ކ. މާލެ
|
8 މެއި 2020 | ހުކުރު 09:21
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން - ލުއިދިނުމަށް އަޅާފިޔަވަޅުތައް އާދިއްތަ ދުވަހު އިއުލާންކުރައްވާނެ ކަމަށް ބެލެވޭ
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން - ލުއިދިނުމަށް އަޅާފިޔަވަޅުތައް އާދިއްތަ ދުވަހު އިއުލާންކުރައްވާނެ ކަމަށް ބެލެވޭ
ގެޓީ އިމޭޖަސް
ކޮވިޑް-19: އިނގިރޭސިވިލާތުގެ ހާލަތު
އިނގިރޭސިވިލާތުންވެސް ފުރަބަންދަށް ލުޔެއް ދެނީ
އަންގާ އެންގުންތަކަށް ރައްޔިތުން ބޯނުލަނބާނަމަ ފިޔަވަޅުތައް އަނެއްކާވެސް ވަރުގަދަކުރާނެ
މަރުވި މީހުންގެ އަަދަދު ވަނީ 30،000 ށް ވުރެ މައްޗަށް އަރާފަ
މިވަގުތު ލުއިދިނުމަށް އަޅާ ކިތަންމެ ކުޑަ ފިޔަވަޅެއްގެ ސަބަބުންވެސް ބޮޑު ގެއްލުމެއް ވެދާނެ: ފޮރިން މިނިސްޓަރ

އިނގިރޭސިވިލާތުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ކޮންމެސް ވަރެއްގެ ލުއިތަކެއް އަންނަ ހަފުތާގެ ތެރޭގައި ދިނުމަށް އެޤައުމުން ތައްޔާރުވެއްޖެއެވެ.

އެކަން އެޤައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އާދީއްތަ ދުވަހު އިޢުލާނުކުރެއްވުމަށް ވަނީ ހަަމަޖެހިފައެވެ.

ލުއިދިނުމަށް އަޅާ ފިޔަވަޅުތަކާއެކު އެޤައުމަށް ވައިރަސްގެ ދެވަނަ ވޭވެއް ނާންނަގޮތަކަށް ވިސްނަވާނެކަމަށާއި އަދި ދަށަށްގޮސްފައިވާ އިޤްތިޞާދު އިތުރަށް ދަށަށް ނުދާނެ ގޮތްތަކަކަށް ވިސްނަވާނެކަމަށް ޚަބަރުތައް ބުނެއެވެ. އާދިއްތަ ދުވަހު ޖޯންސަން މިޕްލޭން އިޢުލާނުކުރައްވާއިރު މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު އެޤައުމުގެ އިޤްތިޞާދަށް އަންނަނީ ބޮޑެތި ގެއްލުން ތަކެއްވަމުންނެވެ. އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ބޭރަށް ނިކުތުން މަނާކޮށްފައިވާތާ ހަ ހަފުތާ ވަނީ ވެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޤައުމުގެ ފޮރިން މިނިސްޓަރ ޑޮމިނިކް ރާބް ވިދާޅުވީ ކޮންމެ ބަދަލެއް ގެނައިކަމުގައި ވީނަމަވެސް އެބަދަލެއްވާނީ ނިޞްބަތުން ކުޑަ، ވަރަށް ރަނގަޅަށް މޮނިޓަރ ކުރެވޭ ގޮތައް އެކި ފިޔަވަހިތަކައް ބަހާލައިގެން ކަމަށެވެ. އަދި އަންގާ އެންގުންތަކަށް ރައްޔިތުން ބޯނުލަނބާނަމަ ނުވަތަ އަނެއްކާވެސް ވައިރަސް އަލުން ފެތުރެން ފިޔަވަޅުތައް އަނެއްކާވެސް ވަރުގަދަކުރާނެ ކަމަށް ޑޮމިނިކް ވިދާޅުވިއެވެ.

ވައިރަސްއިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމުގައި ލަސްކަމެއް އުޅުނުކަމަށް ބުނެ އިނގިރޭސިވިލާތުގެ ސަރުކާރަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އިނގިރޭސިވިލާތަކީ މިވަގުތު ޔޫރަޕުގެ ޤައުމުތަކުން އެންމެ ގިނަ ޢަދަދަކަށް މީހުން މަރުވަމުން އަންނަ ޤައުމެވެ. އެޤައުމުގައި މަރުވި މީހުންގެ ޢަދަދު ވަނީ 30،000ށް ވުރެ މައްޗަށް އަރާފައެވެ.

އެކަމަށް ރައްދުދެއްވަމުން އެޤައުމުގެ މިނިސްޓަރުން ވިދާޅުވެފައިވަނީ ފިޔަވަޅުތައް އަޅަމުން ގޮސްފައިވަނީ ފިޔަވަޅުތައް އަޅަންޖެހޭ ވަގުތުތަކަށް ބަލައިގެން އެވަގުތަކަށް އެންމެ ރަނގަޅު ފިޔަވަޅުކަމަށެވެ. އެހެންނަމަވެސް ބަލިޖެހޭ މީހުންނާ މެދު ދެކެވޭ ޙަޤީޤާތާއި ޚިލާފު ވާހަކަތައް ގިނަވުމާއި، ފުރަބަންދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ބޯނުލަނބާ މީހުން ގިނަވުމުގެ ސަބަބުން ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް އަޅާ ފިޔަވަޅުތައް އެޅުމާމެދު މިހާރު މިނިސްޓަރުން ތިއްބެވީ ވަރަށް ކަންބޮޑުވެ، ހާސްވެފައެވެ.

ކެބިނެޓް ބައްދަލުވުމަށްފަހު ޖޯންސަން ވިދާޅުވެފައިވަނީ ލުއި ދިނުމަށް އަޅާ ފިޔަވަޅުތައް ވެގެންދާނީ ވަރަށް ބޮޑަށް ބަލައިގެން ސައިންސް އަދި ޑާޓާއިން ފެންނަ ޢަދަދުތަކަށް ބެލުމަށްފަހު އަޅާ ފިޔަވަޅުތަކަކަށް ކަމަށެވެ. މިވަގުތު ލުއިދިނުމަށް އަޅާ ކިތަންމެ ކުޑަ ފިޔަވަޅެއްގެ ސަބަބުންވެސް ބޮޑު ގެއްލުމަކާއި ކުރިމަތި ވެދާނެކަމަށް ފޮރިން މިނިސްޓަރ ޑޮމިނިކް ވިދާޅުވިއެވެ. އިޖުތިމާޢީ ގައިދުރުކަން ނުގެންގުޅޭނަމަ އަނެއްކާވެސް ވައިރަސް ހަލުވިމިނުގައި ފެތުރޭނެކަމަށް ޑޮމިނިކް ވިދާޅުވިއެވެ.

އިނގިރޭސިވިލާތް ފުރަބަންދުގައި އޮތުމުގެ ސަބަބުން އެޤައުމުގެ އިޤުތިޞާދަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ. އެގޮތުން މީގެ 300 އަހަރު ފަހަތަށް އެޤައުމުގެ އިޤުތިޞާދު މިޞްރާބު ޖަހާފައިވާ ކަމަށް އިޤުތިޞާދީ މާހިރުން ވަނީ އަންދާޒާކޮށްފަ އެވެ.

މިހާރު އެޅުމަށް ވިސްނާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން ޗީފް އެޑްވައިޒަރ އޮން އޮފިޝަލް ސްޓެޓިސްޓިކްސް ވިދާޅުވެފައިވަނީ އެންމެ ބޮޑު ގޮންޖެހުމަކަށްވާނީ ކެއަރ ހޯމް ތަކުގައި ތިބި މީހުންނަށް ވައިރަސްޖެހޭ މިންވަރު ދަށްކުރުމުގަ އެވެ. އިނގިރޭސިވިލާތުގައިވެސް ވައިރަސް ޖެހޭ މީހުންގެ ޢަދަދުތައް ކުރީގައި އަންދާޒާކުރި ޢަދަދުތަކަށް ވުރެ މައްޗަށް ގޮސްފައިވަނީ ކެއަރ ހޯމްތަކުގައި ހަލުވި މިނުގައި ވައިރަސް ފެތުރެން ފެށުމުންނެވެ.

އޮފިޝަލުން ބުނާގޮތުގައި އެޤައުމުގެ އިޤުތިޞާދު ހުޅުވާލުމަށް އަޅާ ފިޔަވަޅުތައް ވެގެންދާނީ މަޑުމަޑުން އަޅާ ފިޔަވަޅުތަކަށެވެ. އެގޮތުން ފިހާރަތައް ހުޅުވާލެވިގެންދާނީ ލަސްލަހުން ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ. އެޤައުމުގެ މިނިސްޓަރުން ބުނާގޮތުގައި ހޫނުގަދަ މޫސުން އަންނަންވާއިރަށް ކަންކަން ހަމައަކަށް އެޅޭވަރަށް ފިހާރަތަކާއި ތަންތަން ހުޅުވާލެވިދާނެ އެވެ. ނަމަވެސް އަދިވެސް ސްކޫލްތައް ހުޅުވާލުން މާ އަވަސްކަމަށް މިނިސްޓަރުން ވަނީ ބުނެފަ އެވެ.

ލޮކްޑައުންއާ ގުޅިގެން ދެން އަޅާ ފިޔަވަޅުތަކަށް އެޤައުމުގެ އިދިކޮޅު ޕާޓީގެ ސަޕޯޓް ހޯދުމަށް ޖޯންސަން ވަނީ އިދިކޮޅު ލީޑަރުންނާއިވެސް ޕްލޭން ހިއްސާކުރައްވާފަ އެވެ. ޖޯންސަން ބޭނުންފުޅުވަނީ އަޅާ ފިޔަވަޅުތަކަކީ އިނގިރޭސިވިލާތުގައި ހިމެނޭ ހަތަރު ޤައުމު ގުޅިގެން އަޅާ ވަރުގަދަ ފިޔަވަޅުތަކަށް ހެއްދެވުމަށެވެ. އެގޮތުން ސްކޮޓްލޭންޑް، ވޭލްސް، އިންގްލެންޑް އަދި ނޮދަރން އަޔަރލެންޑް ގުޅިގެން ގޮތްތަކެއް ނިންމުމަށް ޖޯންސަން ބޭނުންފުޅުވެލައްވައެވެ.

ނަމަވެސް ސްކޮޓްލޭންޑްގެ ފަސްޓް މިނިސްޓަރ ނިކޮލާ ސްޓަރޖަން ވިދާޅުވަނީ ފުރަބަންދުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ލުއިދޭނެކަމަށް މިހާރު މީޑިޔާތަކުގައި ދެކެވޭ ފިޔަވަޅުތަކުގެ ތެރެއިން ކިރިޔާވެސް އެއްބަސްވެ ވަޑައިގަންނަވާނީ ދުވާލަކު އެއް ފަހަރު ކަސްރަތުކުރުމަށް ވަކި ޢަދަދަކަށް މީހުންނަށް ނިކުމެވެން އޮތް ފިޔަވަޅު އުވާލުމަށެވެ. ނިކޮލާ ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ ސްކޮޓްލޭންޑަށް ފައިދާވާ އަދި ރަނގަޅު ފިޔަވަޅުތަކަށް ނޫނީ ނިންމެވުންތައް ނުނިންމަވާނެ ކަމަށެވެ.

- ކޮމެންޓް