Advertisement
ކ. މާލެ
|
31 މާރޗް 2017 | ހުކުރު 17:16
މޮޑެލް ރައުދާ އާތިފް
މޮޑެލް ރައުދާ އާތިފް
ޝިފާޒް(ސޮއްޓި)
ރައުދާ އާތިފްގެ ޕޯސްޓް މޯޓަމް
މޮޑެލް ރައުދާ އާތިފްގެ ޕޯސްޓް މޯޓަމް ނުހަދާ ހަށިގަނޑު އާއިލާއާ ހަވާލުކުރަން އެދިއްޖެ
ޑާކާ ޓްރިބިއުންގައި ބުނެފައިވަނީ، އޭނާ ދަންޖެހިގެން މަރުވެފައިވަނީ، ޑިޕްރެސްވެގެންކަމަށް ބެލެވޭކަމަށް

މޮޑެލް ރައުދާ އާތިފްގެ ޕޯސްޓް މޯޓަމް ނުހަދާ ހަށިގަނޑު އާއިލާއާއި ހަވާލުކުރުމަށް އެދިއްޖެއެވެ.

 

ބަނގުލަދޭޝްގައި މެޑިސިން ހަދަމުން އައި ދިވެހި ދަރިވަރު އުމުރުން 20 އަހަރުގެ މޮޑެލް ރައުދާ އާތިފް ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނިފައިވަނީ ބުދަދުވަހުގެ މެންދުރުކުރީގެ ވަގުތެއްގައި އޭނާ ދިރިއުޅުނު ކޮޓަރީގައެވެ.

ރައުދާގެ އާއިލާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި، ބަންގާޅަށް ގޮސްފައިވާއިރު، އާއިލާއާއި އެކު ފުލުހުން ބައްދަލުކޮށްފައިވާކަމަށް ޑާކާ ޓްރިބިއުންގައި ބުނެފައިވެއެވެ. އަދި ރައުދާގެ ކޮލެޖްގެ ރައްޓެހިންނާއި ކްލާސް ކުދިންނާއި ވެސް އާއިލާއިން ބައްދަލުކޮށްފައިވާކަމަށް މި ނޫހުގައިވެއެވެ.

ބަނގްލަދޭޝްގެ މެޓްރޮޕޮލިޓޭން ޕޮލިސް ތަރުޖަމާން އިފްތިޚާރު އާލަމްއާއި ހަވާލާދީ، ޑާކާ ޓްރިބިއުންގައި ބުނެފައިވަނީ، އޭނާ ދަންޖެހިގެން މަރުވެފައިވަނީ، ޑިޕްރެސްވެގެންކަމަށް ބެލެވޭކަމަށެވެ.

ރައުދާ ދަންޖެހިފައި ހުއްޓާ ފެނުނީ އޭނާގެ ޚަބަރެއް ނުވެގެން އޭނާގެ ބައެއް ރަށްޓެހިން ގޮސް ކޮޓަރި ބެލުމުންނެވެ. އޭނާގެ މަރާ ބެހޭ ގޮތުން އެކި ގޮތްގޮތަށް ވާހަކަ ދައްކަމުން އަންނަ އިރު އޭނާ މަރުވީ އަމިއްލަ އަށް ކަމެއް ނުވަތަ އޭނާ މަރާލީ ކަމެއް އެއްވެސް ފަރާތަކުން ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ.

ރައުދާގެ މަރާއި ގުޅިގެން އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުންދާއިރު، އޭނާގެ މަރުގެ ހަގީގަތް ހޯދުމަށް ޑާކާގެ ފުލުހުން ޕޯސްޓް މޯޓަމް އެއް ހެދުމަށް އާއިލާއާއި އެކު ވަނީ މަޝްވަރާކޮށްފައެވެ. އެހެންނަމަވެސް މި ވަގުތު އާއިލާއިން ބޭނުންވަނީ ޕޯސްޓް މޯޓަމް ނުހަދާ ރައުދާގެ ހަށިގަނޑު އާއިލާއާއި ހަވާލުކުރުމަށްކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ރާއްޖޭގެ ފުލުހުން ބުރާސްފަތި ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ރައުދާ އާތިފްގެ މި މަރުގެ މައްސަލަ ވަރަށް ގާތުން ބަލަމުންދާކަމަށާއި، ރައުދާގެ އާއިލާއާއި އެކު ފުލުހުންގެ އިސް އޮފިޝަލަކުވެސް ބުރާސްފަތި ދުވަހު ޑާކާއަށް ފުރާފައިވާކަމަށެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ރައުދާގެ މަންމައަކީ ޕޮލިހެކެވެ. ދިވެހި ފުލުހުން ވެސް ދަނީ މި މައްސަލަ ވަރަށް ގާތުން ބަލަމުން ކަމަށް، ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވި އެވެ. 

ފޮރިން މިނިސްޓްރީން ބުނެފައިވަނީ، ޑާކާގައި ހުރި ދިވެހި އެމްބެސެޑަރުވެސް މިހާރު ރައުދާގެ އާއިލާއާއިއެކު ރާޖްޝާހީއަށް ގޮސްފައިވާކަމަށާއި، އާއިލާއިން ބޭނުންވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންދާނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް