ކ. މާލެ
|
31 މާރޗް 2017 | ހުކުރު 06:34
މިނިސްޓަރ އަޒްލީން: މަގުތައް އަމާން ވެފައިވާކަމަށް ވިދާޅުވި
މިނިސްޓަރ އަޒްލީން: މަގުތައް އަމާން ވެފައިވާކަމަށް ވިދާޅުވި
އަވަސް
ފުލުހުގެ އަހަރީ ދުވަސް
ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ރައީސްގެ ވާހަކަފުޅު މުޅިން ތަފާތު!
ފުލުހުން ބާރުވެރިކުރުވައި އެބައިމީހުންގެ ގާނޫނީ ޒިންމާ ފުރިހަމައަށް އުފުލުމުގެ މަގު ތަނަވަސްކޮށް ދެއްވާފައިވަނީ ރައީސް ޔާމީން
ރާއްޖޭގެ ރަށްތަކާއި މަގުތައް މިއަދު އަމާން ކުރެވިފައިމިވަނީ ދިވެހި ފުލުުހުންނަށް ރައީސް ޔާމިން ދެއްވި އިރުޝާދުން

ދިވެހި ފުލުހުންގެ ތަސައްވަރު ރަނގަޅު ކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ދެއްވި އެހީތެރިކަމުގެ ސަބަބުން ކަމަށް ވިދާޅުވެ  ހޯމް މިނިސްޓަރ އަޒްލީން އަހުމަދު, ރައީސް ޔާމީނަށް ވަރަށް ތައުރީފް ކުރެއްވިއިރު، ފުލުުހުންނަކީ ނަމޫނާ ދައްކާ ބަޔަކަށް ވުމަށް ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފި އެވެ. 

ފުލުހުންގެ 84 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދަރުބާރުގޭގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަޒްލީން ވިދާޅުވީ ފުލުހުންގެ ހާލަތު އިންތިހާއަށް ކަންބޮޑުވާ ދަރަޖައަކަށް ގޮސްފައިވަނިކޮށް ފުލުހުން ބާރުވެރިކުރުވައި އެބައިމީހުންގެ ގާނޫނީ ޒިންމާ ފުރިހަމައަށް އުފުލުމުގެ މަގު ތަނަވަސްކޮށް ދެއްވާފައިވަނީ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން މިންނެތް މަސައްކަތްޕުޅުން ކަމަށެވެ. އަދި ރާއްޖޭގެ ރަށްތަކާއި މަގުތައް މިއަދު އަމާން ކުރެވިފައިމިވަނީ ދިވެހި ފުލުުހުންނަށް ރައީސް ޔާމިން ދެއްވި އިރުޝާދާއެކު ދިވެހި ފުލުހުންކުރެއްވި ބުރަ މަަސައްކަތްތަކުގެ ސަބަބުން ކަމަށްވެސް އަޒްލީން ވިދާޅުވިއެވެ.

މިނިސްޓަރ އަޒްލީން ވިދާޅުވީ ދިވެހި ފުލުހުންނަކީ ރައްޔިތުންނަށް ހިދުމަތްކުރުމުގައި ލާމަސީލު ބައެއް ކަމަށާއި އެމީހުންނަކީ އަމިއްލަ ނަފްސަށްވުރެ ރައްޔިތުންގެ މަސްލަހަތު އިސްކުރާ ބައެއް ކަމަށެވެ.

މީގެކުރިން ދިވެހި ފުލުހުން މަސައްކަތް ކުރައްވާފައި ވަނީ ވަރަށް ދަތި ހާލުގައި ކަމަށް ވިދާޅުވަމުން މިނިސްޓަރ ވިދާޅުވީ ބަޔަކު މީހުން ފުލުހުންގެ އިއްޒަތާއި ކަރާމާތް ނަގާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ފުލުުހުންގެ މަސައްކަތްތައް ބަދަލުވެ "ޕްރޮފެޝަނަލް" ވެފައިވަނީ 2013 ވަނަ އަހަރު ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް ފަހުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުރިޔާ އަޅާބަލާއިރު މިހާރު އަވަހަށް މައްސަލަތައް ނިންމޭ ކަމަށާއި ބޮޑެތި ކުށްތަކަށް އަރައިގަންނަ ނިސްބަތް ވަރަށް ބޮޑަށް ކުޑަ ކުރެވިފައިވާ ކަމަށެވެ. އަދި ހަމައެހެންމެ ފުލުހުންގެ ހިދުމަތް ރައްޔިތުންގެ "އަސްކަނި" ތަކާއި ހަމައަށް ގެންދިއުމަށްޓަކައި 116 ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމް ކުރެވިފައިވާ ކަން މިނިސްޓަރ އަޒްލީން ފާހަގަ ކުރެއްވިއެވެ.

ފުލުުހުން"ޕްރޮފެޝަނަލް" ވެފައިވަނީ، ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން ކަމަށް، ހޯމް މިނިސްޓަރު ވިދާޅުވިއިރު، ރައީސުލްޖޫރިއްޔާއަށް ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓް ލިބިވަޑައި ނުގަންނަވާ ކަމަށާއި ފުލުހުންގެ މުއައްސަސާ ކޮރަޕްޓްވެފައިވާ ކަމަށް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންވެ. ބުރާސްފަތި ދުވަހުގެ ރޭގެ ޖަލްސާގައި ވެސް ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ފުލުހުންގެ ތެރޭގައި ގާނޫނާ ހިލާފު ކަންކަން ކުރާ މީހުން އުޅޭ ކަމަށާއި ފުލުހުންނަކީ ނަމޫނާ ބައެއްކަން ދައްކަންޖެހޭ ކަމަށެވެ. 

ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ފުލުހަކު ވެއްޓިގެންދާއިރު، ލެގިލަން ލިބޭ އެއްޗަކީވެސް ޤާނޫނު ކަމަށާއި، ފުލުހުންނަށް ލިބޭ ބާރަކީވެސް ޤާނޫނު ކަމަށެވެ. ނަމަވެސް ފުލުހުންގެ ތެރޭގައިވެސް ޤާނޫނާއި ހިލާފު ކަންތައްތައް ކުރާ ފުލުހުން ތިބޭކަމަށް ރައީސް ޔާމީން ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވި އެވެ.

- ކޮމެންޓް