ކ. މާލެ
|
3 އޭޕްރިލް 2017 | ހޯމަ 01:12
ސައުދާއެކު ފާރިސްގެ ޓީމުން ބޭއްވި ބައްދަލުވުން
ސައުދާއެކު ފާރިސްގެ ޓީމުން ބޭއްވި ބައްދަލުވުން
ޓްވިޓަރ
ސައުދު ޔާމީނާ ފެޔަށް
ރައީސް ޔާމީން ފެކްޝަންގެ މަޖިލިސް މެންބަރު ސައުދު އިދިކޮޅު ޕާޓީތަކާ ގުޅިއްޖެ
އިތުރު މެންބަރުންވެސް އިސްލާހީ ހަރަކާތާ ވަރަށް އަވަހަށް ގުޅޭނެ
ސައުދު ވަނީ ކުރީގެ ރައީސުންނަކީ ޤައުމުގެ އެންމެ ބޮޑު ރައުސުލްމާލުގެ ގޮތުގައި ސިފަކުރައްވައި
މައުމޫނުގެ ޚިދުމަތް މިގައުމުން ފޮހެއެއް ނުލެވޭނެ: ސައުދު

ދެކަފި ވެފައިވާ ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ގއ ވިލިނގިލީ ދާއިރާގެ މެންބަރު މެމްބަރު ސައުދު ހުސެއިން، ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކާ ގުޅިވަޑައިގެންފިއެވެ.

ރައީސް މައުމޫން ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވަނީ ޓްވީޓަކުން އެކަން ކަށަވަރުކޮށް ދެއްވާފައެވެ.

މެންބަރު ވަހީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމާއި ރައީސް މުހައްމަދު ނަޝީދުއާއި ޤާސިމް އިބްރާހީމް އަދި އިމްރާން ޢަބްދުﷲ ފެއްޓެވި އިސްލާހީ މަސައްކަތަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ގުޅިވަޑައިގަންނަވައިފި ކަމަށެވެ.

 

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންގެ ޓީމާއި ސައުދު ހުސައިން ވަނީ އާދީއްތަ ދުވަހުގެ އިރުއޮއްސުނު ވަގުތުން ފެށިގެން ދެގަޑިއެއްހާއިރު ވަންދެން  ސިޓްރޮންގައި ބައްދަލު ކުރައްވާފައެވެ.

މިބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ގުޅިފައިވާ ޕާޓީތަކުން ފަށާފައިވާ އިސްލާހީ ހަރަކާތާ ސައުދު ގުޅިވަޑައިގެންނެވިކަން ވަހީދު ހާމަކުރައްވާފައި މިވަނީ މިބައްދަލުވުމަށް ފަހުގައެވެ.  

ސައުދު އިސްލާހީ ހަރަކާތާ ގުޅިވަޑައިގަންނަވާފައި މިވަނީ ކުރީގެ ރައީސުންނަކީ ޤައުމުގެ އެންމެ ބޮޑު ރައުސުލްމާލުގެ ގޮތުގައި ސިފަކުރައްވައި، ކުރީގެ ރައީސުންނަށް އިހުތިރާމްކުރުމަށް، މެމްބަރު ސައުދު ހުސެއިން ގޮވާލައްވާފައި ވަނިކޮށެވެ.

ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީންގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު ސައުދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ ކުރީގެ ރައީސުންނަށް މިއަދު ނުކުރި އިހުތިރާމެއް، މާދަމާ ނުކުރާނެ ކަމަށެވެ. ސައުދު ވިދާޅުވީ ކުރީގެ ރައީސުންނަކީ ޤައުމުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށާއި، އެ ބޭފުޅުންނަށް އިހުތިރާމް ކުރުމަށް ގޮވާލައްވާ ކަމަށެވެ.

ސައުދުގެ ޓުވީޓްގައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް މައުމޫނު އަބްދުއް ޤައްޔޫމާއި، ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ފޮޓޯއެއް ވެސް އެޓޭޗްކުރައްވާފަ އެވެ.

ސައުދު މިފަދައިން ޓުވީޓްކުރެއްވިއިރު، ކުރީގެ ރައީސް މައުމޫނަށް ދެމުންގެންދިޔަ ގިނަ އިނާޔަތްތަކެއް މެދުކަނޑާލާ، ކުރީގެ ރައީސުންނަށް ދެމުންގެންދާ އިނަޔާތްތައް ހުއްޓުވުމަށް އިސްލާހެއް ހުށަހެޅުމަށް ރައީސް ޔާމީންގެ ފެކްޝަންގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ގޮވާލައްވާފަ އެވެ.

އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވެފައި ވަނީ ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ޤާނޫނަށް އިސްލާހު ހުށައެޅުމަށް ޕީޕީއެމްގެ ޕީޖީ ލީޑަރަށް ގޮވާލައްވާ ކަމަށެވެ.

ސައުދު މިރޭ އިރާކޮޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މައުމޫނުގެ ޚިދުމަތް ގައުމުން ފުހެ ނުލެވޭނެ ކަމަށެވެ.

ރައީސް ޔާމީންގެ ފަޅީގައި ހުންނެވި ނަމަވެސް ފަހަކަށަ އައިސް ސައުދު ވެސް ގެންދަވަނީ ސަރުކާރުގެ ބައެއް ކަންކަމަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން "ދިވެހި އެންމެ ބޮޑު އެކްސްޕޯޓް އިންޑަސްޓްރިއަލް އައިލެންޑް ކަމަށްވާ ކޫއްޑޫ ފިޝަރީސްގެ ކުރިއެރުމާ މެދު މުވައްޒަފުންނާއި ގއ. އަތޮޅުގެ ރައްޔިތުންގެ އުންމީދު މިވަނީ ގެއްލިފައި" ކަމަށެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ރައްޔިތުނގެ މަޖިލީހުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހު ނެގުނު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓުގައިވެސް ސައުދު ހުންނެވީ މަޖިލީހުގެ ރައީސް މަސީހުއާ ދެކޮޅަށް ވޯޓު ދެއްވުމަށެވެ.

ސައުދުގެ އިތުރުން ޕީޕީއެމް ރައީސް ޔާމީން ފެކްޝަނަށް ނިސްބަތްވާ އިތުރު މެންބަރުން ތަކެއްވެސް ދާދި އަވަހަށް ގުޅިފައިވާ ޕާޓީތަކުގެ އިސްލާހީ ހަރަކާތާ ގުޅޭނެ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.

- ކޮމެންޓް