މިޞްރުގައި މިިދިޔައަހަރު އިޢުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ އަމުރު ދައްމާލައިފިއެވެ.
ކުއްލި ނުރައްކަލުގެ ޙާލަތުގެ އަމުރު ދިގުންދަންމާލަން އެޤައުމުގެ ރައީސް ފޮނުއްވި ޤަރާރު، ޤާނޫނު ހަދާ މަޖިލީހުން ހޯމަ ދުވަހު ވަނީ ފާސްކޮށްފައެވެ. މިޞްރުގެ ޤާނޫނުއަސާސި ބުނާގޮތުންނަމަ، ރިޔާސީ ޤަރާރަަކަށް ޢަމަލުކުރަން ފެށޭނީ ޤަނޫނު ހަދާ މަޖިލީހުގެ ރުހުމާއެކުގައެވެ.
މިސްރުގެ ދައުލަތުން ހިންގާ ނައިލް ޓީވީން ޚަބަރު ފަތުރާ ގޮތުގައި ކުއްލި ނުރައްކަލުގެ ޙާލަތުގެ އަމުރު ދިގުދަންމާލާފައިވަނީ ޞިއްޙީ ރައްކަލަށް ކުރަމުންދާ މަސައްކަތައް އިތުރު ބާރެއް ދިނުމުގެ ގޮތުންނާއި، އަދި ޤައުމީ، ޞަރަޙައްދީ ފެންވަރެއްގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ޓެރަރިޒަމާއި ދެކޮޅަށް އެޤައުމުން ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކުރުމުގެ މަޤްޞަދުގައެވެ.
ރިޔާސީ ޤަރާރެއް ފާސްކޮށްފައި މިވަނީ ޤައުމަށް އޮތް ނުރައްކަލާބެހޭ ގޮތުން އާދީއްތަ ދުވަހު އެޤައުމުގެ ބޮޑުވަޒީރު މުޞްޠަފާ ޢަބްދޫލީ ޤާނޫނު ހަދާ މަޖިލީހުގައި ބަޔާނެއް ދެއްވާފައި ވަނިކޮށްނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ނުރައްކާތެރި ހަރުކަށި ގްރޫޕުތަކުން އެޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް ނުރައްކާ ކުރަމުންދާކަމަށް ވިދާޅުވެ، މިކަމާއި އިތުރު ހަރުކަށި ފިޔަވަޅު ނާޅައިފިނަމަ ނުރައްކަލާއި ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ދެއްވިއެވެ. އަދި އައިސްދާނެ ޓެރަރިސްޓު ޙަމަލާއަކުން ދިފާޢުވުމަށް، މަދަނީ ފުލުހުންނާއި ސަލާމަތީ ބާރުތައް އަބަދުވެސް ތައްޔާރަށް އޮތުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައިވެއެވެ.
މިދިޔަ އަހަރުގެ އެޕްރީލް މަހު މިޞްރުގެ ރައީސް ފައްތާޙު އަލް-ސީސީ ކުއްލި ނުރައްކަލުގެ ޙާލަތު އިއޢުލާނު ކުރެއްވީ އެޤައުމުގެ އިސްކަންދަރިއްޔާ އާއި، ޓެންޓާ ސިޓީގެ ކޮޕިޓް ޗަރޗަށް ހަނގުރާމަވެރިން ދިން ޓެރަރިސްޓް ޙަމަލާއާއި ގުޅިގެންނެވެ. މި ޙަމަލާގައި 45 މީހުން މަރުވިއެވެ. ކުއްލި ނުރައްކަލުގެ ޙާލަތުގެ އަމުރުގެ ދަށުން އެޤައުމުގެ އެކި އިކި އިދާރާތަކައް ކުރުން ލާޒިމު ކަންތައްތަކެއް ހުރެއެވެ. އެގޮތުން ސަލާމަތީ ބާރުތަކައް ވަކި ވަކި ފަރުދުން ހައްޔަރުކުރުމުގެ ބާރާއި، ބައެއް ޞަރަޙައްދުގައި ހިންގާ ޙަރަކާތްތައް ހުއްޓުވުމުގެ ބާރު ލިބިގެންވެއެވެ.