Advertisement
ކ. މާލެ
|
31 މާރޗް 2017 | ހުކުރު 03:31
ތައްޔިބު ހައްޔަރު ކުރީ މިމަހުގެ 16 ވަނަ ދުވަހު
ތައްޔިބު ހައްޔަރު ކުރީ މިމަހުގެ 16 ވަނަ ދުވަހު
ޓްވިޓަރ
ތައްޔިބު ހައްޔަރުކުރުން
ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން
ތައްޔިބު ހައްޔަރުކުރީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދިދާނެތީ

ފުލުހުންގެ ހައްޔަރުގައި ހުރި ވިސްލްބްލޯވަރ ތައްޔިބު ޝަހީމާއިމެދު އަމަލުކުރަމުންދަނީ، ބައިނަލް އަގުވާމީ އިމުގެ ތެރެއިންކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހާމަކޮށްފިއެވެ.

 

ފުލުހުން ބުރާސްފަތި ދުވަހު ބެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އޭނާ ހައްޔަރު ކޮށްފައިވަނީ ދޮގު މައުލޫމާތުތަކެއް ފެތުރުމުގެ ތުހުމަތުގައި ކަމަށާއި އޭނާ ހައްޔަރު ކުރީ މީހުންގެ މެދުގައި ބިރުވެރިކަން އުފެއްދޭފަދަ މައުލޫމާތު އާއްމުކުރމުންކަމަށެވެ. އަދި އެ މައުލޫމާތު ތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދިދާނެތީ ކަމަށެވެ. ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭގޮތަށް ތައްޔިބު ހާމަކޮށްފައިވާ މައުލޫމާތަކީ ކޮބައިކަމެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

 

"އެ މައްސަލަ ތަހްގީގުކޮށް ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން" ފުލުހުން ބުންޏެވެ.

ތައްޔިބު ހައްޔަރުކޮށްފައިވަނީ މިމަހުގެ 16ވަނަ ދުވަހުއެވެ. އޭނާ ގެ ބަންދުގެ މުއްދަތު ދެފަހަރެއްގެ މަތިން އިތުރުކޮށްފައިވާއިރު އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ޟަމީރުގެ ޚާއްސަ ގައިދީއެއްގެ ލަގަބު ދީފައެވެ.

 

ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން ކަމަށް ބުނެ ފުލުހުން ބަޔާނެއް ނެރެފައި މި ވަނީ، ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠޮއްޔިބު ޝަހީމް ދޫކޮށްލުމަށް ގޮވާލާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންނަށާއި މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙުމަދަށް ސިޓީ ލިއުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުދަދުވަހުގެ ރޭ ގޮވާލާފައިވަނިކޮށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަރާތްތައް، އިނގިރޭސި އާއި ދިވެހި އަދި އެހެން ބަސްތަކުން، ދިވެހިރާއްޖޭގެ ރައީސާއި، ހޯމް މިނިސްޓަރުގެ އިތުރުން، އެ ފަރާތެއްގެ ޤައުމުގެ ޑިޕްލޮމޭޓުންނަށް މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، ސިޓީ ފޮނުވުމަށް ގޮވާލާކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް