސްޕްއިނުން މިފަދަ ކޭސްތައް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

- ކޮމެންޓް