Advertisement
ކ. މާލެ
|
30 މާރޗް 2017 | ބުރާސްފަތި 15:05
ހައްޔަރުކޮށްފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠޮއްޔިބު ޝަހީމް
ހައްޔަރުކޮށްފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠޮއްޔިބު ޝަހީމް
ޓްވިޓަރ
ޠޮއްޔިބު ޝަހީމް
ޠޮއްޔިބު ދޫކޮށްލުމަށް ގޮވާލައި ރައީސަށާއި ހޯމް މިނިސްޓަރަށް ސިޓީ ފޮނުވަން އެމްނެސްޓީން ގޮވާލައިފި
ޠޮއްޔިބު ހައްޔަރުކޮށްފައިވަނީ ފ. އަތޮޅުގެ ޑީލާ ގުޅޭ ގޮތުން ޓްވީޓް ކުރުމުން
ކޯޓުން ވަނީ އޭނާގެ ބަންދަށް ދެފަހަރެއްގެ މަތިން މުއްދަތު ޖަހައިދީފަ
އެމްނެސްޓިން ވަނީ ޠޮއްޔިބަށް ޟަމީރުގެ ޤައިދީގެ ލަޤަބު އަރުވާފަ

ހައްޔަރުކޮށްފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠޮއްޔިބު ޝަހީމް ދޫކޮށްލުމަށް ގޮވާލާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންނަށާއi މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙުމަދަށް ސިޓީ ލިއުމަށް އެމްނެސްޓީ އިންޓަރނޭޝަނަލް އިން ގޮވާލައިފިއެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ، އެމްނެސްޓީ އިންޓަރނޭޝަނަލް އިން ބުދަ ދުވަހުގެ ރޭ ނެރުނު "އަރޖަންޓް އެކްޝަން ކޯލް" އެއްގައި ބުނެފައިވަނީ، ޟަމީރުގެ ޤައިދީ، ޠޮއްޔިބު ޝަހީމް ހައްޔަރުކުރީ، ސަރުކާރުން ސިއްރިއްޔާތުގައި ފާފު އަތޮޅު ވިއްކާލުމަށް މަސައްކަތް ކުރާ ކަމަށް ބެލެވޭ މައްސަލައިގައި، އެކަމާ ނުރުހުން ފާޅުކޮށް ޓްވީޓް ކުރަމުން ދަނިކޮށް ކަމަށެވެ. މިހާރު ފެތުރެމުންދާ އެޗްވަންއެންވަން ރޯގާއާ ގުޅޭ ގޮތުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ދޮގު ވާހަކަތައް ފެތުރުމުގެ ތުޙުމަތު ސަރުކާރުން އޭނާގެ މައްޗަށް ކޮށްފައި ވީނަމަވެސް، ހައްޔަރުކުރި ވަގުތާއި ހާލަތަށް ބަލާއިރު، ޠޮއްޔިބު ހައްޔަރުކުރީ ފ. އަތޮޅުގެ ޑީލާ ދެކޮޅަށް އަޑުއުފުލުމުން ކަމަށް ޤަބޫލުކުރެވޭ ކަމަށް ވެސް އެމްނެސްޓީގެ ބަޔާނުގައި ވެއެވެ.

މި ބަޔާނުގައި ބުނެފައި ވަނީ ޠޮއްޔިބު ހައްޔަރުކޮށްފައި ވަނީ މި މާޗް މަހުގެ 16 ވަނަ ދުވަހުގެރޭ ކަމަށާ، ޖެހިގެން އައި ދުވަހު އޭނާ ބަންދުގައި ބަހައްޓައިގެން، "އެޗްވަންއެންވަން ވައިރަސް އާ ގުޅޭ ގޮތުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަ ދައްކާ" ކަމުގެ ތަޙުޤީޤު ކުރިއަށްގެންދިއުމަށް ކޯޓުން މުއްދަތު ޖަހައިދީފައިވާ ކަމަށެވެ. އަދި އެ މުއްދަތު ހަމަވުމާއި އެކު، ޠައްޔިބު ކުރަމުންގެންދާ ކަންތައްތަކަކީ، "ތެދުމަގު ދެއްކެވި މީހަކު ކޮށްގެން ވާނޭ ކަމެއް ނޫން" ކަމަށް ބުނެ އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

ޠޮއްޔިބްގެ ވަކީލް، މަހުފޫޒް ސައީދު މީގެ ކުރިން ވިދާޅުވެފައިވާ ފަދައިން، ޠޮއްޔިބުގެ މައްޗަށް މިފަދަ ތުހުމަތެއް ފުލުހުން ކުރި ނަމަވެސް އެޗްވަންއެންވަންއާ ގުޅޭ ގޮތުން ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ޠޮއްޔިބު ކޮށްފައިވާ ޓްވީޓެއް ނުވަތަ ސޯޝަލް މީޑިއާގައި ދައްކާފައިވާ ވާހަކައެއް ފުލުހުންނަށް ބުނެދެވިފައި ނުވާ ކަމަށާ، އަދި ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފެއްދުމަށް ޠޮއްޔިބު ދައްކާފައިވާ އެހެނިހެން ވާހަކަތަކަކީ ކޮބައިކަން ވެސް ފުލުހުންނަށް ބުނެދެވިފައި ނުވާކަން މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ޠޮއްޔިބުގެ މައްޗަށް އަދި ދަޢުވާއެއް އުފުލާފައި ނުވި ނަމަވެސް، ބެލެވޭ ގޮތުގައި އޭނާގެ މައްޗަށް ކުރާނީ، ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 122 އަދި 610 ވަނަ މާއްދާގެ ދަށުން، ދޮގު މަޢުލޫމާތު ފެތުރުމާއި، ރަޔަޓްކުރުމާއި ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ދަޢުވާއެވެ.

ޤާނޫނުލް އުޤޫބާތުގެ 122 ވަނަ މާއްދާގެ (ހ - އަންނަނިވި ޙާލަތްތަކުގައި، އަންނަނިވި ޢަމަލެއް ކުރާ މީހާ އެކުރަނީ ކުށެކެވެ) ގެ 2 ގައި ބަޔާންކޮށްފައިވަނީ،

މަޢުލޫމާތަކީ ކަނޑައެޅިގެން ރަނގަޅުނޫން މަޢުލޫމާތެއްކަން އެނގިހުރެ، މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިދާފަދަ ޙާލަތެއް ކުރިމަތިވެދާނެކަމުގެ ޚަބަރު ނުވަތަ އަނިޔާވެރި ކުށެއް ހިންގައިފާނެކަމުގެ ޚަބަރު އެހެން މީހަކަށް ދިނުން.

މިއީ ޖުނަޙްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.

ޤާނޫނުލް އުޤޫބާތުގެ 610 ވަނަ މާއްދާގެ ހ ގައި ރަޔަޓްކުރުމާއި ނުވަތަ ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަށް ހިތްވަރު ދޭ މީހާ އާއި، އެއިން ކަމަކަށް އެހީތެރިވެދޭ މީހާ އާއި، އެއިން ކަމެއް ކުރާ މީހާ، އެކުރަނީ ކުށެއް ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި އެ މައްދާގެ (ނ) ގައި މި ކުށް ދަރަޖަ ކުރާނެ ގޮތް ބަޔާންކޮށްފައިވެއެވެ. އެގޮތުން (ނ) ގެ (1) ގައި ވެއެވެ:

ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި 2 މީހުންނަށް ނުވަތަ އެއަށްވުރެ ގިނަ ބަޔަކަށް ހިތްވަރު ދޭ ނުވަތަ އަމުރުކުރާ ނުވަތަ އިރުޝާދު ދޭ، ނުވަތަ ހަދަންވީގޮތް ބަޔާންކޮށްދޭ މީހާ އެކުރަނީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.

އަދި (ނ) ގެ (2) ގައި ވެއެވެ:

ރަޔަޓްކުރުމަށް އަންނަނިވި މީހުންނަށް ހިތްވަރުދޭ ނުވަތަ އަމުރުކުރާ ނުވަތަ އިރުޝާދު ދޭ ނުވަތަ ހަދަންވީގޮތް ބަޔާންކޮށްދޭ މީހާ އެކުރަނީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.

  1. މީހުންނަށް ނުވަތަ އެއަށްވުރެ ގިނަ ބަޔަކަށް؛ ނުވަތަ
  2. ދިވެހިރާއްޖޭގެ ސިފައިންގެ ބަޔަކަށް.

އެހެން އެ ދަޢުވާކޮށްފި ނަމަ، ޠޮއްޔިބުގެ މައްޗަށް އެއް އަހަރާއި ތިން މަހުގެ ޖަލު ޙުކުމެއް ކުރުމުގެ ފުރުޞަތު ބޮޑު ކަމަށް އެމްނެސްޓީން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ޠޮއްޔިބުގެ ވަކީލު މަހުފޫޒް ސައީދާ ހަވާލާދީ، މި ބަޔާނުގައި ބުނެފައިވަނީ، ދޫނިދޫގައި ޠޮއްޔިބު ބަހައްޓާފައި ހުރި ތަނުގައި ސާފު ބޯފެން ނުލިބޭ ކަމަށާއި، މަދިރީގެ އުނދަގޫ ވަރަށް ބޮޑު ކަމަށެވެ.

އެހެންކަމުން، މައިގަނޑު ތިން ކަމަކަށް ގޮވާލައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނަށާއި މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙުމަދަށް ސިޓީ ލިއުމަށް އެމްނެސްޓީ އިންޓަރނޭޝަނަލްއިން ވަނީ ގޮވާލާފައެވެ. އެ 3 ކަމަކީ:

  • ޠައްޔިބަކީ، އޭނާއަށް ލިބިފައިވާ ޚިޔާލު ފާޅުކުރުމުގެ ޙައްޤު ބޭނުންކުރުމުން، ހައްޔަރުކޮށްފައިވާ، ޟަމީރުގެ ޤައިދީއެއްކަމުން، އެއްވެސް ޝަރުތަކާއި ނުލައި މިހާރުން މިހާރަށް ޠައްޔިބު މިނިވަން ކުރުން. އަދި އޭނާ އާއި ދެކޮޅަށް ހިންގޭ ޖިނާއީ ތަޙުޤީޤު ހުއްޓާލުން.
  • ބައިނަލްއަޤުވާމީ ޤާނޫނުތަކަށް އިޚުތިރާމްކޮށް، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި، އަމަން އަމާން ކަމާއިއެކު އެއްވެސް އުޅުމުގެ މިނިވަންކަން ކަށަވަރުކޮށްދީ، ފ އަތޮޅުގެ ޑީލާއި ގުޅިގެން ޚިޔާލު ފާޅުކުރާ އެއްވެސް ޟިހަކާއިމެދު ފިޔަވަޅު ނޭޅުން.
  • ނޫސްވެރިންނާއި، މީޑީއާތަކަށް ފުރައްސާރަކުރުން ހުއްޓާލައި، ޤާނޫނާއި ޚިލާފަށް އެފަރާތްތަކުގެ މަސައްކަތަށް ހުރަސްއެޅުން ވަގުތުން ހުއްޓާލުން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަރާތްތައް، އިނގިރޭސި އާއި ދިވެހި އަދި އެހެން ބަސްތަކުން، ރައީސާއި، ހޯމް މިނިސްޓަރުގެ އިތުރުން، އެ ފަރާތެއްގެ ޤައުމުގެ ޑިޕްލޮމޭޓުންނަށް މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، ސިޓީ ފޮނުވުމަށް އެމްނެސްޓީން ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް