ނިމިދިޔަ ހަފްތާއަކީ ފުލުހުން މެދުވެރިކޮށް އެކިއެކި ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކޮށް ފޯނު ހިފަހައްޓައި ބަޔާންތައް ވެސް ނެގުމުުގައި ރެކޯޑް ހެދި ހަފްތާއެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެންމެބޮޑު އިދިކޮޅު ޕާޓީ, ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން މިހެން ބުނީ ޕާޓީގެ ސެކްޓަރީ ޖެނެރެލް އަނަސް އަބްދުލް ސައްތާރު ހުކުރުދުވަހުގެރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވާތީ އެކަން އެންމެ ހަރު އަޑުން ކުށްވެރިކޮށް އެޕާޓީން ނެރުނު ބަޔާނުގައެވެ.
އެމްޑީޕީން ބުނީ އަނަސް އަބްދުލް ސައްތާރު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބްލް ޤާސިމް އިބްރާހީމް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް އެންގުމުން އެމަނިކުފާނު އަރިހުގައި ފުލުސް އޮފީހަށް ދިއުމަށް އެ ޕާޓީން ޓްވީޓްކޮށްފައިވާތީ ކަމަށް ބުނެ ކަމަށެވެ. އެބަޔާނުގައި ބުނެފައި ވަނީ ފުލުސް އޮފީސް ކައިރިއަށް ދިއުމާއި، އެއޮފީސް ކައިރީ މަޑުކުރުމާއި، ދުވުމާއި މިފަދަ ކަންކަމަކީ އެއްވެސް ޤާނޫނަކުން މަނާކޮށްފައިވާ ކަންކަން ނޫން ކަމަށާއި އެ ޓްވީޓުގައި އެތަނަށް އެއްވެ، ޣައިރު ޤާނޫނީ ކަމެއްކޮށް ނުވަތަ މުޒާހަރާއެއް ކުރުމަށް ގޮވާލާފައި ނުވާކަން ފާހަގަކުރާ ކަމަށެވެ.
އެމްޑީޕީން ބުނީ ޓްވީޓާ ގުޅިގެން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރެލް ފުލުސް އޮފީހަށް ހާޒިރުކުރުމުން އެޕާޓީން އަބަދުވެސް ފާހަގަ ކުރަމުން އަންނަ ފަދައިން އެއީ ސިޔާސީ ނުފޫޒުގެ ތެރެއިން ކުރެވޭ ދަށު ދަރަޖައިގެ ކަމެއް ކަމުގައި ތަކުރާރުކުރާ ކަމަށެވެ.
މިފަދަ ޤަނޫނާ ޚިލާފަށް ކުރެވޭ އަމުރުތައް ތަންފީޒުކޮށް ފުލުހުން ސިޔާސީ ކޯޅުންގަނޑުތަކުގައި ބައިވެރިވުމުން މުޅި ފުލުހުންގެ މުވައްސަސާއަށް އެކަމުގެ ހުތުރު ނަން ލިބި ރައްޔިތުންގެ އިތުބާރާއި އިޙްތިރާމް ގެއްލުމަށް މެދުވެރިވާކަމީ އެ ޕާޓީން ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ފުލުހުންގެ ވަގުތާއި ވަޞީލަތްތައް އެފަދަ ހެއްވާ ޒާތުގެ ކަންކަން ކުރުމުގައި ބޭކާރުކޮށް، ނަހަމަ ގޮތުގައި ބޭނުންކުރަމުންދާކަމީ ވެސް އެޕާޓީން ހިތާމަކުރާކަމެއް ކަމަށް ވަނީ ބުނެފައެވެ.
އެމްޑީޕީން ބުނީ މިފަދަ ކަންކަމަކީ ރައްޔިތުންގެ ތާއީދު ނެތް ބޭފުޅަކު ވެރިކަމުގައި ހުންނެވުމުގެ ސަބަބުން ވެރިކަން ދިފާޢުކުރެވެން އޮތް ހަމައެކަނި ގޮތަކީ އެއީ ކަމުގައި ދެކި ކުރަމުންގެންދާ ގޮތް ހުސްވެފައިވާ ޢަމަލުތަކެއް ކަމަށެވެ.
ފުލުހުންގެ މުވައްސަސާއިން މިފަދަ ޣައިރު ޤާނޫނު ކަންކަން ކުރުމުން ދުރުވެ، އެ މުވައްސަސާގެ އެންމެހާ ވަގުތުތައް މިފަދަ ހެއްވާ ޒާތުގެ ކަންކަމުގައި ބޭކާރު ނުކުރުމަށް ފުލުހުންނަށް އިލްތިމާސް ކުރާ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.