Advertisement
ކ. މާލެ
|
30 މާރޗް 2017 | ބުރާސްފަތި 16:22
ނާޒިމް ޖަލަށް ބަދަލުކުރުމުގެ ކުރިން ކޮއްކޮ އާދަމް އާޒިމްއާ އެކު
ނާޒިމް ޖަލަށް ބަދަލުކުރުމުގެ ކުރިން ކޮއްކޮ އާދަމް އާޒިމްއާ އެކު
ރާއްޖެއެމްވީ
ކާނަލް ނާޒިމް
ނާޒިމް ގެންދިޔައީ މާފުށީ ޖަލަށް، އައްސޭރި ޖަލުގެ މަރާމާތު އަދިވެސް ނުނިމޭ!
އައްސޭރި ޖަލުގެ މަރާމާތުގެ މަސައްކަތް އަދިވެސް ނުނިމޭ
ނާޒިމް މިހާރު ހުންނެވީ މާފުށީ ޖަލުގެ އެސްޕީޔޫ ގައި
މާފުށީ ޖަލުގެ އެ ގޮޅި ހުސްކޮށް، ނާޒިމަށް ތައްޔާރުކުރި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިހާރު ބަންދުކޮށްފައި ވަނީ މާފުށީ ޖަލުގައި ކަމަށާއި، އައްސޭރި ޖަލުގެ މަރާމާތުގެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް(އެމްސީއެސް) އިން ބުނެފި އެވެ.

 

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާކޮށް ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ 2015 ވަނަ އަހަރުގެ މާޗް 27 އެވެ. މިދިޔަ އަހަރުގެ އޭޕްރީލް 4 ވަނަ ދުވަހާ ހަމައަށް ނާޒިމްގެ ޖަލު ހުކުމް ތަންފީޒް ކުރައްވަމުން ގެންދެވީ ކ. ހިންމަފުށީ އައްސޭރި ޖަލުގައެވެ.

 

ނަމަވެސް، އައްސޭރި ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް(އެސްޕީޔޫ) މަރާމާރު ކުރުމަށް ކަމަށް ބުނެ މިދިޔަ އަހަރުގެ އޭޕްރީލް 4 ވަނަ ދުވަހު ނާޒިމް ގޭބަންދަށް ބަދަލުކުރި އެވެ. ނާޒިމްއާއެކު އެ ޔުނިޓްގައި ހުކުމް ތަންފީޒް ކުރައްވަމުން ގެންދެވި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ވެސް ގޭބަންދަށް ބަދަލުކުރި އެވެ.

 

ގޭބަންދުގައި ހުންނަވަނިކޮށް ކަރެކްޝަނުން ބުދަ ދުވަހު ވަނީ ނާޒިމް އަނބުރާ ޖަލަށް ގެންގޮސްފަ އެވެ. ކަރެކްޝަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނާޒިމް މިހާރު ހުކުމް ތަންފީޒް ކުރައްވަމުން ގެންދަވަނީ މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް (އެސްޕީޔޫ) ގައި ކަމަށެވެ. އަދި ނާޒިމް ޖަލަށް ބަދަލުކުރީ މާފުށީ ޖަލުގައި ޖާގަ އޮތުމުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

 

ނަމަވެސް، ރާއްޖެއެމްވީ އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ނާޒިމް މިހާރު ހުންނެވި ގޮޅިއަކީ، ކުރިން އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) ހުރި ގޮޅި އެވެ. ނާޒިމް ޖަލަށް ބަދަލުކުރުމަށް ގޮޅިއެއް ހުސްކުރުމުގެ ގޮތުން، ހޯރަ އިއްބެ ވަނީ އައްސޭރި ޖަލަށް ބަދަލުކޮށްފަ އެވެ.

 

މިކަމާ ގުޅޭ ގޮތުން ކަރެކްޝަނުގެ މީޑިއާ އޮފިޝަލް އެއްވެސް އެއްޗެއް ވިދާޅެއް ނުވިއެވެ. ނަމަވެސް، އައްސޭރި ޖަލުގެ އެސްޕީޔޫގެ މަރާމާރުގެ މަސައްކަތް އަދި ނުނިމޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

 

ކުއްލި ގޮތަކަށް ނާޒިމް ޖަލަށް ބަދަލުކޮށްފައި މިވަނީ އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ގުޅިގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ފަށާފައި ވަނިކޮށެވެ. އަދި އެ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރުމަށް މައްސަލަ ހުށަހަޅައި، މަޖިލިސް ތެރޭގައި ހިނގައިދިޔަ "ކަންތައްތަކަކާއެކު" އެ ވޯޓް ފާސްނުވުމާއެކު، އިދިކޮޅު ސިޔާސީ ފަރާތްތައް ފުލުސް އޮފީހަށް ދަނީ ހާޒިރުކުރަމުންނެވެ.

 

ނާޒިމް ޖަލަށް ބަދަލުކުރިއިރު، އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓަރަރީ ޑިޓެންޝަނުން ވަނީ ނާޒިމްގެ މައްޗަށް ހިންގި ޝަރީއަތަކީ މިނިވަން އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށާއި އިޖުރާއަތުތައް ފުރިހަމަނުވާކަން ފާހަގަކޮށް، ނާޒިމް މިނިވަންކުރުމާއެކު ޖަލުގައި ބަންދުކުރުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލު ނަގައިދިނުމަށް ސަރުކާރަށް ގޮވާލާފައެވެ. ނަމަވެސް، ސަރުކާރުން ވަނީ އދ. ގެ ނިންމުން ބަލައިނުގަންނަ ކަމަށް ބުނެފަ އެވެ.

 

ނާޒިމް ދިރިއުޅުއްވަމުން ގެންދެވި ގ. އެނިފްގެ ގޭގެ އެޕާޓްމެންޓުން ހަތިޔާރު ފެނުނު މައްސަލައިގައި ހުކުމް އިއްވިއިރު، ފަހުން ފުލުހުން ވަނީ އެ ހަތިޔާރުން، 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާކަން ހާމަކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް