އެމްޑީޕީގެ ކެމްޕެއިން ޓީމް ހުކުރު ދުވަހު ކުޅުދުއްފުއްޓަށް ޒިޔާރަތްކޮށް ހާއްސަ ޖަލްސާއެއް ބާއްވާނެ ކަމަށް ޕާޓީން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މެއި މަހު ހަ ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލްގެ އިންތިހާބަށް އެމްޑީޕީންއާއި އިދިކޮޅު އިއްތިހާދު މޯލްޑިވްސް އުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން ހިންގަމުންދާ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ހދ އަތޮޅުގެ ބައެއް ރަށްރަށް ކުރައްވާ ކެމްޕެއިން ދަތުރުގެ ތެރެއިން ކުޅުދުއްފުއްޓަށް ދިއުމަށް ނިންމާފައިވަނީ ހުކުރު ދުވަހުގެ މެންދުރު ފަހު އެވެ.
އެމްޑީޕީގެ ކެމްޕެއިން ޓީމް ހދ. އަތޮޅަށް ކުރެއްވި މިދަތުރު ފަށާފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު އެވެ. ހދ. ހަނިމާދޫއަށް ދިއުމަށް ފަހު، ކެމްޕެއިން ޓީމް ދިޔައީ ނޮޅިވަރަންފަރަށެވެ. އެރަށުގެ ކައުންސިލަށް ކުރިމަތި ލާފައިވާ އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު އެރަށުގައި ދޮރުންދޮރަށް ހިނގާ ރައްޔިތުންނާ ބައްދަލުކުރުމަށްފަހު ދިޔައީ އެއަތޮޅު ފިނޭ އަށެވެ. މެންދުރު ފިނޭއަށް ދިއުމަށްފަހު އެރަށު ކައުންސިލަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނާއެކު ދޮރުންދޮރަށް ހިނގާ ރައްޔިތުންނާ ބައްދަލު ކޮށްފައި ވެއެވެ.
އެމްޑީޕީ ކެމްޕެއިން ޓީމު ބުރާސްފަތި ދުވަހުގެ ހަވީރު ދިޔައީ ވައިކަރަދޫއަށެވެ. ވައިކަރަދޫގައި ވެސް އެ ރަށު ރަށު ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނާއެކު ބައްދަލުކޮށް ދޮރުންދޮރަށް ހިންގާ ރައްޔިތުންނާ ބައްދަލު ކޮށްފައިވެއެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ ވައިކަރަދޫގައި ވަނީ ހާއްސަ ޖަލްސާއެއް ބާއްވާފަ އެވެ.
މިޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު، މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އާއި ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ އިތުރުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުންނާއި ލީޑަރޝިޕްގެ ބައެއް ބޭފުޅުންގެ އިތުރުން، ވައިކަރަދޫ ކައުންސިލަށާއި އަތޮޅު ކައުންސިލަށް ކުރިމަތި ލައްވާފައިވާ ބައެއް ކެންޑިޑޭޓުން ވަނީ އެޖަލްސާގައި ވާހަކަ ދައްކަވާފަ އެވެ.