ކ. މާލެ
|
1 އޭޕްރިލް 2017 | ހޮނިހިރު 23:50
ފާރިސް މައުމޫނު ފުލުހުންގެ އިދާރާއަށް ވަދެވަޑައިގަންނަވަނީ
ފާރިސް މައުމޫނު ފުލުހުންގެ އިދާރާއަށް ވަދެވަޑައިގަންނަވަނީ
ރާއްޖެ އެމްވީ
ފާރިސް ފުލުހަށް ހާޒިރުކުން
ފާރިސް މައުމޫނު ގަސްދުގައި ތަހުޤީޤް ލަސްކުރަނީ، ހަޤީޤަތް އޮޅޭ މައުލޫމާތު ނުފެތުރުމަށް ގޮވާލަން: ޕޮލިސް
ފާރިސްގެ މައްސަލަ ބަލަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުން
އެއީ ތީމުގޭ އޮޑިޓް ރިޕޯޓާ ގުޅޭ މައްސަލައެއް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނުގެ ތަހުޤީޤް ލަސްކުރަނީ އޭނާ އަމިއްލައަށް ކަމަށާއި، ހަޤީޤަތާއި ހިލާފު ވާހަކަތައް ނުފެތުރުމަށް ފުލުހުންގެ އިދާރާއިން ގޮވާލައިފި އެވެ.

 

ދިއްގަރު ދާއިރާގެ މެމްބަރުކަން ކުރައްވާ ފާރިސް މައުމޫނު ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމާ ގުޅޭ ގޮތުން، ފުލުހުންގެ އިދާރާއިން އާންމުކުރި ބަޔާނެއް ބުނެފައިވަނީ، ފާރިސް މައުމޫނު ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުން ތަހުޤީޤްކުރަމުންގެންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. މައްސަލާގެ ތަފްސީލް ހާމަނުކޮށް ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ، ތަހުޤީޤް މަރުހަލާގައި ލިބިދޭ ޤާނޫނީ ވަކީލެއްގެ ހައްޤު ބޭނުން ހިފައި ވަކީލެއްގެ ހާޒިރުގައި ތަހުޤީޤްކުރިއަށް ގެންދިއުމަށް އެދިވަޑައިގަތުމުން އެ ފުރުސަތު ދީފައިވާކަމަށެވެ.

 

ފުލުހުން ބުނީ، ޤާނޫނީ ވަކީލަކާއެކު ހާޒިރުވުމަށް ދިން ފުރުސަތުގައި، ފުލުހުންގެ އިދާރާއަށް 5 ފަހަރެއްގެ މަތިން ހާޒިރުކުރެވިފައި ވާއިރު، އެއިން އެއްވެސް ފަހަރެއްގައި ޤާނޫނީ ވަކީލެއް ގެންނަވާފައި ނުވާކަމަށެވެ. ވަކި މަޤްސަދެއް ހާސިލްކުރުމަށް ފާރިސް މައުމޫނު ފުލުހުންގެ އިދާރާއަށް ހާޒިރުކުރާކަމަށް ވާހަކަދައްކާއިރު، ތަހުޤީޤް ލަސްކުރަމުންގެންދަނީ ފާރިސް މައުމޫނު ގަސްދުގައިކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

 

ފުލުހުން ބުނެފައިވަނީ، ފުލުހުންގެ ތަހުޤީޤަށް އެއްބާރުލުންދިނުމާއެކު، ހަޤީޤަތާއި ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރާކަމަށެވެ.

 

 

ރާއްޖެޓީވީއަށް އެނގިފައިވަނީ، ފާރިސް މައުމޫނު ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ ތީމުގޭގެ އޮޑިޓް ރިޕޯޓުގެ މައްސަލާގައެވެ. ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން ރައީސް މައުމޫނު އަބްދުއްޤައްޔޫމްވެސް ވިދާޅުވީ ފާރިސް ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ މީގެ 10 އަހަރު ކުރީގެ މައްސަލައެއްގަ އެވެ. އަދި އެ މައްސަލައިގެ މައުލޫމާތު ފާރިސްއަށް އެނގިވަޑައިނުގަންނަވާނެކަމަށް ރައީސް މައުމޫނު ވިދާޅުވި އެވެ.

- ކޮމެންޓް