ކ. މާލެ
|
12 އޭޕްރިލް 2020 | އާދީއްތަ 22:35
ސާމްޕަލް ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ
ސާމްޕަލް ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
މިހާތަނަށް 2670 ސާމްޕަލް ނަގާފައިވޭ
2612 ސާމްޕަލްގެ ނަތީޖާ ނެގެޓިވްވެފައިވޭ

މިހާތަނަށް 2670 ސާމްޕަލް ނަގާފައިވާކަމަށް ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ ނެޝެނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ 2670 ސާމްޕަލް ނަގާފައިވާއިރު އޭގެ ތެރެއިން 2612 ސާމްޕަލްގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށެވެ.

އަދި ނަތީޖާ ނުލިބި 38 ސާމްޕަލެއްވާ ކަމަށާއި 85 ސާމްޕަލް ކަރަންޓީން ފެސިލިޓީން ނަގާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިހާރު އައިލެންޑް ސަފާރީ އާއި ސެވަން ކޮރަލްސް މާފުށި މޮނީޓަރިންގގެ ހާލަތުން ނެގި، އާންމު ހާލަތަށް ވަނީ ގެނެވިފައެވެ.

މިހާރު މޮނީޓަރިންގގެ ހުރި ތަންތަން

  1. ގްރޭންޑް ޕާކް ކޮއްދިއްޕަރު
  2. ޖޮވެލި މޯލްޑިވްސް
  3. ބޮޑުފުށި ރިސޯޓު
  4. މޯލްޑިވިއާނާ ސަފާރީ

މަބްރޫކް ވިދާޅުވީ ގްރޭންޑް ޕާކް ކޮއްދިއްޕަރު މޮނީޓަރިންގގެ ހާލަތަށް ލެވިފައިވަނީ، އެ ރިސޯޓުގައި ހުރި މުވައްޒަފެއް ކިބައިން ބަލީގެ އަލާމަތްތައް ފެނި، ބަލި ހާލު ބޮޑުވުމުން ކަމަށެވެ. އަދި އެމީހާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ޓެސްޓުތައް ކުރެވުނު ކަމަށާއި ފުރަތަމަ ނެގުނު ސާމްޕަލްގެ ނަތީޖާ ނެގެޓިވްވި ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ މިހާރު އެ ރިސޯޓުގައި ކޮންޓެކްޓް ޓްރޭސިން ހެދުމަށްފަހު، އެ މުވައްޒަފުގެ ދެވަނަ ސާމްޕަލްގެ ނަތީޖާ ލިބި ނެގެޓިވް ވަންދެން ފާހަގަވި މީހުން އައިސޮލޭޝަންގައި ބެހެއްޓިފައިވާ ކަމަށެވެ. އަދި އެމީހާ ވެސް އެކަހެރި ކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ.

- ކޮމެންޓް