ކ. މާލެ
|
3 އޭޕްރިލް 2017 | ހޯމަ 19:34
އަޔަން މޭން ރޭސް ނިންމާލުމަށް ފަހު ކުޑަ ހުސެން ގައުމީ ދިދައާއެކު
އަޔަން މޭން ރޭސް ނިންމާލުމަށް ފަހު ކުޑަ ހުސެން ގައުމީ ދިދައާއެކު
ހުސައިން
ކުޑަ ހުސެން
ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް
ކޮންމެ ކަމަކީ ވެސް ސާބިތުކަމާއެކު ކަމަށް ކުރިމަތިލުން
ކުޑަ ހުސޭނަކީ އަޔަން މޭންގައި ވާދަކުރި ފުރަތަމަ ދިވެހި އެތްލީޓް

ކުޑަ ހުސެން ނުވަތަ ޑރ. ހުސައިން ހަލީމްއަކީ ރާއްޖޭގައި އުފެދުނު ހުނަރުވެރިންގެ ތެރޭގައި ގުނާލެވޭ ކުޅަދާނަ އެއް އެތުލީޓެވެ. ރާއްޖޭގައި މަދުން ނޫނީ ނުފެންނަ ފަދަ އަޒުމް ވަރުގަދަ ސިފަތަކެއް އެކުލެވޭ ކުޑަ ހުސޭނަކީ ކުރަން ބޭނުންވާ ކަމެއް ކޮށް ނުނިމޭ ހިނދެއްގައި ފުން ނޭވާއެއް ވެސް ލާ މީހެއް ނޫނެވެ. އެކަން އޭނާ އަންނަނީ މީގެ އަހަރުތަކެއް ކުރިންނާއި މިހާރު ވެސް ދިވެހިންނަށް ސާބިތުކޮށް ދެމުންނެވެ.

ދެން މިއޮތީ މުޅިން އެހެން ވާހަކައެކެވެ. ދިވެއްސަކު ފުރަތަމަ ފަހަރަށް "އަޔަން މޭން ޓްރައިތްލޯން" އެއްގައި ބައިވެރިވެ އެ ރޭސް ނިންމި ވާހަކަ އެވެ. އެއީ ކުޑަ ހުސޭނެވެ.

މީގެ އެތަށް އަހަރެއް ކުރިން 2006 ވަނަ އަހަރު މި މުބާރާތުގައި ވާދަކުރުމުގެ ޝައުގުވެރިކަން އުފެދުނު ކުޑަ ހުސެން މިވަނީ މި ރޭސް ފުރިހަމަކޮށް ނިންމާފަ އެވެ.

މި ރޭހަކީ 1978 ވަނަ އަހަރު ހަވާއީގައި އުޅުނު އެކުވެރިންތަކެއްގެ މެދުގައި އުފެދުނު ދެބަސްވުމެއްގެ ތެރެއިން އުފަންވި ހަރަކާތެކެވެ.

މިހާރު މި މުބާރާތަކީ ދުނިޔޭގައި ބާއްވާ މުބާރާތްތަކުގެ ތެރެއިން އެންމެ ގިނަ މީހުންނަށް އެއްފަހަރާ ބައިވެރިވެވޭ އެންމެ ބުރަ އަދި ވާދަވެރި މުބާރާތެވެ.

އަޔަން މޭން ރޭހެއްގައި ހިމެނެނީ މައިގަނޑު ތިން އިވެންޓެވެ. އެއީ 3.8 ކިލޯ މީޓަރަށް ފެތުމާއި 180.2 ކިލޯ މީޓަރަށް ބައިސްކަލް ދުއްވުމުގެ އިތުރުން 42.195 ކިލޯ މީޓަރަށް ދުވުމެވެ. ފުލުފުލުން ނިންމަންޖެހޭ މި ރޭސްތައް އެއްކޮށް ނިންމަންޖެހޭ ވަގުތަކީ 17 ގަޑި އިރެވެ.

ކުޑަ ހުސެން މިރޭސް ނިންމާފައި ވަނީ 15 ގަޑި އިރާއި 23 މިނެޓުންނެވެ. އެއީ އޭނާގެ އޭޖް ކެޓަގަރީގައި ހިމެނޭ މީހުންގެ ތެރެއިން 295 ވަނައިގަ އެވެ. މި ރޭހުގައި ޖުމްލަ 2,100 މީހުން ބައިވެރިވި އެވެ.

ކުޑަ ހުސެން ބުނި ގޮތުން ނަމަ 17 ގަޑި އިރުގެ މި ދިގު ރޭސް ނިންމުމަކީ އާދައިގެ މީހަކަށް ކުރަން އެހާ ފަސޭހަކަމެއް ނޫނެވެ. އެގޮތުން އަޔަން މޭންގައި ބައިވެރިވެ ރޭސް ނިންމި ފުރަތަމަ ދިވެހި މީހާގެ ހައިސިއްޔަތުން ކުޑަ ހުސެން ބުނީ މިހާ ދިގު މުއްދަތެއް ރޭހުގައި ބައިވެރި ނުވެވި ދިޔައީ އޭނާގެ ފައި ހަލާކުވުމާއި ދެ ކަކުލުގައި ކޮށްފައި އިން އޮޕަރޭޝަންގެ ސަބަބުން ކަމަށެވެ.

ކުޑަ ހުސެން ބުނީ މިފަހަރުގެ ސައުތު އެފްރިކަން އަޔަން މޭން ޗެމްޕިއަންޝިޕްގައި ބައިވެރިވެ ރޭސް ނިންމުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބަކާއި ޝަރަފެއް ކަމަށެވެ.

ކޮންމެ ކަމަކީ ވެސް އެކަމެއްގައި ވަރުގަދަ އަޒުމަކާއި ކެރުންތެރިކަން ހުންނަން ޖެހޭ ކަމެކެވެ. އެގޮތުން ކަމެއް ހާސިލް ކުރުމުގައި ބުރަކޮށް މަސައްކަތް ކުރަންވެސް ޖެހެއެވެ. އަދި ދެންތިބޭ ބަޔަކަށް އެކަމުން ކުރިއަށްދާން ހިތްވަރު ހޯދައިދޭން ޖެހެއެވެ.

ކުޑަ ހުސެން ބުނި ގޮތުން ނަމަ އޭނާ މިރޭހުގައި ބައިވެރިވުމުގެ އެންމެ ބޮޑު މަގްސަދަކީ އެކި އުމުރުފުރާތަކުގެ ދިވެހިން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ހިތްވަރު ދިނުމެވެ. އަދި ކޮންމެ މީހަކީ ވެސް ކުރަން ބޭނުންވާ ކަމެއް އިހްތިޔާރުކޮށް އެކަމެއް ހާސިލް ކުރުމަށް ހިތްވަރާއެކު މަސައްކަތްކުރާ މީހަކަށް ހެދުމެވެ. ހަމަ އެއާއެކު އެކަމެއް ކާމިޔާބުކުރެވޭނެ ކަމުގެ ސާބިތު އަޒުމުގައި ހުންނަ މީހަކަށް ހެދުމެވެ.

ކުޑަ ހުސެން ބުނީ ކޮންމެ ކަމެއްގައި ވެސް ގިނަ ގޮންޖެހުންތަކެއް ހުންނާނެ ކަމަށާއި އެހެން ނަމަވެސް އެކަމެއް ހާސިލް ވަންދެން ހިތްމަތާއެކު މަސައްކަތްކޮށް އެކަމުން ނަތީޖާ ނެރެންޖެހޭ ކަމަށެވެ. އަދި މިހުރިހާ ކަމެއްގައި ވެސް ބޭނުންވަނީ ނުގުޑާ ފަދަ ވަރުގަދަ އަޒުމެއް ކަމަށް ވެސް ކުޑަ ހުސެން ބުންޏެވެ.

ދިވެހިންނަށް އެތައް ގޮތަކުން މިފަދަ ނަމޫނާ ދައްކަމުން އަންނަ ކުޑަ ހުސޭނަކީ މީގެ 27 އަހަރު ކުރިން 1989 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވި ސާފް ގޭމްސްގައި ބައިވެރިވެ ދުވުމުގެ ގައުމީ ފުރަތަމަ ރެކޯޑް ވެސް ގާއިމުކޮށްފައިވާ ފަރާތެވެ. އެހެން ނަމަވެސް މިހާރު އެ ރެކޯޑް ވަނީ އޭނާ އަތުން ބީވެފަ އެވެ.

ކުޑަ ހުސެން ބުނީ އޭރު ހޯދުނު ކާމިޔާބީ އާއި އަދި އަޔަން މޭން ނިންމުމަށް ފަހު ވެސް މިފަދަ އެތައް އިވެންޓެއްގައި ވާދަކުރުމުގެ ޝައުގުވެރިކަން މިހާރު ވެސް އެބަހުރި ކަމަށެވެ. އެގޮތުން ދިވެހިންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިމަގުގައި ވެސް މިފަދަ އިވެންޓްތަކުގައި ބައިވެރިވުމަކީ ކުޑަ ހުސެންގެ އުންމީދެކެވެ.

ކުޑަ ހުސެން ވަނީ އޭނާއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ. އެގޮތުން އޭނާގެ ކޯޗުންނާއި އާއިލާގެ މެމްބަރުންގެ އިތުރުން ހެޔޮއެދޭ ހުރިހާ ފަރާތްތަކަށް ވެސް ކުޑަ ހެސެން ވަނީ ހިތުގެ ފުންމިނުން ޝުކުރު އަދާކޮށްފަ އެވެ.

ކުޑަ ހުސެން ހޯދަމުން އަންނަ މިފަދަ ކާމިޔާބީތަކަކީ މިއަދު ހުރިހާ ދިވެހިން ވެސް އެކަމާ ފަހުރުވެރިވެ އުފާކުރުން ހައްގު ކަމެކެވެ. އަޅުގަނޑުމެން ހުރިހާ ދިވެހިންގެ ވެސް އެދުމަކީ އަދި ދުޢާ އަކީ ކުޑަ ހުސެން އަށް ގިނަ މުބާރާތްތަކުން ގިނަ ކާމިޔާބީތައް ލިބުމެވެ.

- ކޮމެންޓް