ދުނިޔޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ދެ ވަނަ އަށް އެންމެ ގިނަ މީހުން މަރުވަމުންދަނީ އިޓަލީންނެވެ. ނަމަވެސް ޔޫރަޕްގައި މިވަގުތު އެންމެ ހާލަތު ގޯހީ އިނގިރޭސިވިލާތުގެ އެވެ.
މިހާރުގެ ނަންބަރުތަކަށް ބަލާއިރު އިނގިރޭސިވިލާތުގައި ފާއިތުވި 24 ގަޑިއިރު 621 މީހުން މަރުވެ ޖުމްލަ އަދަދު ވަނީ 28،131 ށް އަރާފަ އެވެ. ދެ ވަނާގައި އޮތް އިޓަލީގައި މީހުން މަރުވެފައިވާ އަދަދަކީ 28,710 އެވެ.
އިނގިރޭސިވިލާތުގައި ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދާއި ވައިރަސް ޖެހޭ މީހުންގެ އަދަދުތައް މައްޗަށް ދާތީ ބޮޑުވަޒީރު ބޮރިސް ޖޯންސަން އަށް ވަނީ އެގައުމުގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. އެގޮތުން ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ފުރަތަމަކޮޅު އެކަށީގެންވާ ފިޔަވަޅުތަކެއް އިނގިރޭސި ސަރުކާރުން އަޅާފައިނުވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.
67 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިނގިރޭސި ވިލާތުގައި 182,260 މީހުންނަށް ވަނީ ވައިރަސް ޖެހިފައެވެ. ވައިރަސް ޖެހުނު މީހުންގެ ތެރޭގައި ބޮޑުވަޒީރު ބޮރިސް ވެސް ހިމެނި ވަޑައިގަންނަވަ އެވެ.
ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށިއިރު ބޮރިސް ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ގައުމު ލޮކްޑައުން ކުރެއްވުމަށް ފަސްޖެހިވަޑައިގަންފަ އެވެ. އިގްތިޞާދީ ހަރަކާތްތަކާއި އާންމުން އެއްވެ އުޅެގެން ހިންގާ ހަރަކާތްތައް މެދުކަނޑާލެއްވުމަށް ވަގުތުތަކެއް ނެންގެވި ނަމަވެސް ފަހުން އެގައުމުން މިލިއަނެއްހާ މީހުން ވައިރަސް ޖެހިގެން މަރުވެދާނެކަމަށް އަންދާޒާ ކުރެވުމާއެކު ވަނީ ލޮކްޑައުންކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.
ބޮރިސް ވިދާޅުވެފައިވަނީ އިނގިރޭސިވިލާތް ޕީކަށް ގޮސްފައިވާ ކަމަށާއި ނަމަވެސް ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް އަދި މާއަވަސް ކަމަށެވެ. އެއީ ދެވަނަ ފަހަރަށް ޕީކެއް އައިސް ހޮސްޕިޓަލްތައް ބަލިމީހުން ނައިގެން ފުރިދާނެ ތީ ކަމަށް ބޮރިސް ވަނީ ވިދާޅުވެފަ އެވެ. އިނގިރޭސިވިލާތް ލޮކްޑައުން ކޮށްފައިވަނީ މަރޗް މަހުގެ 23 ވަނަ ދުވަހު އެވެ.
އިނގިރޭސިވިލާތަކީ ދުނިޔޭގެ ފަސް ވަނައަށް އެންމެ ބޮޑު އިގްތިޞާދެވެ. 3 ޓްރިލިއަން އެމެރިކާ ޑޮލަރުގެ މިއިގްތިޞާދަށް ވެސް ވަނީ ލޮކްޑައުންގެ ސަބަބުން ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. އެހެންކަމުން ބޮޑުވަޒީރު ބޮރިސް މިހާރު ގެންދަވަނީ މިވައިރަސްގެ ދެ ވަނަ ޕީކެއް ނައިސް އެގައުމުގެ އިގްތިޞާދު ނަގާކޮޅަށް ޖެހޭނެ ގޮތްތަކެއް ހޯއްދަވަމުންނެވެ. މި ޕްލޭން އަންނަ ހަފްތާގެ ތެރޭގައި ބޮރިސް ހާމަކުރައްވާނެ އެވެ.
ބޮރިސް ވަނީ އެގައުމުގެ ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވައިރަސް އަށް ޓެސްޓް ކުރުމަށް ނިންމަވާފަ އެވެ. އެގޮތުން ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ކުރިން މިޓެސްޓްތައް ކުރުމަށް ވަނީ ނިންމާފަ އެވެ. އެއާއެކު ދުވާލަކު މަރުވާ މީހުންނާއި ދެ ވަނަ ޕީކެއް އައުމުގެ ފުރުސަތު ކުޑަކުރެވިގެންދާނެ އެވެ.
ސަރުކާރުގެ ސައިންޓިސްޓުން ބުނަމުންދަނީ ދުވާލަކު މަރުވާ މީހުންގެ އަދަދުތައް ދަށަށް ދިޔުމުގެ ކުރިން ގިނަ އަދަދެއްގެ ބަޔަކު ދުވާލަކު މަރުވަމުންދާނެ ކަމަށެވެ.