Advertisement
ކ. މާލެ
|
30 މާރޗް 2017 | ބުރާސްފަތި 23:00
މަޖިލިސް ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓް ނެގި ޖަލްސާގެ ތެރެއިން އާންމުވެފައިވާ ވީޑިއޯއެއްގެ ސްކްރީން ޝޮޓެއް
މަޖިލިސް ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓް ނެގި ޖަލްސާގެ ތެރެއިން އާންމުވެފައިވާ ވީޑިއޯއެއްގެ ސްކްރީން ޝޮޓެއް
ޓްވިޓަރ
މަސީހުގެ ވޯޓް
އެހެން ސިސްޓަމުން ވޯޓް ދެއްވީ އާޒިމް ކަމަށް މޫސާ ތުހްމަތުކުރެއްވި، އާޒިމް އެކަން ދޮގުކުރޭ!
މައްސަލަ ތަހުގީގު ކުރުމަށްފަހު މަޖިލީހުން ރަސްމީކޮށް މައުލޫމާތު ހިއްސާ ކުރާނެ
ވީޑިއޯ ޓުވިޓާ މެދުވެރިކޮށް އާންމު ކުރެއްވީ ރިޔާޒް ރަޝީދު
މިކާ ގުޅޭ ގޮތުން މަޖިލިސް އަމީން އާންމުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަަމުގެ ވޯޓް ނެގި ޖަލްސާގައި އެހެން މެމްބަރުންގެ ސިސްޓަމުން ވޯޓް ލެއްވީ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ނައިބް ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ޓުވިޓް ކުރެއްވާފައިވާ ވީޑިއޯއާ ގުޅޭ ގޮތުން ރާއްޖެއެމްވީން ސުވާލު ކުރުމުން މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކް ވިދާޅުވީ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުމުގެ ކުރިން ނެގި ވޯޓުގައި އެހެން މެމްބަރުންގެ ސިސްޓަމުން ބޭނުން ކުރައްވައިގެން ވޯޓް ލެއްވީ އަލީ އާޒިމް ކަމަށާއި އެކަން މިހާރު އާންމުވެފައިވާ ވީޑިއޯއިން ސާފްކޮށް ފެނިގެންދާ ކަމަށެވެ.

މޫސަ ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އިތުރަށް އެއްވެސް އެއްޗެއް ވިދާޅުވާން މިވަގުތު ބޭނުންފުޅު ނުވާ ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު މަޖިލީހުން ރަސްމީކޮށް މައުލޫމާތު ހިއްސާ ކުރާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަގެ މިތުހްމަތު ދޮގުކުރައްވައި، އާޒިމް ވިދާޅުވީ އެއްވެސް މެމްބަރެއްގެ މައިކް ސިސްޓަމް ބޭނުންކުރައްވައިގެން ވޯޓް ލައްވާފައި ނުވާނެ ކަަމަށެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި މޫސަގެ މައި ސިސްޓަމަށް ކާޑު ޖަހާފައި ހުރުމުން އެކަން މޫސަގެ ސަމާލު ކަމަށް ގެންގެވި ވެސް އާޒިމް ވިދާޅުވި އެވެ. ވޯޓް އޮޅުވާލަފާނެ ކަމަށް ބެލެވޭތީ، ވޯޓްގެ ކުރިންނާއި ވޯޓުގެ ފަހުން ވެސް، މަހުލޫފާއި މޫސަގެ ކާޑު ސިސްޓަމަށް ޖަހާފައި ހުރިތޯ ބެއްލެވި ކަމަށް އޭނާ ވިދާޅުވި އެވެ. 

"ނަމަވެސް 100 ޕަސެންޓް މިދެނީ ވޯޓެއް ލާފައި ނޯންނާނެ،" އޭނާ ވިދާޅުވި އެވެ. 

މަޖިލީހުގެ ތަޅުމުގެ ވީޑިއޯ އާންމުވި ގޮތާބެހޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ރައްޔިތުން މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު އަށް ގުޅުމުން އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ ވީޑިއޯ އާންމުވި ގޮތާބެހޭ ގޮތުން މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގި ޖަލްސާގައި ރިޔާސަތުގައި އިންވެވި މަޖިލީހުގެ ނައިބް ރައީސް އާއި އަދި ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ ނަމުގައި ވޯޓް ދީފައިވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް