ކ. މާލެ
|
2 އޭޕްރިލް 2017 | އާދީއްތަ 02:41
އައިމިނަތު ނާދިރާ
އައިމިނަތު ނާދިރާ
ވީނިއުސް
ރައީސް މައުމޫން
ނަމަކުން ބޯޑަކުން ރައީސް މައުމޫން ފަހަތަކަށް ނުޖެހޭނެ: ނާދިރާ
ޕީޕީއެމް ޔާމީން ފެކްޝަނުން މަސައްކަތް ކުރަނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ބޭރުން- ނާދިރާ
ރައީސް މައުމޫން އަންނަނީ ސަރުކާރަށް ފާޅުގައި ފާޑުވިދާޅުވަމުން

އޮފީހުގައި ހުރި ދިދަ ނެގިޔަސް، ނަން ބޯޑު ނެގިޔަސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ޕީޕީއެމް ރައީސް މައުމޫން ފެކްޝަންގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން ފެކްޝަނުން ކުރައްވަމުން ގެންދަވާ ކަންތަކާ ގުޅޭ ގޮތުން، ރާއްޖެޓީވީގެ ފަސްދޮޅަސް މިނެޓްގައި ވާހަކަދައްކަވަމުން، ނާދިރާ ވިދާޅުވީ، ރައީސް މައުމޫން މަސައްކަތް ކުރައްވަނީ ނަން ބޯޑަކަށް ނޫން ކަމަށާއި އެހެން ނަމަވެސް ރައްޔިތުންގެ ހައްގުގައި ކަމަށެވެ. ނާދިރާ ވިދާޅުވީ ރައީސް މައުމޫނަށް ސަރުކާރުން ފިއްތުންތައް ކުރިމަތި ކުރައްވަމުން ގެންދަވަނީ ދިވެހި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވަން ފެއްޓެވުން ކަމަށެވެ. ކުރިއަށް އޮތްތަނުގައި މިހާރަށްވުރެ ވެސް، ވަރުގަދައަށް އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށް ނާދިރާ ވިދާޅުވި އެވެ.

"ދިވެހިރައްޔިތުންގެ ހައްގުގައި ކުރައްވާ މަސައްކަތައް އެއްވެސް ލޮޅުމެއް ނުވަތަ ސިހުމެއް ނާންނާނެ." ނާދިރާ ވިދާޅުވި އެވެ.

ނާދިރާ ވިދާޅުވީ ރައީސް ޔާމީން ފެކްޝަނުން މަސައްކަތް ކުރައްވަނީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކަމަށާއި ރައީސް މައުމޫން އެއްވެސް އިރެއްގައި އެއްވެސް ގާނޫނެއް މުގުރާލާފައެއް ނުވާނެ ކަމަށެވެ.

ޕީޕީއެމްގެ ރައީސް އޮފީސް ބަންދުކުރުމުގައި އެއްވެސް ލިޔެކިޔުމެއް ރައީސް މައުމޫނާ ހިއްސާކޮށްފައިނުވާ ކަމަށާއި ސަރުކާރުން ކިތަންމެ ފިއްތުންތަކެއް ކުރިމަތި ކުރި ނަމަވެސް ރައީސް މައުމޫނުގެ މަސައްކަތައް ހުއްޓުމެއް ނުގެނެވޭނެ ކަމަށް ނާދިރާ ވިދާޅުވި އެވެ.

ނާދިރާ ވިދާޅުވީ، މިއަދުގެ ސަރުކާރުން ބާރުގެ ބޭނުންކޮށްގެން ކަންކަން ކުރަނީ އެ ޕާޓީއަށް ތާއީދު ނެތުމުން ކަމަށެވެ.

"ސިވިލް ކޯޓުގެ ހުކުމައި ވަނީ ޕާޓީގެ މުސްތަޝާރުގެ ބެލުމުގެ ދަށުން ބައްދަލުވުމެއް ބޭއްވުމަށް. އެކައުންސިލްގެ މެންބަރުންނަށް ލިޔެފައި އޮންނަ އެއްޗެއް ކިޔަން ނޭނގުމާއި ފަހުމް ނުވުމަކީ، ޕީޕީއެމްގެ ރައީސްގެ މައްސަލައެއް ނޫން. ޕީޕީއެމްގެ މުސްތަޝާރަކީ،ޕާޓީ ހިންގުމުގައި ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމުގެ އެއްވެސް އަމަލީ ދައުރެއް އޮތް ފަރާތެއް ނޫން ކަމަށް." ނާދިރާ ވިދާޅުވި އެވެ.

ނާދިރާ ވަނީ ރައީސް މައުމޫން އެ ޕާޓީގެ ރައީސް ވަކި ކުރެއްވުމުގައި ވެސް ގައުމީ ޖަލްސާއެއް ބާއްވާ ގައުމީ ޖަލްސާގެ ތިން ބައި ކުޅަ އެއްބައި އެކަމަށް ތާއީދު ކުރައްވަން ޖެހޭނެ ކަމަށެވެ. ޕީޕީއެމްގެ ރައީސްކަމުން މައުމޫން ވަކި ކުރެއްވީވެސް ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުއްޤައްޔޫމްގެ އޮފީސް ބަންދުކުރުމަށް، ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށް، ފުލުހުން އެ އޮފީސް ބަންދުކޮށްފައިވާ އިރު، ރައީސް މައުމޫން އަންނަނީ ފާޅުގައި، ދިވެހި ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން އެމަނިކުފާނުގެ އަމިއްލަ ނަންވެސް ބޭނުން ކުރެވޭނެ ކަމާ މެދު ސުވާލު އުފައްދާ، އެއްވެސް ކުށަކަށް އަރައިގަންނަން ބޭނުން ނުވާ ކަމަށް ބުނެ، ޓްވިޓާގައި ވަނީ އެކަމާމެދު އެމަނިކުފާނު ވަނީ ވާހަކަ ދައްކަވާފަ އެވެ.

- ކޮމެންޓް