ކައުންސިލްތަކުގެ ބާރުތައް ނެތިކޮށް، ރައްޔިތުންގެ ބާރުވެރިކަން ގެއްލުވާލާފައިވާކަމަށާއި، ކުރައްވާ މަސައްކަތަކީ ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރުމުގެ މަސައްކަތްކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ވައިކަރަދޫގައި ބޭއްވި އެމްޑީޕީ ޖަލްސާގައި ފޭސްބުކް މެދުވެރިކޮށް ވާހަކަފުޅުދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރާއްޖޭގެ މެޖޯރިޓީ ކައުންސިލަކަށް އެމްޑީޕީގެ ކެނޑިޑޭޓުން ކުރިމަތިލައްވާފައިވާކަމަށެވެ. އަދި އިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓުން ވާދަކުރައްވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ތާއީދުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ބާބު، ޤާނޫނު އަސާސީގައި ބިންވަޅުނެގުނީ ރާއްޖޭގެ ރައްޔިތުންގެ ފޮނި އުއްމީދާއެކުގައި ކަމަށެވެ. އަދި ޤައުމެއް ތަރައްޤީވެދަނީ ވަކި ކަންތައްތަކެއް ވަކި ގޮތަކަށްވެގެންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ، ޤައުމެއް ތަރައްޤީވެދިއުމަށް އެންމެ މުހިންމީ ވެރިކަމުގެ ކަންތައްތައް ކަމަށެވެ. އެގޮތުން ރައްޔިތުންނާއި ގާތު ވެރިކަން ކުރެވެންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"ރައްޔިތުންނަށް އަނެއްކާވެސް ކަށަވަރުކޮށްދޭން އެބަޖެހޭ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ނިކުމެމިތިބީ ލާމަރުކަޒީ ނިޒާމް އިތުރަށް ހަރުދަނާކުރުމަށްކަން. ލާމަރުކަޒީ ބާބުގެ ދަށުން އުފެދިފައިވާ ޤާނޫނުތައް، ގަވައިދުތަކަށް ވަނީ އެތަށް ބައިވަރު ބަދަލުތަކެއް ގެނެސްފަ. ކައުންސިލްގެ ބާރުތައް މިވަނީ ވަރަށް ބޮޑަށް ހަނިކުރެވިފަ" ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.
ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ހީލަތްތެރި ރޭވުމެއްގެ ދަށުން، ކައުންސިލްތަކަކީ އެއްވެސް މަސައްކަތެއް ނުކުރާ، ބާރުވެރިކަމެއް ނެތް ބަޔަކަށް ހަދާފައިވާކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީގެ މަސައްކަތަކަށްވެފައިއޮތީ ކައުންސިލްތައް ބަރުވެރިކުރުވުންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން ކުރަމުންގެންދާ މަސައްކަތަކީ ރާއްޖޭގެ ރަށްތަކަށް ތަރައްޤީ ގެނައުމުގެ މަސައްކަތް ކަމަށާއި، ރާއްޖޭގެ ޖަޒީރާވަންތަކަމުގެ ދެމެހެއްޓުމުގެ މަސައްކަތް ކަމަށެވެ.
"އަޅުގަނޑުމެންނަކީ ރަށްތަކެއްގައި ދިރިއުޅޭ ރަށްޔިތެއް. އަޅުގަނޑުމެންނަކީ ޖަޒީރާ ޤައުމެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޤައުމުގެ ޖަޒީރާ ސިފަ، އަޅުގަނޑުމެންގެ ރާސްޖޭގެ ރަށްތަކުގެ ތަރައްޤީ، އަޅުގަނޑުމެން ހޯދާނެ. ރާއްޖޭގެ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދޭނަން." ރައީސް ނަޝީދު ވިދާޅުވި އެވެ.