ސިޔާސީ ލީޑަރުން ފުލުސް އޮފީހަށް ހާޒިރު ކުރަނީ ކޮންމެހެން ޖިނާއީ ކުށެއް ކޮށްގެން ނޫން ކަމަށާއި އެކަންކުރަނީ މިސަރުކާރުގެ ބަލިކަށިކަން އިރުވެގެންދާތީ ސިޔާސީ ލީޑަރުންނަށް ބިރު ދެއްކުމަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލު އަދި އެމްޑީޕީގެ ލީގަލް ޑައިރެކްޓަރ ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހުގެ ރޭ ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ ސިޔާސީ ޕާޓީން އެޕާޓީއަކުން ބޭނުންވާ ވޯޓް ހޯދުމަށް މަސައްކަތްކުރާނެ ކަމަށާއި އެއީ މިހާރު ވެސް އަދި މީގެ ކުރިން ވެސް ރާއްޖޭގައި ކަން ހިނގަމުންދާ ގޮތް ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ރިޝްވަތު ދޭން އުޅުކަމުގެ ތުހުމަތުގައި ފުލުހުންގެ އިދާރާއަށް ހާޒިރު ކުރާތީ އެކަމާ ގުޅޭ ގޮތުން ހިސާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ނުވަތަ އެހެން ވެސް ވޯޓެއް ހޯދުމަށް މަސައްކަތް ކުރުމަކީ ސިޔާސީ ޕާޓީތަކުން ކުރާ ކަމެއް ކަމަށެވެ. އަދި ގާސިމްގެ މައްޗަށް ކުރާ ތުހުމަތަކީ ތާކުންތާކުން ނުޖެހޭ، އެއްވެސް އަސާސެއް ނެތް ތުހުމަތެއް ކަމަށް ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ މުލަކު ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނެއިރު، 2012 ރައީސް ނަޝީދުގެ ވެރިކަން ބަދަލު ކުރުމަށް އެއްވި އެއްވުމެއްގައި ފުލުހުން ޔުނީފޯމް ބާލައި ނިކުމެ ވަޑައިގަތުމަށް ރައީސް ޔާމީން ގޮވާލައްވައި، ފުލުހުންނަށް ރަނގަޅު ގޮތްތައް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ވިދާޅުވުން ފުލުހުންނަށް އޭރު ހުށަހެޅި ނަމަވެސް އެމައްސަލަ ތަހުގީގު ކޮށްފައި ނުވާ ކަމަށެވެ. އެއީ ސީދާ ކޮރަޕްޝަންގެ އަމަލެއް ކަމަށް ވެސް ހިސާނު ވިދާޅުވި އެވެ.
މީގެ އިތުރުން ހިސާން ވިދާޅުވީ ފުލުހުންގެ ބެރިކޭޑް މަތިން ފުލުހުންގެ ތެރެއަށް ފުއްމާލެއްވި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާނު ހުސައިންމަނިކުގެ މައްސަލަ ވެސް އެއީ އެހާސާފު މައްސަލައެއް ކަމަށާއި އެމައްސަލަތައް ތަހުގީގު ކުރެވެމުން ނުދާ ކަމަށެވެ.
ހިސާން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކޮށް، ޖުމްހޫރީ ޕާޓީގެ އެހީތެރިކަމާ އެކު މަޖިލީހަށް ހޮވިވަޑައިގަތުމަށް ފަހު، ޕާޓީ ބަދަލުކުރި މެމްބަރުންނަށާއި ޖުމްހޫރީ ޕާޓީއާ އަލަށް ގުޅޭ މެމްބަރުންނަށް ޕާޓީގެ ޓިކެޓް ދެއްވާނެ ކަމަށް ވިދާޅުވުމަކީ އެއީ ޖިނާއީ މައްސަލައެއް ނޫން ކަމަށެވެ. އަދި ގާސިމަކީ ޖުމްހޫރީ ޕާޓީއާއި އެހެނިހެން ސިޔާސީ ފަރާތްތަކުގެ އިތުރުން ގިނަ ދިވެހި ރައްޔިތުންނަށް އެހީވާ ބޭފުޅަކަށް ވާއިރު އެއީ ކޮރަޕްޝަން ކަމަށް ބެލުމަކީ ބުއްދި ހަމަނުޖެހޭ ކަމެއް ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.
ހިސާނު ވިދާޅުވީ ރައީސް ޔާމީނަށް ތާއީދު ނުކުރާ ފަރާތްތަކަށް ހިޔާލު ފާޅުކުރުމުގެ ހައްގެއް ނޯންނަ ކަމަށާއި އެއްވެ އުޅުމުގެ މިނިވަންކަމާއި ދުލާއި ގަލަމުގެ ބޭނުން ހިފުމުގެ ހައްގެއް ނެތް ކަމަށެވެ.
ހިސާން ވަނީ ފުލުހުންގެ މުއައްސަސާ ސިޔާސީ ނުފޫޒުން އެއްކިބާވެ، ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދުއުމަށް ގޮވާލައްވާފަ އެވެ.