ފާއިތުވި 24 ގަޑިއިރު ތެރޭގައި ސްޕެއިން އިން ވަނީ ކޮވިޑް-19 ޖެހިގެން 950 މީހުން މަރުވެފައެވެ. އެއާއެކު އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ ދިހަހާހަށްވުރެ މައްޗަށް އަރާފަ އެވެ. އަދި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދުވެސް އަންނަނީ އެތައް ގުނައެއް އިތުރުވަމުންނެވެ. އެގޮތުން ބުރާސްފަތި ދުވަހު ހާމަކުރި ތަފާސްހިސާބުތަކާއެކު އެގައުމުގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 102,136 ން 110,238 އަށް ވަނީ އަރާފަ އެވެ.
ދުނިޔޭގައި ތިން ވަނައަށް އެންމެ ގިނަ ވައިރަސް ޖެހެމުންދާ އަދި އިޓަލީ ނެގުމަށްފަހު އެންމެ ގިނަ އަދަދެއްގެ މީހުން މަރުވަމުންދާ ސްޕެއިން އިން ވައިރަސް ކޮންޓްރޯލްކުރުމަށް ދަތިތަކާ ކުރިމަތިލަމުން އަންނައިރު އެގައުމު ލޮކްޑައުންކޮށްފައި އޮތްއޮތުން ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. އޭޕްރީލް މަހުގެ 11 ވަނަ ދުވަހާހަމައަށް ސްޕެއިން ލޮކްޑައުންކޮށްފައި އޮތްއޮތުން މިހާރު ދިގުދައްމާލާފައި ވާއިރު އެއާއެކު ސްޕެއިން އިން އަންނަނީ ތަފާތު އެހެން ކަންކަންވެސް ފެންނަމުންނެވެ. އެގޮތުން ސްޕެއިންގެ ތެރެއިން މިވަގުތު ފެންނަ މުހިންމު 5 ކަމަކަށް ބަލާލާނަމެވެ.
ވައިރަސް ފެތުރޭ މިންވަރު އިތުރުވަމުން ދިޔަޔަސް އުންމީދު އެބައޮތް:
ސްޕެއިންގައި ވައިރަސް ޖެހޭ މިންވަރު އަންނަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ. އެގޮތުން ބުރާސްފަތި ދުވަހު އެގައުމުގައި ވައިރަސް ޖެހުނު މީހުންގެ އިންސައްތަ ވަނީ 7.9 އިންސައްތައަށް އިތުރުވެފަ އެވެ.
އެހެންނަމަވެސް މަރޗް މަހުގެ 25 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު އެގައުމުގައި ވައިރަސް ޖެހޭ މީހުންގެ އިންސައްތަ އަންނަނީ ދަށްވަމުންނެވެ. މަރުވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ އައުމުގެ ހިތްދަތިކަން ސްޕެއިންއަށް އޮތްނަމަވެސް އެގައުމުގެ ހެލްތު މިނިސްޓަރ ސަލްވަޑޯރ އިއްލާ ވަނީ ވައިރަސް ޖެހޭ މީހުންގެ ނިސްބަތް ނުވަތަ ފެތުރޭ ނިސްބަތް މިހާރު ދަށްވަމުންދާކަން ފާހަގަކުރައްވާފަ އެވެ.
ވައިރަސް ފެތުރޭ މިންވަރުގެ ގްރާފުންދައްކާ ގޮތުގައި ކަރވް މިހާރުވަނީ ވަކިމިންވަރެއްގައި ހިފެހެއްޓިފައި. ވައިރަސް އެންމެ ބޮޑަށް ފެތުރޭ ހިސާބަށް ވަނީ އައިސްފައި. އަދި މިހާރު ކާވް ދައްކާގޮތުން މިވަނީ ވައިރަސް ފެތުރޭ މިންވަރު އަންނަނީ ދަށްވަމުން. އަހަރުމެންނަށް މިހާރު އުންމީދު އެބަފެނޭ. މިހާރު މިވަނީ ވައިރަސް ފެތުރޭ މިންވަރު ދަށްވުމުގެ ފޭސްއަށް އައިސްފައިހެލްތު މިނިސްޓަރ ސަލްވަޑޯރ އިއްލާ
ސްޕެއިންގެ އެއް މިލިއަން މީހުންގެ ވަޒީފާ ގެއްލުނު:
47 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްޕެއިން އިން ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ލޮކްޑައުން އަކަށް އައިސްފައިވަނީ މަރޗް މަހުގެ މެދުތެރެއިންނެވެ. އެއާއެކު އެގައުމުގެ 9 ލައްކަ މީހުންގެ ވަޒީފާތައް ހުއްޓުމަކަށް އައެވެ. އަދި އެކަމުގެ އަސަރު 9 ލައްކަ މީހުންނަށް ބަރޯސާވެފައިވާ ހަ ލައްކައަށްވުރެ ގިނަ މީހުންނަށް ކުރިއެވެ.
އެގައުމުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 80،000 (އަށްޑިހަ ހާސް) މަސައްކަތު މީހުން ވަނީ ކޮވިޑް-19 ޖެހިގެން މަސައްކަތް ނުކުރެވޭ ހާލަތުގައެވެ. އަދި 170،000 (އެއް ލައްކަ ހަތްދިހަ ހާސް) މީހުން ވަނީ ވައިރަސް ޖެހިފައިވާ މީހުންނާއި ކޮންޓެކްޓް ވުމުގެ ސަބަބުން އައިސޮލޭޝަނަށް ދާންޖެހިފަ އެވެ.
އެގައުމުގެ ލޭބަރ މިނިސްޓަރ ޔޮލަންޑާ ޑިއާޒް ރިޕޯޓަރުންނާ ބައްދަލުކޮށް ވިދާޅުވެފައިވަނީ މިއީއެއްވެސް ވަރަކަށް އަންދާޒާވެސް ކޮށްފައިނުވާފަދަ އަދަދުތަކެއް ކަމަށެވެ.
ސްޕެއިން އިން 2008 އަދި 2009 އަށް ކުރިމަތިވި އިގްތިޞާދީ ކާރިސާގައިވެސް ވަނީ ވަޒީފާގެއްލުމުގެ ކަންކަން ތަހައްމަލުކޮށްފަ އެވެ. އެފަހަރު ވަޒީފާ ނެތްމީހުންގެ ނިސްބަތް އަރާފައިވަނީ 27 އިންސައްތަ އަށެވެ.
އެގައުމުގެ ލޭބަރ ޔޫނިއަންގެ ލީޑަރ ޓީވީ ސްޓޭޝަނަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ސްޕެއިން ވަނީ އެގައުމަށް ދިމާވެފައިވާ ސިއްހީ އެމަރޖެންސީގެ ސަބަބުން ޕެރެލައިޒް ވެފައިކަމަށެވެ. މަރޗް މަހަކީ އެގައުމުގައި އާންމުކޮށް ވަޒީފާގެ ބާޒާރަށް އެންމެ ބާރު ބޮޑު އެންމެ ރަނގަޅު މަހެވެ. އެއީ ޗުއްޓީ އާ ދިމާކޮށް ވަގުތީ ގޮތުން ވަޒީފާތަކުގައި ތިބޭ މީހުން ދާއިމީ ވަޒީފާތައް ހޯދުމުގެ މަސައްކަތް މަރޗް މަހުގެ ތެރޭގައި ކުރާތީ އެވެ. ވަކިން ޚާއްސަކޮށް ހޮސްޕިޓާލިޓީ ދާއިރާއިން ދާއިމީ ވަޒީފާތައް ހޯދުމަށް މީހުން މަސައްކަތްކުރެއެވެ.
ވަޒީފާތައް ގެއްލުމުގެ ސަބަބުން އެކަމުގެ ބުރަ ވަކިން ޚާއްސަކޮށް އަންހެނުންނަށާއި ޒުވާނުންނަށް އަދި ވަޒީފާގެ ޔަގީންކަންނެތް މީހުންނަށް ވަނީ ބޮޑުވެފަ އެވެ.
ސްޕެއިންގެ ސިއްހީ އެހީތެރިން ޕްލާސްޓިކް ކޮތަޅުން ރައްކާތެރިކަން ހޯދުން:
ސްޕެއިންގެ ޑޮކްޓަރުންނާއި ނަރުހުން ވަނީ ކުނިއުކާލުމަށް ގެންގުޅޭ ބޮޑެތި ޕްލާސްޓިކް ކޮތަޅު ރައްކާތެރިކަމުގެ ގޮތުން އެމީހުން ލާންޖެހޭ ހެދުމުގެ ގޮތުގައި ބޭނުންކުރުމަށް ޑިޒައިންކޮށް އެމީހުން އެލައިގެން ތިބޭ ފޮޓޯތަކެއް ސޯޝަލް މީޑިޔާއަށް ޕޯސްޓުކޮށްފަ އެވެ. އެގައުމުގައި ސިއްހީ ޚިދުމަތް ދިނުމަށް މަސައްކަތްކުރާ މީހުންގެ ތެރެއިން 15،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ވައިރަސް ޖެހިފައެވެ. ނުވަތަ ސެލްފް އައިސޮލޭޝަންގެ ސަބަބުން އެހެން މީހަކަށް ފަރުވާނުދެވޭ ހިސާބަށްގޮސްފަ އެވެ. އެއީ އެގައުމުގައި ވައިރަސް ޖެހިފައިވާ މީހުންގެ 15 އިންސައްތަ އެވެ.
ސިއްހީ އެހީތެރިންނަށް ވައިރަސް ޖެހޭ މިންވަރު އިތުރުވަމުން ގޮސްފައިވަނީ ވައިރަސް އެންމެ ބާރަށް ފެތުރެމުންދާ މެޑްރިޑްގައި ކަމަށް އެގައުމުން ބުނެއެވެ.
ވައިރަސް ޖެހުނު 93 އަހަރުގެ މީހަކު ވަނީ ރަނގަޅުކުރެވިފައި:
ބުދަ ދުވަހު ސްޕެއިންގެ ޑޮކްޓަރުންނާއި ސިއްހީ އެހީތެރިން އުފަލުން އަތްޖެހީ ކޮވިޑް-19 ޖެހުނު އުމުރުން 93 އަހަރުގެ މީހަކު ރަނގަޅުކުރެވިގެން ހޮސްޕިޓަލުން ދޫކޮށްލުމުންނެވެ. އެމީހާ ހޮސްޕިޓަލްގެ އައިސޮލޭޝަންގައި 5 ދުވަސް ހޭދަކޮށްފައިވެ އެވެ.
ޔޫރަޕުގެ ގައުމުތަކުން ވައިރަސް ޖެހިގެން މަރުވާ މީހުންގެ ތެރެއިން 95 އިންސައްތައަށް ވުރެ ގިނަ މީހުންނަކީ އުމުރުން 60 އަހަރަށްވުރެ މަތީ މީހުންކަމަށް ޑަބްލިޔުއެޗްއޯއިން ވަނީ ބުނެފަ އެވެ.
ވައިރަސް ޖެހިފައިވާ ގިނަ މީހުން ހުން އައިސް ކެއްސާ ރޯގާ ޖެހޭއިރު އެމީހުން ރަނގަޅުވުމަށް ދެ ހަފްތާ އާއި ތިން ހަފްތާ އާ ދެމެދުގެ މުއްދަތެއް ނަގަ އެވެ. އުމުރުން ދުވަސްވެފައިވާ މީހުންނާއި ބޮޑެތި ބަލިތައް ޖެހިފައިވާ މީހުންނަށް މިއަށްވުރެ ބޮޑުވަރުވެ ނިއުމޯނިއާއަށް ބަދަލުވެ މަރުވާ ހިސާބަށް ދާކަމަށް ސިއްހީ މާހިރުން ބުނެއެވެ.
އެންމެ ހާލަތުގޯސް ކަޓަލޯނިއާ އިން ވަނީ މިލިޓަރީ އެހީތެރިކަމަށް އެދިފައި:
ސްޕެއިންގެ ސަރުކާރާ ވަކިން އޮންނަ ކަޓަލޯނިއާ އިން ވަނީ އެގައުމުގެ މިލިޓަރީގެ އެހީތެރިކަމަށް ބުރާސްފަތި ދުވަހު އެދިފައެވެ. އެސަރަހައްދުން އެންމެ ފުރަތަމަ ވަނީ މިލިޓަރީ އެހީތެރިކަން ބޭނުންނުވާކަމަށް ބުނެފަ އެވެ.
ވައިރަސްގެ ހާލަތު އެންމެ ގޯސް އެއް ސަރަހައްދަކީވެސް އެއީއެވެ. އެސަރަހައްދުން ދެހާހަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ދެހާހާ ކައިރިކުރާވަރަށް އައިސީޔޫގައިވެސް މީހުން އެބަތިއްބެވެ.
އެސަރަހައްދުން އެންމެފަހުން ވަނީ މިލިޓަރީގައި އުޅޭ ސިއްހީ އެހީތެރިންގެ އެހީތެރިކަމަށް އެދިފަ އެވެ.