އިޓަލީގައި ކޮވިޑް-19 ޖެހިގެން މަރުވެގެން މިހާތަނަށް ހާމަކޮށްފައިވާ ޢަދަދުތަކަށްވުރެ ގިނަ އިން މީހުން މަރުވެފައިވާ ކަމަށް އެޤައުމުގެ ސްޓެޓިސްޓިކްސް ބިޔުރޯއިން ބުނެފިއެވެ.
އެ ބިޔުރޯއިން ބުނެފައިވަނީ މަރުވެފައިވާ އެތައް ހާސް ބަޔެއްގެ މަޢުލޫމާތު އަދި ހާމަކުރަމުން ނުދާ ކަމަށެވެ. އެޤައުމުގައި ކޮވިޑް-19 ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ފެތުރެން ފަށާފާވާއިރު އެ ތާރީޚުން ފެށިގެން މަރޗް މަހުގެ 31 ވަނަ ދުވަހާ ހަމައަށް މަރުވާ މީހުންގެ ރޭޓް އެވްރެޖް ގޮތެއްގައި އެޤައުމުގައި އުޅެނީ ކުރީ އަހަރު ތަކާއި އަޅާބަލާއިރު 39 އިންސައްތަ މަތީގައި ކަމަށް ސްޓެޓިސްޓިކްސް ބިޔުރޯއިން ބުނެއެވެ.
ސްޓެޓިސްޓިކްސް ބިޔުރޯއިން ބުނާގޮތުގައި 11600 މީހެއްގެ މަރުގެ މަޢުލޫމާތު ހިމަނާފައެއް ނުވެއެވެ. އެހެންވެފައިވަނީ އެންމެ ހަލުވި މިނުގައި ވައިރަސް ފެތުރުނު އިޓަލީގެ އުތުރުގެ ހިސާބުތަކުގައި އެކަންކަން ރަނގަޅަށް ނުބެލެހުއްޓުމުގެ ސަބަބުން ކަމަށް ބިޔުރޯއިން ބުނެއެވެ. އެހެންކަމުން މިމީހުން މަރުވެފައިވަނީ ސީދާ ކޮވިޑް-19 ޖެހިގެން ނުވަތަ އެމީހުން ފަރުވާ ހޯދަމުންދިޔަ އެހެން ބައްޔެއްގެ ސަބަބުން ކަމެއް ނޭނގޭކަމަށް ބިޔުރޯއިން ވަނީ ބުނެފައެވެ.
މެއި މަހުގެ 3 ވަނަ ދުވަހާ ހަމައަށް އެޤައުމުގައި ކޮވިޑް-19 ޖެހިގެން ރިޕޯޓުކޮށްފައިވަނީ 28،884 މީހުންނެވެ. އެމެރިކާ ނެގުމަށްފަހު އެންމެ ގިނަ ޢަދަދަކަށް މީހުން މަރުވެގެން ރިޕޯޓުކުރަމުން އަންނަނީ އިޓަލީގައެވެ.
އިޓަލީގައި މަރޗް މަހު މީހުން މަރުވާ ރޭޓް އުޅުނީ ފާއިތުވި 5 އަހަރާ އަޅާބަލާއިރު %49 މަތީގައެވެ. އުތުރުގެ ހިސާބުތަކުގައި %95 އިންސައްތަ ވަނީ މަތިވެފަ އެވެ. މެދުތެރޭގައި %9 އިތުރުވިއިރު ދެކުނު ޞަރަޙައްދުގައި މަރުވާ ރޭޓް އިތުރުވެފައިވަނީ %2 އެވެ.