އިންޑިއާގެ ކޮޗިންގައި ނާދެވި ތާށިވެފައި ތިބި 189 ދިވެއްސެއް ރާއްޖެ ގެނެސް ކަރަންޓީން ކޮށްފިއެވެ.
ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އަންގާރަ ދުވަހު އިންޑިއާގެ ކޮޗިން އިން ރާއްޖެ ގެނައި 189 ދިވެހިން މިހާރު ތިބީ އޮޅުވެލިފުށި ރިސޯޓުގެ ކަރަންޓީން ފެސިލިޓީގައި ކަމަށެވެ. އަދި މީގެ ތެރޭގައި ހިމެނެނީ ޞިއްޙީ އެކި އުނދަގުލުގައި ބޭސް ފަރުވާއަށް ދިޔަ މީހުންނާއި ނާދެވި ތާށިވެފައި ތިބި މީހުން ކަމަށެވެ.
އަންގާރަ ދުވަހު ރާއްޖެ ގެނައި 189 ދިވެހިންގެ ތެރޭގައި ހިމެނެނީ ބޭސް ފަރުވާއަށް އެ ގައުމަށް ގޮސް ތިބި 71 ދިވެހިންނާއި، ރާއްޖެ އަންނަން ޓިކެޓު ނެގި ފަހުން ފްލައިޓް ކެންސަލްވުމުގެ ސަބަބުން އިންޑިއާގައި ތާށިވި 118 މީހަކު ކަމަށެވެ.
މަބްރޫކް ވިދާޅުވީ އެމީހުން އޮޅުވެލިފުށި ރިސޯޓަށް ކަރަންޓީނަށް ގެންދިއުމާއެކު އެ ކަރަންޓީން ފެސިލިޓީގައި ނަރުހުންނާއި ޑޮކްޓަރުންގެ އަދަދު އިތުރު ކުރަމުން އަންނަ ކަމަށެވެ.
އިންޑިއާގައި ތިބި ބައެއް ދިވެހިން އަންގާރަ ދުވަހު ރާއްޖެ ގެނެސްފައިވާއިރު، މޯލްޑިވިއަނުން ހޯމަ ދުވަހު ވަނީ ސްރީ ލަންކާގައި ތިބި 100 ދިވެހިން ގެނެސްފައެވެ. މީގެ އިތުރުން މެލޭޝިއާ އިން ދިވެހިން ގެނައުމަށް އަންގާރަ ދުވަހުގެރޭ 8:00 އިން ފެށިގެން އޮންލައިންކޮށް ޓިކެޓް ވިއްކަން ވަނީ ފަށާފައެވެ.