ކ. މާލެ
|
1 އޭޕްރިލް 2017 | ހޮނިހިރު 17:43
ބަޝީރު އަދިވެސް ހުރީ އިންޑިއާގައި އެކުދިން ރާއްޖެ ނުގެނެވިފައި
ބަޝީރު އަދިވެސް ހުރީ އިންޑިއާގައި އެކުދިން ރާއްޖެ ނުގެނެވިފައި
ރާއްޖެ އެމްވީ
ޔަތީމު ޚާނާއަށްލީ ދިވެހި ކުދިނ
އިންޑިއާގެ ޔަތީމު ޚާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ ޑޮކިއުމެންޓްރީއަށް ފަހު ސަމާލު ކަމަށް
ޔަތީމްޚާނާގައި އަނިޔާ ލިބުމުގެ އިތުރުން އެކުދިންގެ ޕާސްޕޯޓު މުއްދަތު ހަމަވެ އަދި ވިސާގެވެސް މުއްދަތުވަނީ ހަމަވެފަ
އެކުދިން ގޮވައިގެން ފާތިމާ ޗުއްޓީއަށް އިންޑިއާއަށް ގޮސްފައިވަނީ 2013 ވަނަ އަހަރު
އާއިލާއިން ބުނާގޮތުގައި ކަމާބެހޭ އިދާރާއެއްގެ އެހީތެރިމެއް މިހާތަނަށް ލިބިފައެއް ނުވޭ

އިންޑިއާގެ ކެރަލާ ސްޓޭޓްގެ ޔަތީމްހާނާއެއްގައި އެއް އަހަރު ދުވަހު ދިރިއުޅެން ޖުހުނު ދިވެހި ކުދިންތަކެއް ރާއްޖެ ނުގެނެވި އެގައުމުގައި ތާށިވެފައިވާ ހާދިސާއާ ބެހޭ ގޮތުން ރާއްޖެޓީވީން ހުކުރު ދުވަހުގެ ރޭ ގެނެސްދިން ޑޮކިއުމަންޓްރީއަށް ފަހު ކަމާ ބެހޭ މުއައްސަސާތަކުގެ ސަމާލު ކަމަށް އައިސްފިއެވެ.

ހުކުރު ދުވަހުގެ ރޭ ދެއްކި "ހިތްދަތި އާދޭސް" ގެ ނަމުގައި ގެނެސްދިން ޑޮކިއުމަންޓްރީއާ ގުޅޭ ގޮތުން ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ޓެގްކޮށް ސޯޝަލް މީޑިއާ އެކްޓވިސްޓަކު ކުރި ޓްވީޓަކަށް ޖަވާބުދެއްވަމުން އަކިލޭޝް މިޝްރާ ވިދާޅުވީ "އަދިވެސް ދިވެހި ދަސްކުރަނީ" ކަމަށާއި "ކޮންމެ ވެސް މީހަކު މިކަން ބުނެދީފި ނަމަ ވީ އެންމެ ރަނގަޅަކަށް އެހީވާނަން،" ކަމަށެވެ. ބެލެވޭ ގޮތުގައި މިއީ މިޝްވަރާ އަށް ވެގެން އުޅޭ ގޮތް ރަނގަޅަށް ސާފުނުވާތީ ކުރެއްވި ޓްވީޓެކެވެ.

 


 

އޭގެ ފަހުން ކުރެއްވި އެހެން ޓްވީޓެއްގައި ސަފީރު ވަނީ އެ ކުދިންގެ ފުރިހަމަ ނަމާއި ޕާސްޕޯޓާއި އެނޫން ވެސް ތަފްސީލްތައް ފޮނުވުމަށް އެދިވަޑައިގެންފައެވެ. ބެލެވޭ ގޮތުން މިއީ މިކަން އޮޅުންފިލުއްވުމަށް ފަހު ކުރައްވާފައިވާ ޓްވީޓެކެވެ. 

ޔަތީމް ޚާނާގައި ގެންގުޅެމުންދަނީ އއ. އުކުޅަސް، ރައްޔިތެއް ކަމަށްވާ އަބްދުﷲ ބަސީރާއި އިންޑިއާ ރައްޔިތެއް ކަމަށްވާ ސައީދަލީ ފާތިމާ ލަތީފް އަށް ލިބިފައިވާ ތިން ކުދިންނެވެ.

އެކުދިން ގޮވައިގެން ފާތިމާ ޗުއްޓީއަށް އިންޑިއާއަށް ގޮސްފައި ވަނީ 2013 ވަނަ އަހަރުގެ މާޗް މަހުއެވެ.

ބަޝީރުގެ އާއިލާގެ ފަރާތުން ވާހަކަދައްކަމުން އޭނާގެ ބައްޕަ ނައީމް ބުނީ ކުދިން ގޮވައިގެން ދިއުމަށް ފަހު ފާތިމާ ގެންދިއައީ ބަޝީރާ އެކު އުޅެން ބޭނުން ނުވާ ކަމަށް ބުނެ ކުދިން ވެސް ބަޝީރާ ހަވާލުކުރުމަށް ދެކޮޅުހަދަމުން ކަމަށެވެ.

"ތިން ފަހަރު ބަސީރު އިންޑިއާއަށް ގޮސް އޭނާގެ އަންހެނުންނާއި ބައްދަލުކުރި، ބައްދަލުކޮށްފައި އުކުދިންގެ ވިސާ ހަމަވަނީއޭ ޕާސްޕޯޓް ދިނުމަށް އެދުމުން އޭނާގެ އަންހެނުން ބުނީ ޕާސްޕޯޓް ވަނީ މީހެއްގެ އަތުގައި އޭ ޕާސްޕޯޓެއް ނުދޭނަމޭ، އަންހެން މީހާ ބުނަނީ ބަސީރު އާއި އެކު އުޅޭހިތްނުވާކަމަށް، އަދި އޭނާ މަރާލަންޖެހުނަސް ތިން ކުދިންނެން ރާއްޖެ ނުފޮނުވާނެ ކަމަށް ބުނި"  ރާއްޖެ ޓީވީން ތައްޔާރުކުރި "ހިތްދަތި ދިރިއުޅުން" ޑޮކިއުމެންޓްރީގައި ނައީމް ބުނެއެވެ.

 

އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީހުން މައްސަލަ ބެލުމަށް ފަހު ނިންމާފައިވަނީ އެކުދިން މަންމަ ފާތުމާ ކައިރީގައި ބޭތިއްބުމަށެވެ. އަދި ކުދިންގެ ޚަރަދަށް ބަޝީރު ކޮންމެ މަހަކު ފާތިމާއަށް 300 އެމެރިކާ ޑޮލަރު ފޮނުވުމަށެވެ. ނަމަވެސް ކުދިން ބެލުމުގެ ބަދަލުގައި ފާތިމާ ވަނީ ކެރެލާގެ އެކަހެރި ސަރަހައްދެއްގައި ހުންނަ ޔަތީމު ހާނާއަކަށް އެ ކުދިން ދޫކޮށްލާފައެވެ.

ޔަތީމު ޚާނާގައި ކުދިންނަށް އަނިޔާ ލިބިފައިވާ ކަމަށް ބަޝީރު ބުނާއިރު އެކުދިންގެ ގައިން އެފަދަ ނިޝާންތައް ފެންނަން ހުއްޓެވެ. ރާއްޖެ ޓީވީ މުހައްމަދު ވިސާމް ވަނީ އެ ތަނަށް ޒިޔާރަތްކޮށް އެ ކުދިންނާ ވާހަކަ ދައްކައި ފޮޓޯ އާއި ވީޑިއޯ ވެސް ނަގާފައެވެ.

ޔަތީމްޚާނާގައި އަނިޔާ ލިބުމުގެ އިތުރުން އެކުދިންގެ ޕާސްޕޯޓު މުއްދަތު ހަމަވެ އަދި ވިސާގެ ވެސް މުއްދަތު ވަނީ ހަމަވެފައެވެ. އެހެން ކަމުން އެ ކުދިން މިހާރު ތިބީ "ބަންދެއްގަ" އެވެ.

އިންޑިއާގެ ރައްޔިތުންނާ ދިވެހި ފިރެހެނުން ކައިވެނިކޮށްގެން ދިމާވާ މިފަދަ މައްސަލަތަކުގެ ޚާއްސަ ތަފާސް ހިސާބެއް ނެތް ނަމަވެސް މިއީ ހިނގަމުން އަންނަ ކަމެކެވެ. މީގެ ކުރިން ވެސް މިފަދަ ކަންކަން ވަނީ ހިނގާފައެވެ. މި ކަމާ ބެހޭ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. 

 

- ކޮމެންޓް
1 އޭޕްރިލް 2017 | ހޮނިހިރު 18:29
Leen
This is true meaning of journalism... hats off to the entire team especially Mohamed Wisam. Do keep us all updated, we hope and pray for the Maldivian children to be reunited with their family here in Maldives. Also do pray for a special place in Hell for such mothers. Amen.