ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާ، ތަރައްޤީވުމަށް ބޭނުންކުރާ ވަޞީލަތްތަކާ ގުޅޭ ގޮތުން ވާލްޑް ސްކޮލް ފޯރަމްގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާ، ތަރައްޤީވުމަށް ބޭނުންކުރާ ވަޞީލަތްތަކާ ގުޅޭ ގޮތުން ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން އިންތިޒާމްކޮށްގެން ބާއްވާ ސްކޮލް ވާލްޑް ފޯރަމް އޮން ސޯޝަލް އޮންޓްޕްރިނަރޝިޕްގައި އެވެ.
މިވަގުތު އަވައްޓެރި ސްރީލަންކާގައި ހުންނެވި ނަމަވެސް އޭޕްރިލް މަހުގެ 4 ން 7 އަށް އޮކްސްފޯޑް ޔުނިވާސިޓީގައި ބާއްވާ މި ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް އިނގިރޭސިވިލާތަށް ވަޑައިގަންނަވާނެއެވެ.
މި މަޝްހޫރު ފޯރަމްގައި ދުނިޔޭގެ ޤައުމުތަކުން ތެލަށް ބަރޯސާވެފައިވާ މިންވަރާ އަދި ތަރައްޤީވެފައިވާ ޤައުމުތަކާ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މެދުގައި ތެޔޮ ބޭނުންކުރުމުގެ ފަރަގާ ބެހޭގޮތުން އޮންނަ ހާއްސަ ޕެނެލްގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާނެއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި ދުނިޔޭގެ ތިމާވެއްޓަށް ގެއްލުން ލިބޭނެ ފަދަ ވަޞީލަތްތައް ބޭނުންކުރުމުން ޤައުމުތައް ތަރައްޤީވުމަށް ހުރަސްއެޅޭނެކަމުގެ މައްޗަށް އަލިއަޅުވައިލައްވާނެއެވެ.
މީގެ އިތުރުން ޤައުމުތަކުން ތެލަށް ބަރޯސާވެފައިނުވާ ތަރައްޤީގެ ސިޔާސަތުތައް އެކަށައެޅުމުގެ މުހިއްމުކަމެދުވެސް ރައީސް ނަޝީދު ވާހަކަފުޅުދައްކަވާނެއެވެ.
ސްކޮލް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށްފަހު ރައީސް ނަޝީދު އެނބުރި ސްރީލަންކާއަށް ވަޑައިގަންނަވާނެއެވެ.