ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ އާބާދީގެ ބޮޑު ޕަސެންޓަކީ އޯޓިސްޓިކް ދަރިވަރުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ ޢައުޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
އޯޓިޒަމަށް ހޭލުންތެރިކުރުވަނިވި ބައިނަލްއަޤުވާމީ ދުވަހާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ ޢައިޝަތު ޝިހާމް ނުރެއްވި ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި އިންޓަރނޭޝަނަލް ރިސާރޗްތަކުން ދައްކާ ގޮތުން ކޮންމެ 68 ކުއްޖަކުން އެއް ކުއްޖަކީ އޯޓިޒަމް ސްޕެކްޓްރަމް ޑިސޯޑަރ (އޭ.އެސް.ޑީ) ހުންނަ ކުއްޖެއްގެ ގޮތުގައި ފާހަގަކުރެވޭ ކުއްޖެކެވެ.
އެކަމަނާގެ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ އާބާދީގެ ބޮޑު އިންސައްތައަކީ އޯޓިސްޓިކް ނުވަތަ އޭ.އެސް.ޑީ ހުންނަ ދަރިވަރުންގެ ގޮތުގައި ފާހަގަކުރެވޭ ކުދިން ކަމަށް ވާތީ "ޑިޕްލޮމާ އިން އިންކްލޫސިވް އެޑިޔުކޭޝަން" ކޯހުގައި އޯޓިޒަމަށް ޚާއްޞަ މޮޑިއުލެއް ފަރުމާ ކުރެވި 152 ގަޑިއިރުގެ ކިޔަވައިދިނުން ހިމެނޭ ގޮތަށް މި ކޯސް ވަނީ އެކުލަވާލެވިފައެވެ. މި ދަރިވަރުންނަށް އުނގަންނައި ދިނުމުގައި މިއަދު ޚިދުމަތުގައި ތިއްބެވި 215 މުދައްރިސުންނަކީ އިސްވެ ދެންނެވުނު ކޯސް ފުރިހަމަކޮށް ފައިވާ މުދައްރިސުން ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން މިއަދާ ހަމަށް ޚާއްޞައެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ސެޓްފިކެޓް ލެވެލްގެ 28 ޓީޗަރުން ވަނީ ތަމްރީން ކުރެވިފައެވެ. ޑިޕްލޮމާ ފެންވަރުގެ 189 ޓީޗަރުންވަނީ ތަމްރީން ކުރެވިފައެވެ. ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ޑިގްރީ ފެންވަރުގެ 23 ޓީޗަރުން މިހާރު ދަނީ ޤައުމީ ޔުނިވަރސިޓީ ގައި ތަމްރީން ވަމުންނެވެ. މި ތަމްރީންތައް ޑިޕްލޮމާ ފެންވަރުގެ 128 މުދައްރިސުން ގެންދަނީ ފުރިހަމަކުރަމުން ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ،
އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެފައި ވަނީ ރާއްޖޭގެ 193 ސްކޫލެއްގައި އިންކްލޫސިވް އެޑިޔުކޭޝަން ޕްރޮގްރާމްތައް ދަނީ ހިންގެމުންނެވެ. މާލެއާއި އަތޮޅުތަކުގައި ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް ސްޕެޝަލައިޒްޑް ތިން ސެންޓަރެއް ވަނީ ހުޅުވިފައެވެ. މީގެ އިތުރުންވެސް 39 ސްކޫލެއްގައި އިންކްލޫސިވް ޔުނިޓްތައް ހެދި ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ދަނީ ފޯރުކޮށް ދެވެމުންނެވެ.
މިނިސްޓަރުގެ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ ކިޔަވާ ކުދިންގެ ތެރެއިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ގޮތުގައި ފާހަގަކުރެވޭ 2015 ދަރިވަރަކު ސްކޫލްތަކުގައި ތަޢުލީމް ޙާޞިލްކުރަމުން ގެންދެއެވެ. މި ކުދިންގެ ތެރެއިން ބޮޑު އިންސައްތައެއްގެ ދަރިވަރުންނަކީ އޭއެސްޑީ ހުންނަ ދަރިވަރުންކަން މިނިސްޓަރު ފާހަގަ ކުރައައްވާފައިވެއެވެ.
މި ދަރިވަރުންނަށް ފޯރުކޮށްދެވޭ ތަޢުލީމަކީ، އެކުދިންގެ ފަރުދީ އަދި ޢިލްމީ ބޭނުންތައް ޙާޞިލްކުރެވޭ ގޮތަށް ރިޢާޔަތްކުރެވިގެން ފޯރުކޮށްދެވޭ ތަޢުލީމަކަށް ހެދުމަށްޓަކައި، މުދައްރިސުންގެ ތަމްރީން ޕްރޮގްރާމްތައް ފަރުމާކުރެވިފައިވަނީ މި ބޭނުންތައް ފުއްދޭނެ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ،
މިނިސްތަރު ވިދާޅުވި ގޮތުގައި ތަޢުލީމީ ނިޒާމްގެ ތެރޭގައި މަސައްކަތްކުރާ ކޮންމެ މުދައްރިސަކީ ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް އުނގަންނައި ދިނުމުގައި ބޭނުންވާ މަޢުލޫމާތާއި ހުނަރުހުރި ޤާބިލް މުދައްރިސަކަށް ހެދުމުގެ ގޮތުން ޓީޗަރުން ތަމްރީންކުރުމުގައި ކަނޑައެޅިފައިވާ، މުދައްރިސުންނަށް އުނގަންނައިދޭ ބައިތަކުގެ ތެރޭގައި ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމާއި ބެހޭ މޮޑިއުލްތައް ވާނީ ހިމަނާފައެވެ.
މީގެ އިތުރުން ވަކިން ޚާއްޞަކޮށް ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް އުނގަންނައި ދިނުމުގައި މަސައްކަތްކުރައްވާ މުދައްރިސުން ތަމްރީން ކުރުން 2014 ވަނައަހަރުން ފެށިގެން ގިނަގުނަ ތަމްރީން ޕްރޮގްރާމްތައް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދާ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެން.އައި.އީ) ގެ ސީދާ ބެއްލެވުމުގެ ދަށުން ކާމިޔާބް ކަމާއެކު ހިންގިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.