ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ގާނޫނު އަސާސީން ލިބިދޭ އެއްވެސް ހައްގެއް ދޫކޮށް ނުލައްވާނެ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން މިހެން ވިދާޅުވެފައިވަނީ، އާދިއްތަ ދުވަހުގެރޭ ކުރެއްވި ޓުވީޓެއްގައެވެ.
Dhivehi rayyithehge haisiyyathun qaanoon asaasee alhugan'dah libidhey evves haqqeh dhoo kosheh nulaanan. 1/2
— Maumoon Abdul Gayoom (@maumoonagayoom) April 2, 2017
އެމަނިކުފާނުގެ ޓްވީޓުގައި އިތުރަށް ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ހުންނަވާނީ ރައްޔިތުންގެ ޚިދުމަތުގައި ކަމުގައެވެ.
Iraadha kurevviyyaa alhugan'du abadhu ves hunnaanee rayyithunge khidhmathu gai. 2/2
— Maumoon Abdul Gayoom (@maumoonagayoom) April 2, 2017
ބޭސް ފަރުވާއަށް އިންޑިޔާގެ ބެންގަލޫރުގައި ހުންނެވި ކުރީގެ ރައީސް މައުމޫން ހޮނިހިރު ދުވަހު ވަނީ އެމަނިކުފާނުގެ އަމިއްލަ ނަންފުޅު ވިދާޅުވުމުގެ ހުއްދަ އޮތްތޯ ސުވާލު އުފައްދަވާ ޓްވީޓްކުރައްވާފަ އެވެ.
އަދި މުސްލިމެއް ކަމުގައި ދިވެއްސެއް ކަމުގެ އިތުރުން އަމިއްލަ ގައުމު ދެކެ ލޯބިވާ ވާހަކަ ބުނުމުގެ ހުއްދަވެސް ހޯދަން ޖެހޭތޯ ޓްވީޓާގައި އެމަނިކުފާނު ވަނީ ސުވާލު އުފައްދާފަ އެވެ.
ރައީސް މައުމޫން މިފަދަ ގޮތަކަށް ޓްވީޓްކުރައްވާފައިވާ އިރު، ހުކުރު ދުވަހު ރޭ ސިވިލް ކޯޓުގެ އަމުރެއްގެ ދަށުން ފުލުހުން ގޮސް ޕީޕީއެމްގެ ރައީސް މައުމޫންގެ އޮފީސް ބަންދުކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. ރައީސް މައުމޫނަށް އަމާޒުކޮށް ކޯޓުން ނެރެފައިވާ އަމުރުގައި ޕީޕީއެމްގެ ނަމާއި ލޯގޯ އާއި ލެޓަހެޑް ފަދަ ތަކެތި ބޭނުންނުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.
ސިވިލް ކޯޓުގެ އަމުރުގައި ބުނެފައިވާ ގޮތުގައި ޕީޕީއެމްގެ ރައީސް އޮފީހުގެ ނަމުގައި އޮފީހެއް ހިންގުމާއި އެ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުމާއި އެ ޕާޓީގެ ނަމުގައި ޖަލްސާތައް ބޭއްވުމަކީ އެ ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށް، ކުރިން ކޮށްފައިވާ ހުކުމާ ޚިލާފް އަމަލެކެވެ.
ޕީޕީއެމްގެ ރައީސްގެ މަޤާމުން ކުރީގެ ރައީސް މައުމޫން ވަކި ކުރައްވާފައިވަނީ ޕީޕީއެމް ރައީސް ޔާމީން ފެކްޝަނުން ބޭއްވި ސްލޫކީ ކޮމިޓީންނެވެ.
ޕީޕީއެމްގެ ހިންގުމުގެ ގަވައިދު ބުނާ ގޮތުން ޕާޓީގެ ރައީސް ވަކި ކުރުމަށް ގައުމީ ޖަލްސާއެއް ބާއްވަން ޖެހެ އެވެ. އަދި ރައީސް ވަކި ކުރުމަށް، ތިން ބައި ކުޅަ އެއްބައި މީހުންގެ ވޯޓު ބޭނުންވާނެ އެވެ. އެހެން ނަމަވެސް ރައީސް ވަކި ކުރުމަށް ގައުމީ ޖަލްސާއެއް ބާއްވާފަ އެއް ނުވެ އެވެ.
ޕީޕީއެމްގެ ހިންގުމުގެ ބާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ނަގާފައިވާއިރު، އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތުން ޕާޓީ ހިންގުމުގެ އެއްވެސް މަސްއޫލިއްޔަތެއް މުސްތަޝާރަށް ނުއުފުލޭނެ ކަމަށް، ރައީސް މައުމޫނުގެ ފެކްޝަންގެ ބޭފުޅުން ވިދާޅުވެ އެވެ.