ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީގެ ބޭންކް އެކައުންޓްތައް ފްރީޒްކުރި މައްސަލައަށް ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާއިން ހައްލެއް ނުލިބުމުން ޝަރީއަތަށް ފޮނުވަައިފި އެވެ.
ވިލާގެ އެކައުންޓްތައް ފްރީޒްކުރިކަން އަންގައި، މީރާގެ ޑިރެކްޓަރ ޖެނަރަލް އެންފޯސްމަންޓް ފާތިމަތު އަމީޒާ ސޮއިކުރައްވާ ވިލާ ޝިޕިންއަށް މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހު ފޮނުވި ސިޓީގައި ބުނެފައިވަނީ ތ. އެލާއާއި ގުޅިގެން ވިލާ ގުރޫޕުން ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ވިލާ ޝިޕިންއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ. އެގޮތުން ދައުލަތުގެ އެކި އިދާރާތަކުންދޭ ބައެއް ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލުމާއި، ވިލާ ޝިޕިންގެ ނަމުގައިވާ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފައިވާ ކަމަށެވެ.
މީރާ އިން ފޮނުވި ސިޓީގައިވާ ގޮތުން ތ. އެލާގެ ބިމު ކުލީގެ ގޮތުގައި 3.7 ޑޮލަރު (58.1 މިލިއަން ރުފިޔާ) އާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 14.6 މިލިއަން ޑޮލަރު (225.5 މިލިއަން ރުފިޔާ) އަދި އިންޓަރެސްޓް ރޭޓްގެ ގޮތުގައި ދައްކަންޖެހޭ 226،351 އެމެރިކާ ޑޮލަރު (3.4 މިލިއަން ރުފިޔާ) މީރާއަށް ދައްކަންޖެހެ އެވެ. އެއީ ޖުމުލަ 18.6 މިލިއަން އެމެރިކާ ޑޮލަރު (286.8 މިލިއަން ރުފިޔާ) އެވެ.
ބޭންކް އެކައުންތްތައް ފްރީޒްކުރި މައްސަލަ ވިލާ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅީ މާޗް މަހުގެ 26 ވަނަ ދުވަހު އެވެ. ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނުގައި މާޗް މަހުގެ 30 ވަނަ ދުވަހު އެ މައްސަލަ ކުރިއަށް ގެންގޮސްފައިވެ އެވެ. ނަމަވެސް، ވިލާ ކުންފުންޏާއި ދައުލަތާ ދެމެދު ކުރެވުނު މަޝްވަރާ އިން ހައްލެއް ނުލިބުމުން މައްސަލަ ޝަރީއަތަށް ފޮނުވުމަށް ކޯޓުން ވަނީ ނިންމާފަ އެވެ.
ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި އެ ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ދައުވާކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތް ހާޒިރުކޮށް ޝަރީއަތުން ބޭރުގައި މަޝްވަރާކޮށްގެން މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރެ އެވެ. ޝަރީއަތަށް މައްސަލަ ފޮނުވާނީ އެ މަރުހަލާއިން މައްސަލަ ހައްލު ނުވެއްޖެ ނަމަ އެވެ.
ވިލާ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ އެކުންފުނިން ދައްކަންނުޖެހޭ ފައިސާތަކެއް ނުދައްކައިގެން ކަމަށް ބުނެ މީރާއިން އެކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފައިވާ ކަމަށާއި، އެއީ ދައްކަންނުޖެހޭ ފައިސާތަކެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ކޯޓުން މައްސަލައާ މެދު ގޮތެއް ނިންމަންދެން އެކުންފުންޏާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށް ބުނާ އަމުރެއް ނެރެދިނުމަށް ވެސް ވިލާ އިން އެދިފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުގެ މައްސަލަ މާޗް މަހުގެ 27 ވަނަ ދުވަހަށް ތާވަލުކޮށްފައިވަނިކޮށް ވިލާގެ އެކައުންޓްތައް ފްރީޒްކުރިއިރު، އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނަމުންދަނީ ވިލާގެ އެކައުންޓްތައް ފްރީޒްކުރީ ގާސިމަށް ބިރު ދެއްކުމުގެ ގޮތުން ކަމަށެވެ. ގާސިމް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އިދިކޮޅު ފަރާތްތަކާއެކު އެވެ.