ދުނިޔޭގެ ތިން މިލިއަނަށްވުރެ ގިނަ މީހުންނަށް ޖެހިފައިވާ ކޮވިޑް-19 އަށް ކާމިޔާބު ފަރުވާއެއް ހޯދިފައިވާކަމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ން ހާމަކޮށްފި އެވެ.
ކޮވިޑް-19 ޖެހިގެން މިހާތަނަށް އައިއިރު ދެ ލައްކައަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ދުނިޔޭގައި ކުރިއަރާފައިވާ ގިނަ ގައުމުތަކަކުން އަންނަނީ މިވައިރަސްއަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެމަސައްކަތް ކުރަމުން ދަނިކޮށް ޔޫއޭއީގެ ރިސަރޗް އިންސްޓިޓިއުޓެއް ކަމުގައިވާ އަބޫ ދާބީ ސްޓެމް ސެލް ސެންޓަރުން ވައިރަސް އަށް ފަރުވާކުރެވޭނެ ކާމިޔާބުގޮތެއް ހޯދާފައިވާކަން މިވަނީ އިއުލާންކޮށްފަ އެވެ.
އެ ސެންޓަރުން ބުނެފައިވަނީ މި ފަރުވާ އީޖާދުކުރީ ޑޮކްޓަރުންނާއި ރިސާޗަރުންގެ މައްޗަށް އެކުލެވޭ ޓީމެއްގެ މަސައްކަތުން ކަމަށާއި މިހާތަނަށް މި ފަރުވާ ދިން 73 މީހުން ވެސް ކާމިޔާބުކަމާ އެކު ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިފަރުވާ އިތުރަށް ޔަގީން ކުރުމަށްޓަކައި ހަދަންޖެހޭ އިތުރު ދިރާސާތައް ކުރިއަށް އޮތް ދެތިން ހަފުތާ ތެރޭ ނިމޭނެ ކަމަށް އެސެންޓަރުން ބުނެއެވެ.
މި ފަރުވާ ދެނީ ބަލި މީހާގެ ލެއިން ސްޓެމް ސެލް ނަގައި "އެކްޓިވޭޓް" ކުރުމަށްފަހު އަލުން ހަށިގަނޑަށް ފޮނުވައިގެންނެވެ. އަލަށް ދެނެގަތް ގޮތް ބޭނުން ކޮށްގެން ސްޓެމް ސެލް ނަގައި ބަދަލުތައް ގެނެއެވެ. އަދި ފުއްޕާމެޔަށް ފޮނުވާލަނީ އާވީގެ ގޮތުގައި ނެބުލައިޒް ކޮށްގެންނެވެ. އެސެންޓަރުން ބުނީ މި ފަރުވާ ދިނުމުން ފުއްޕާމޭގެ ސެލްތައް އަލުން ހެދެން ފަށަ އެވެ. އަދި މި ފަރުވާގައި ކޮވިޑް-19 އަށް ހަށިގަނޑުގެ ދިފާއީ ނިޒާމު އޯވަ ރިއެކްޓްކުރުން ކޮންޓްރޯލްކޮށްދެ އެވެ.
މިއީ ޔޫއޭއީން މިގޮތަށް ކުރިޔަށްގެންދިޔަ 60 ށް ދިރާސާގެ ތެރެއިން ކާމިޔާބުކުރެވުނު ދިރާސާކަމަށް އެގައުމުން ބުނެއެވެ.
ޔޫއޭއީގައި ތޭރަ ހާހަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާއިރު އެގައުމުގައި އަންނަނީ ގިނަ ބަޔަކު ވައިރަސް އަށް ޓެސްޓްކޮށްގެން ވައިރަސް ފެތުރުން ކޮންޓްރޯލް ކުރަމުންނެވެ.