ހުރިހާ ޕާޓީއަކުން ވެރިކަން ބޭނުންވެގެން އުޅުމަކީ މައްސަލައެއް ނޫން ކަމަށާއި ގުޅެންޖެހިއްޖެ ހާލަތެއްގައި ކުރިއަށް އޮތްތަނުގައިވެސް ހުރިހާ ޕާޓީތަކުން ގުޅޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ހުރިހާ ފަރާތްތަކުންވެސް ވެރިކަން ބޭނުންވެގެން އުޅޭ ކަމަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވާ އިރު ވެރިކަން ބޭނުން ވެގެން އުޅުމުގައި ހުރި މައްސަލައަކީ ކޮބައިކަމަށް ވިދާޅުވެ ގާސިމް ވަނީ ރައީސް ޔާމީނަށް ރައްދު ދެއްވާފަ އެވެ. ގާސިމް ވިދާޅުވީ، ހުރިހާ ޕާޓީތަކުން ވެރިކަން ބޭނުންވި ނަމަވެސް، ކުރިއަށް އޮތްތަނުގައިވެސް ގުޅެން ޖެހިއްޖެ ނަމަ ދެންވެސް ހުރިހާ ޕާޓީތައް ގުޅުމަށް ފަސް ނުޖެހޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުވެސް ހުރިހާ ޕާޓީތަކުން ގުޅިގެން އެއް ކެނޑިޑޭޓަކު ނެރުމަކީވެސް ނުވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް އިބްރާހިމް ވިދާޅުވީ ކިތަންމެ ވަރަކަށް ޕޮލިހަށް ހާޒިރު ކުރަމުންދިޔަ ނަމަވެސް ޖެހިލުމެއް ނުވާނެ ކަމަށާއި އިދިކޮޅު ފަރާތްތައް އެކަތި ގަނޑެއްގެ ގޮތުގައި ދެމި ތިބޭނެ ކަމަށެވެ.
ބުދަ ދުވަހުގެ ރޭ ގާސިމް ޕޮލިހަށް ހާޒިރުކުރީ ރިޝްވަތު ދިނުނުގެ ތުހްމަތުގަ އެވެ. ނަމަވެސް އެކަމަށް އޭނާ ވަނީ އިންކާރުކުރައްވައިފަ އެވެ.
އިދިކޮޅު ފަރާތްތަކުން ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒުގައި ސިޔާސީ ހަރަކާތްތައް ފެށުމާއެކު، ފުލުހުންގެ އިދާރާއިން ސިޓީއެއް ފޮނުވާފައިވާ ކަމަށާއި ރައްޔިތުންނަށް އުނދަގޫ ވާނެ ގޮތަށް ކުނޫޒުގައި އަޑުގަދަކޮށް، ހަރަކާތްތައް ނުބޭއްވުމަށް ބުނެފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ. ފުލުހުން ބުެފައިވާ ގޮތަށް ކުނޫޒުގައި ކަންކަން ނުކުރާ ކަމަށް ގާސިމް ވިދާޅުވި އެވެ.
"މިތާނގައި އަޅުގަނޑުމެން މިދައްކަނީ، އިޖްތިމާއީ އިގްތިސާދީ ވާހަކަ. އަދުލްއިންސާފާއި ހަމަހަމަކަމުގެ ވާހަކަ. ވެރިޔަކު ވެރިކަމަށް ހޮވަނީ ނުވަތަ ރައްޔިތުންގެ މަންދޫބުން ހޮވަހީ ރައްޔިތުންގެ ބޭނުންތަކާއި އަޅަންޖެހޭ ފިޔަވަޅުތައް އަޅާ، ވެރިޔަކަށް ހުންނަ މީހާ ޒިންމާދާރުކުރުމަށް" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ، ނޫ ގާނޫނު އަސާސީ އޮތް އިރު ނެތް ބާރުތައް ފެހި ގާނޫނު އަސާސީން ވެރިކަން ކުރާ މީހާއަށް ދެވިފައިވާ އިރު މިއަދު ފެނިގެންދަނީ އެބާރުތައް ނާޖައިޒް ގޮތުގައި ބޭނުން ކުރަމުންދާކަމަށެވެ.
މިއަދު ސަރުކާރުން ކޮރަޕްޝަންގެ އަމަލުތައް އިންތިހާއަށް ގޮސްފައިވާ ކަމަށާއި ވެރިކަމަށް އައުމުގެ ކުރިން ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި ގޮތާއި ހިލާފަށް ރައީސް އަބްދުﷲ ޔާމީން ކަންކަން ކުރައްވަމުން ގެންދަވާކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް ހަވާލުކުރުމުގައި އެންމެ އަގު ހެޔޮ އަދަދު ހުށަހެޅި ފަރާތްތައް ނުދޭ ކަމަށް އަޑުފެތުރިފައިވާ އިރު، 86 މިލިއަން ޑޮލަރު ތަފާތު ބޮޑު އަދަދެއް ހުށަހެޅި ފަރާތައް އިމާރާތް ހަވާލު ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. މިކަންކަމަކީ މިއަށް ވުރެ ދެފުއްފެންނަ ގޮތަށް ހިނގަންޖެހޭނެ ކަންތައްތައް ކަމަށް ގާސިމް ވިދާޅުވި އެވެ.
ޕީޕީއެމްއަކީ ނޫހުގެ ފާނުގެ ނައުކޮޅު ކަމަށާއި ތައިލެންޑަށް ދަނީ ހިލޭ އަންހެނުން ހޯދަން ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާއިރު، ގާސިމް ވިދާޅުވީ ދައުލަތުގެ ވެރިޔަކަށް ހުންނެވި ބޭފުޅަކު މިފަދަ ވާހަކަތަކެއް ދެއްކެވުމުން ލަދުވެތިވާ ކަމަށެވެ.