Advertisement
ކ. މާލެ
|
31 މާރޗް 2017 | ހުކުރު 19:48
ފުލުހުންގެ އަހަރީ ދުވަހުގެ ޖަލްސާއަށް ފަހު ރައީސް އަބްދުﷲ ޔާމީނާއި ފުލުހުންގެ އިސް ވެރިން ގްރޫޕް ފޮޓޯއެއް ނަގަނީ
ފުލުހުންގެ އަހަރީ ދުވަހުގެ ޖަލްސާއަށް ފަހު ރައީސް އަބްދުﷲ ޔާމީނާއި ފުލުހުންގެ އިސް ވެރިން ގްރޫޕް ފޮޓޯއެއް ނަގަނީ
ރައީސް އޮފީސް
ފުލުހުންގެ އަހަރީ ދުވަސް
އަހަރީ ދުވަހު ފުލުހުންނަށް އުފާވެރި ހަބަރެއް ނުލިބުނު!
ފުލުހުންގެ މުސާރައިގެ ކަންތަކުގައި މަޝްވަރާތައް އަދި ނުނިމޭ
4،000 ރުފިޔާ ބޮޑުކުރަން އޮތީ ނިންމާފައި
އެލަވަންސް ލިބޭނެ ކަމުގެ އުއްމީދެއް ނެތް

ފުލުުހުންގެ އަހަރީ ދުވަހުގެ ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވިއިރު، އުފާވެރި ވާހަކައެއްގެ ގޮތުގައި ގިނަ އަދަދެއްގެ ފުލުހުން އެންމެ ބޮޑަށް އުއްމީދުކޮށްގެން ތިބީ، ނުދީ ހިފަހައްޓާފައިވާ އެލަވަންސް ދޭން ފަށާނެ ދުވަހެއް އިއުލާނު ކުރައްވާނެ ކަމަށެވެ.

ދަރުބާރުގޭގައި ބޭއްވި ކުލަ ގަދަ ރަސްމިއްޔާތަށް ފަހު ފުލުހުން ނުކުމެގެން ދިޔައީ މާޔޫސްކަމާއެކު، "ކަރު އެލުވާލައިގެން"ނެވެ. އެންމެ ބޮޑަށް އުއްމީދުކޮށްގެން ހުރި ވާހަކަ އަޑުއިވިގެން ނުދިއުމުންނެވެ.

"އަޅުގަނޑު އެންމެ ބޮޑަށް އުއްމީދުކޮށްގެން ހުރީ އެލަވަންސްއާ ގުޅޭ ގޮތުން އުފާވެރި ހަބަރެއް ލިބޭނެ ކަމަށް. ނަމަވެސް ހުރިހާ ގޮތަކުން ވެސް ލިބުނީ ހިތްހަމަ ނުޖެހުން،" ނަން ހާމަކުރަން ބޭނުންނުވާ ފުލުހުންގެ އޮފިސަރަކު ވިދާޅުވި އެވެ.

ފުލުހުން ވަނީ މުސާރައިގެ އާ އޮނިގަނޑެއް އެކުލަވާލައި ޖެނުއަރީ މަހުން ފެށިގެން ހުރިހާ ފުލުހުންނަށް 4،000ރ. ގެ ލިވިން އެލަވެންސެއް ދޭން ނިންމައިފަ އެވެ. އެ އެލަވަންސް ހިމަނައިގެން ޖެނުއަރީ މަހުގެ މުސާރަ ހެދިނަމަވެސް، މުސާރަ ޝީޓް ބަދަލުކޮށް، އެލަވަންސް އުނިކުރި އެވެ. އެއަށް ފަހު އެލަވަންސާ ގުޅޭ ގޮތުން އެކި ވާހަތައް ސަރުކާރުން ދައްކާފައި ވެއެވެ.  ފުލުހުންގެ މުސާރަ އަށް ބަދަލު ގެނައުމާ މެދު ރައީސް އޮފީހާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ފުލުހުންގެ މުސާރައިގެ ކަންތަކުގައި ރައީސް އޮފީހާއި ކަމާ ބެހޭ ފަރާތްތަކުން ރިވިއު ކުރުމަށް ފަހު ނިންމާ ގޮތެއްގެ މަތިން ކަމަށް މުސާރަ ބޮޑުވެގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވަނީ ވިދާޅުވެފަ އެވެ.

ބޮޑުކުރި އިލަވަންސް ފުލުހުންނަށް ނުދޭ މައްސަލައިގައި، ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވަނީ ފިނޭންސް މިނިސްޓަރު މުނައްވަރާ ސުވާލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި އޮތުމުން، އެ ސުވާލެއް މަޖިލީހުގެ ތަޅުމަށް އެޖެންޑާއެއް ނުކުރެ އެވެ.

ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާނު ވިދާޅުވީ ބޮޑުކުރި އެލަވަންސްއާ ގުޅޭ ގޮތުން އަދިވެސް ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީގެ މަޝްވަރާތައް ނުނިމޭ ކަމަށެވެ.

"އެހެންވެ ބޮޑުކުރި އެލަވަންސްގެ ކަންތަކުގައި އިތުރު އަޕްޑޭޓެއް ލިބިފައެއް ނެތް،" ޝިފާނު ވިދާޅުވި އެވެ.

ދަރުބާރުގޭގެ މައި މާލަމަށް ރައީސް ޔާމީނާއި ހޯމް މިިނިސްޓަރުއަހްމަދު އަޒުލީން ވަދެވަޑައިގަންނަވަނީ

ރާއްޖެ އެމްވީ ވާހަކަ ދެއްކި ބައެއް ފުލުހުން ބުނި ގޮތުގައި ބޮޑުކުރި އެލަވަންސް ލިބޭނެ ކަމުގެ އުއްމީދެއް މިހާރު އެ މީހުންނަށް ނެތެވެ.

"އަހަރީ ދުވަހުގެ ޖަލްސާގައި އެފަދަ ވާހަކައް، ރައީސް ވެސް، މިނިސްޓަރު ވެސް އަދި ކޮމިޝަނަރު ވެސް ވިދާޅުނުވުނުން، ދެން މިކަމުގައި އުއްމީދެއް ނެތް،" އޭނާ ބުންޏެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް