ކ. މާލެ
|
28 އޭޕްރިލް 2020 | އަންގާރަ 15:14
ޕާކިސްތާނުގެ މިސްކިތެއްގައި ތަރާވީސް ނަމާދުކުރަނީ
ޕާކިސްތާނުގެ މިސްކިތެއްގައި ތަރާވީސް ނަމާދުކުރަނީ
ޕާކިސްތާން ޓުޑޭ
ޕާޚިސްތާނުގައި ވައިރަސް ފެތުރުން
ޕާކިސްތާނުގައި ކޮވިޑް-19 ފެތުރޭ މައިގަނޑު ސަބަބަކީ މީހުންނަށް މިސްކިތައް ދާން ހުއްދަ ދިނުން: ޕީމާ
 
50 އަހަރުން މަތީގެ މީހުން މިސްކިތައް ވަނުން ހުއްޓުވުމަށް ޕީމާއިން ވަނީ ގޮވާލާފައި
 
މިސްކިތްތައް ހުޅުވާފައި ބަހައްޓާނަމަ، ނުރައްކާތެރި މިންވަރަކަށް ވައިރަސް ފެތުރިދާނެކަމަށް ޑޮކްޓަރުން ދަނީ ބުނަމުން
 
ޕީމާއިން ވަނީ ކަންބުޑުވުން ފާޅުކޮށް ހުރިހައި މިސްކިތްތަކުގެ އިމާމުންނަށް ސިޓިއެއް ފޮނުވާފައި

ޕާކިސްތާނުގައި ކޮވިޑް-19 ކޮންޓްރޯލް ނުވެ ފެތުރުމުގެ މައިގަނޑު ސަބަބަކީ، މީހުން މިސްކިތައް ދިއުން ކަމަށް ޕާކިސްތާނުގެ ދީނީ ކަންތައްތަކާބެހޭ މައި ޖަމްޢިއްޔާއިން ބުނެފިއެވެ.

ޕާކިސްތާނުގެ އިސްލާމިކް މެޑިކަލް އެސޯސިއޭޝަން (ޕިމާ) އިން ބުނީ ބަރަކާތްތެރި ރަމަޟާންމަހު މީހުން އެއްވެސް ބެލުމެއް ނެތި މިސްކިތައް ދިއުމުގެ ސަބަބުން ވައިރަސް ފެތުރޭ މިންވަރު އިތުރުވަމުންދާކަމަށެވެ. މިކަމާއި ގުޅިގެން އެ ޖަމްޢިއްޔާއިން ވަނީ ޢާންމުން މިސްކިތައް ނުގޮސް ގޭގައި އެކަހެރިކޮށް ނަމާދުކުރުމަށާއި، އެހެނިހެން އަޅުކަންތައް ކުރިޔަށްގެންދިއުމަށް އިލްތިމާސްކޮށްފައެވެ.

އެޖަމްޢިއްޔާގެ ރައީސް ޑރ. އިފްތިކާރު ބާރނީ ވިދާޅުވީ ވަކި ވަކި ފަރުދުން މިދަނޑިވަޅުގައި އިޖުތިމާޢި އަދި ޖިސްމާނީ ގައިދުރުކަން ދެމެހެއްޓުން މުހިންމު ކަމަށެވެ. މިސްކިތައް މީހުން ދިއުމާއި ގުޅިގެން ފާއިތުވި ދުވަސްތަކުގައި ވައިރަސް ފެތުރޭ މިންވަރު ބޮޑުތަނުން އިތުރުވެފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ކުރިޔާ އަޅާ ކިޔާއިރު ފާއިތުވެ ދިޔަ 6 ދުވަހު ޕާކިސްތާނުގައި ދުވާލެއްގެ މައްޗަށް ވައިރަސް ފެތުރޭ މިންވަރުވަނީ ދެގުނަ އިތުރުވެފައެެވެ. އެއްމަހުގެ ތެރޭގައި 6000 މީހުން ވައިރަސް އަށް ޕޮޒިޓިވް ވީއިރު ފާއިތުވި ހަދުވަހު އެކަނިވެސް މިޢަދަދަށް މީހުން ވައިރަސް އަށް ޕޮޒިޓިވްް ވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ބާރު މިނުގައި ވައިރަސް ފެތުރެމުންދާނަމަ، އަންނަ މޭއި އަދި ޖޫންމަހު ނުރައްކާ މިންވަރަށް ވައިރަސް ފެތުރި، ދަތި އުދަނގޫތަކެއް ތަޙައްމަލުކުރަން ޖެހިދާނެކަމުގެ އިންޒާރު އިފްތިކާރުވަނީ ދެއްވާފައެވެ.

އިފްތިކާރު ވިދާޅުވީ އިންޓެންސިވް ކެއަރ ޔުނިޓް(އައިސީޔޫ) އާއި، ހޮސްޕިޓާތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާތީ އެކަމާ ހައިރާންވާ ކަމަށެވެ. އަދި ގިނަ ހޮސްޕިޓާތަކައް ނުކަތާވަރަށް ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާދޭންޖެހިފައިވާއިރު، އެހެން ބަލިތައް ތަޙައްމަލުކުރަމުންދާ މީހުންނަށް ފަރުވާދިނުމަށް ޞިއްޙީ މަރުކަޒުތަކާއި ޚިދުމަތްތެރިން ނުކުޅެދިފައިވާކަމަށެވެ.

އިފްތިކާރު މިމޭރުމުން ވާހަކަފުޅު ދައްކަވާފައިމިވަނީ ޕާކިސްތާނުގެ ކޮވިޑް ޓާސްކްފޯހުގެ އިސް ޑޮކްޓަރުންގެ ޓީމުން، މިސްކިތްތައް ހުޅުވާފައި ބަހައްޓާނަމަ ނަތީޖާ ގޯސްވާނެކަމަށް ބުނެ މިސްކިތުގައި ޖަމާޢަތުގައި ނަމާދުކުރުމާއި އަޅުކަން ކުރުމުގެ ކަންކަން ކުރިޔަށް ގެންދިއުމުން ކަންކަން މުރާޖަޢާ ކުރުމަށް މައި ސަރުކާރަށް ގޮވާލާފައި ވަނިކޮށެވެ.

ޕާކިސްތާނު ސަރުކާރުން ރަމަޟާން މަހު މިސްކިތުގައި ޖަމާޢަތުގައި ނަމާދުކުރަން މިސްކިތްތައް ހުޅުވާލީ އެޤައުމުގެ ދީނީ ޢިލްމުވެރިންގެ އިރުޝާދުގެ މަތިން ޢާންމުންނަށް އަޅުކަން ކުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުންނެވެ. ޕާކިސްތާނު ސަރުކާރުން ވަނީ މިސްކިތް ހުޅުވުމާއި ގުޅޭގޮތުް ދީނީ ޢިލްމުވެރިންނާއެކު 20 ނުކުތާގެ މައްޗަށް އެކުލެވޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ރަމަޟާން މަހު މިސްކިތްތައް ބޭނުންކުރުމުގެ އުޞޫލު ބަޔާންކޮށްވެފައިވާ މިއެއްބަސްވުމުގައި ވަނީ ރަަމަޟާންމަހު ވަކި ވަކި ފަރުދުން މިސްކިތައް ވަނުން އެއްކޮށް މަނާ ނުކުރުމަށެވެ. އަދި ޕާކިސްތާނު ސަރުކާރުން ކޮވިޑް-19 އިން ސަލާމަތްވުމަށާއި، ރައްކާތެރިވުމަށާއި، އަދި ފެތުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގައި ޢާންމުންނަށް ރަމަޟާންމަހުގެ އަޅުކަން ލުއި ފަސޭހަކޮށް ކުރެވޭނެމަގު ފަހިކޮށްދިނުން ހިމެނެއެވެ.

ޕީމާއިން ބުނެފައިވަނީ މިސްކިތައް ދާން ހުއްދަ ދިންއިރު، އިލްމުވެރިންނާއި، ސަރުކާރާ ދެމެދު އެއްބަސްވެފައި ވާގޮތައް ކަންތައްތައް ތަންފީޒުކުރަމުން ނާންނަކަމަށެވެ. އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ޕީމާއިން ފާހަގަކުރައްވާ ފައިވެއެވެ. ޕީމާއިން މިހާރުވަނީ އެޤައުމުގެ ހުރިހައި އިމާމުންނަށް ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ބަޔާންކޮށް ސިޓީއެއް ފޮނުވާފައެވެ. އެސިޓީގައި، އުމުރުން 50 އަހަރަށްވުރެ މަތީގެ މީހުން މިސްކިތައް އެރުން މަނާކުރުމާއި، ފޭސް މާސްކު އެޅުމާއި، ޖިސްމާނީ ގައިދުރުކަން ދެމެހެއްޓުމުގެ އިތުރުން ޞިއްޙީ އިދާރާތަކުން އަމަލުކުރަން އަންގާފައިވާ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކަށީގެންވާގޮތެއްގައި ތަންފީޒުކުރަން އިމާމުންނަށް އަންގާފައިވެއެވެ.

ޔުނައިޓެޑް އެރެބް އެމިރޭޓްސްް، ސައުދީޢަރަބިއްޔާ، އިރާން، އުރުދުން، ކުވައިތު، ސޫރިޔާ، ތުރުކީވިލާތް، ލުބުނާން އަދި މިޞްރު ފަދަ އަރަބި އަދި މުސްލިމް ޤައުމުތަކުން ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ބަންގިއަށް ބަދަލުގެނެސް، މިސްކިތުގައި ނަމާދުކުރުން ހުއްޓާލާފައެެވެ. މުސްލިމް އުއްމަތުގެ ގިނަ މީހުން މިހާރު ނަމާދާއި، ރޭއަޅުކަން ކުރަމުންދަނީ ގޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
0%
0%
0%
0%
0%
ކޮމެންޓް