Advertisement
ކ. މާލެ
|
31 މާރޗް 2017 | ހުކުރު 01:14
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
މުހައްމަދު ޝަރުހާން
އިދިކޮޅު ކޯލިޝަން
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތައް އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރަނީ
ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވެސް އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތައް މިދަނީ ހޯދަމުން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތައް އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދުމަށް މަޝްވަރާތައް ފަށާފައިވާ ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަަމުން އިބޫ ވިދާޅުވީ ހަތަރު ސިޔާސީ ލީޑަރުން އެއްބަސްވި ގޮތަށް ހުރިހައި ކަމެއް ވެސް ކުރިއަށްދާ ކަމަށާއި އެގޮތުން ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދުމަށް މަޝްވަރާތައް ފަށާފައިވާ ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ފުރަތަމަ އިސްކަން ދޭ ކަމަކީ ރައްޔިތުންގެ މަޖުލިސް އިސްލާހުކޮށް ގާނޫނުއަސާސީގެ ތެރެއިން ރައްޔިތުން ތަމްސީލް ކުރެވޭނެ ތަނަކަށް ރައްޔިތުންގެ މަޖިލިސް ހެދުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށާއި ވަރަށް އަވަހަށް އަނެއްކާވެސް މަޖިލިސް ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މޖިލީހަށް ހުށަހަޅާނެ ކަމަށް އިބޫ ވިދާޅުވިއެވެ. ދެން އެ މައްސަލަ ހުށަހަޅާނީ ކޮންމެ ގޮތަކަށް މަޖިލީހުގައި ވޯޓް ނެގި ނަމަވެސް ކާމިޔާބު ކުރެވޭނެކަމުގެ ޔަގީން ކަމާއެކުގައި ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ދިޔަ ޖަލްސާގައި ވޯޓް ނެގުމުގެ ކަންތައްތައް ކުރިއަށް ދިޔައީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށާއި އެދުވަހު ނެގި ވޯޓަކީ ސައްހަ ވޯޓެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އޭގެ ފަހުން ވެސް ސަރުކާރު ވަރަށް ބޮޑަށް ގޮތް ހުސްވެފައިވާ ކަމަށް އިބޫ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މައްޗަށް ޓެރެރިޒަން ދައުވާކޮށް، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި ޖޭޕީގެ ނައިބް ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދުގެ އިތުރުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ބިރު ދެއްކުމަކީ އޭގެ ހެއްކެއް ކަމަށް އިބޫ ވިދާޅުވިއެވެ.  ނަމަވެސް އިބޫ ވިދާޅުވީ ސަރުކާރުން ހިންގާ އެފަދަ އެއްވެސް ކަމަކަށް އިދިކޮޅު އެއްވެސް ލީޑަރަކު ބިރު ނުގަންނަ ކަމަށާއި އަދި ސަރުކާރުންކުރާ އެފަދަ އެއްވެސް އަމަލަކާ ގުޅިގެން ފަހަތަށް ނުޖެހޭނެ ކަމަށް އިބޫ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް