ދިވެހިންގެ ތެރޭގައި މަގުބޫލު ނެޓްފްލިކްސް ސީރީސްއެއް ކަމަށްވާ މަނީ ހެއިސްޓްގެ ޕާޓް 4 ނުކުތީ ހުކުރު ދުވަހުއެވެ. ސީރީސް ނުކުތުމާއި އެކު ފޭނުން އަވަސްވެ ގަތީ ސީރީސް ބެލުމައިގެންނެވެ. ހިނދުކޮޅެއްވެސް ނުވެ، ސޯޝަލް މީޑިއާ ފުރާލީ ނައިރޯބީ މަރުވި ހަބަރާއެކުގައެވެ.
ހަމަ ޔަގީނުންވެސް ނައިރޯބީގެ މަރު ވެގެންދާނީ މަނީ ހެއިސްޓްގެ ފޭނުންނަށް ވަރަށްވެސް އަސަރު ކުރި ހަބަރަކަށެވެ. ބައެއް މީހުން ނައިރޯބީގެ މަރު ސިފަ ކޮށްފައިވަނީ ހިތްވަރު ގަދަ އަޒުމް ވަރުގަދަ ބަތަލެއް މާކުރީބައިގައި މަރުވެގެން ދިޔުން ކަމުގައެވެ.
މަނީ ހެއިސްޓްގެ ފޭން އެއް ކަމުގައި ބެލެވޭ ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ނައިރޯބީގެ މަރާއި މެދު ސޯޝަލް މީޑިއާގައި ވިދާޅުވީ، ނައިރޯބީ މަރު ނުވާ ކަމަށާއި އޭނާ އެބަ ހަނާ އަޅާ ކަމަށެވެ. 2018 ވަނަ އަހަރު ނެޓްފްލިކްސްއިން ދައްކާ ނޮން އިންގްލިޝް ސީރީޒްތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މީހުން ބެލި ސީރިޒްގެ ލަގަބުވެސް ލިބިފައިވަނީ މި ސީރީޒަށެވެ.
މަނީ ހެއިސްޓް އިން ދައްކުވައިދެނީ މެޑްރިޑްގައި ހުންނަ ބޭންކެއް ކަމަށްވާ ރޯޔަލް މިންޓް އޮފް ސްޕެއިން އިން ވައްކަން ކުރުމަށްޓަކައި ގްރޫޕެއް ހަރަކާތްތެރިވެ، ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ ކާމިޔާބުވާ މަންޒަރެވެ. އެ ބޭންކްގައި މީހުން ރަހީނުކޮށް، ބޭތިއްބުމަށްފަހު އެމީހުން ލައްވާ 2.4 ބިލިއަން ޔޫރޯ ނޫޓުތައް ޗާޕުކުރުވައިގެން އެމީހުންގެ ވައްކަމުގެ ޕްލޭން ކާމިޔާބުވެއެވެ.
މި ވައްކަމުގެ ތެރޭގައި ރަހީނުކޮށްފައި ތިބި މީހުންނާއި ގްރޫޕުގައި ހިމެނޭ ބައެއް މީހުންނާއި ދެމެދު ހިނގާ ލޯބީގެ ތަފާތު ހާދިސާތައް ވެސް ދައްކުވައިދެއެވެ. މި ފްލޭން ކާމިޔާބުކޮށް އެމީހުންނަށް ބޭންކުގެ ބޭރުން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހަރަކާތްތެރިވަނީ ފްރޮފެސަރެވެ. މި ފިލްމުގައި އެންމެ ތަފާތުކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ ވައްކަމުގެ ކުރިން ގްރޫޕުތައް ބައްދަލުވާއިރު އެމީހެއްގެ އަސްލު ނަން ބުނުމުގެ ބަދަލުގައި ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުން ސިޓީއެއްގެ ނަން އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބިގެން ދިޔުމެވެ.
ބޭންކުގެ ވައްކަން ނިމޭއިރު ގްރޫޕުގައި ހަރަކާތްތެރިވާ ތިން މީހުން މަރުވެއެވެ. އަދި އެއަށްފަހު ދެ އަހަރަށްވުރެ ގިނަ ދުވަހު އެމީހުންގެ ފިލައިގެން އުޅެއެވެ. އެއަށްފަހު ފުލުހުންނަށް އެމީހުންގެ ތެރެއިން އެކަކު އަތުލައިގަނެވުނީ ގްރޫޕުގައި ހިމެނޭ ރިއޯ އޭނާގެ ލޯބިވެރިޔާ ޓޯކިޔޯއަށް ގުޅަން ސެޓަލައިޓް ފޯނެއް ބޭނުންކުރުމުންނެވެ. ރިއޯގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ފްރޮފެސަރ އަނެއްކާވެސް ގްރޫޕުގެ މެންބަރުންތައް އެއްތަންކޮށް އެހެން ބޮޑު ވައްކަމެއް ކުރެއެވެ. ސީޒަން ތިނެއް ނިމެނީ އެ ވައްކަމުގެ ތެރޭގައި އެ ގްރޫޕުން ހަރަކާތްތެރިވަމުންދަނިކޮށެވެ.
ނައިރޯބީގެ މަރަކީ މަނީ ހެއިސްޓްއަށް ލިބިގެންދިޔަ ފަޅުކަމެކެވެ. ޔޫތް މިނިސްޓަރ މަހުލޫފު ފަދައިން ނައިރޯބީގެ މަރު ގަބޫލު ކުރަން ބޭނުންނުވާ ކިތަންމެ ފޭނުންނެއް އުޅޭނެކަން ކަށަވަރެވެ.