ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތައް ވަނީ ލޮކްޑައުންގައެވެ. ދުނިޔޭގެ 206 ޓެރިޓަރީން މި ވައިރަސް ފެނިފައިވާއިރު، ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތައްވެސް ދަނީ ވަރުގަދަ ކުރަމުންނެވެ. އެގޮތުން މީހުން ގޭގައި ތިބުމަށް ބާރުއަޅަމުންދާއިރު، ގިނަ މީހުން އެއްވެ އުޅުން މަނާ ކުރުމަށް ވެސް ޤައުމުތަކުގައި ދަނީ ފިޔަވަޅުތައް އަޅަމުންނެވެ.
އެގޮތުން ކޮވިޑް-19 އާއި ގުޅިގެން ލޮކްޑައުން ކުރުމާއި ގުޅިގެން ގޭގައި ތިބެން ޖެހުމުން ބައެއް ފަރާތްތަކުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ހާލަތުން އަރައިގަނެވޭނެ ދުވަހަކާއި މެދު އެންމެންވެސް ދަނީ ވިސްނަމުންނެވެ.
މި ދުވަސްވަރު ސިއްޚީ މާހިރުން ލަފާދެއްވާފައި ވަނީ ވެސް ގޭގައި ތިބުމަށެވެ. ސްކޫލްތައް ބަންދުކޮށް ސަރުކާރު އޮފީސްތައް ބަންދު ކުރުމުގެ ސަބަބުން މިދުވަސްވަރު ކިޔެވުމާއި އޮފީސް މަސައްކަތްވެސް ކުރަން ޖެހިފައިވަނީ ގޭގައި ތިބެގެންނެވެ.
މިހުރިހާ ކަމަކާއި މެދު ނައްސިކޮށް ވިސްނުމުގެ ބަދަލުގައި މި ލޮކްޑައުންގެ މުއްދަތުގައި ތިމާވެ ވިސްނުން ފައްސިކުރަންވީއެވެ. މިއީ އެންމެންގެ ސަލާމަތާރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅެއްކަން ގަބޫލުކުރަންވީއެވެ. އެންމެންގެ މަންފާ އާއި ލާބަ މިކަމުގައި ވާކަމަށް ގަބޫލުކުރުމުން، އެކަމުން ކުރާނެ ފައިދާ އެނގޭނެއެވެ.
ތަޖުރިބާކާރުން ބުނާގޮތުގައި ކަރަންޓީންގައި ތިބޭއިރު މުޖްތަމަޢު އާއި ވަށައިގެންވާ ތިމާވެއްޓަށް ވެސް އެކަމުން އަންނާނެ ހެޔޮ މަންފާވެސް ބައިވަރެވެ. އެއްކަމެއްގެ ގޮތުން ކަރަންޓީންގައި ތިބޭއިރު ޖައްވު ނުސާފުވާ މިންވަރު ކުޑަވެގެންދާނެއެވެ. އެކަމުގެ ސަބަބުން ސިއްޚަތާއި ސާފުތާހިރު ކަމަށް ހޭލުންތެރިވެގެންދާނެއެވެ.
ކަރަންޓީންގައި ތިބޭ ދުވަސްވަރު ހަކަތަ ބޭނުންކުރާ މިންވަރު މަދުވެގެންދިއުމުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުވެސް ކުޑަކޮށްދެއެވެ. އޭގެ އިތުރުން، ޖައްވު ނުސާފުވުން ކުޑަ ވުމުގެ ނަތީޖާއެއްގެ ގޮތުން ނޭވާލުމަށްވެސް ސާފު ވައި ލިބިގެންދާނެއެވެ.
ލޮކްޑައުންގައި ތިބޭއިރު، އާއިލާއާއި އެކު އުފާވެރި ވަގުތު ހޭދަކުރުމަށް ވެސް ފުރުސަތު ތަނަވެސް ވެގެން ދެއެވެ. ދުރުގައި ތިބޭ އާއިލާ އާއި ރައްޓެހިންނާއި އިންޓަނެޓްގެ ޒަރިއްޔާއިން ގުޅުންތައް ބަދަހި ކުރުމަށް ވަގުތު ލިބިގެންދާނެއެވެ. ކުރިން ނުކުރެވިހުރި އެތައް މަސައްކަތްތަކެއް ކުރުމަށް ވަގުތު ފަހިވެގެންދާނެއެވެ. އައު ހޮބީތަކާއި އައު ކަންކަމަށް ލޯހުޅުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ގޭގައި ތިބެގެން ޓީވީ އާއި އިންޓްނެޓްގެ ޒަރިއްޔާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ހޯދޭނެއެވެ. ނަތީޖާއެއްގެ ގޮތުން ތިމާގެ މައުލޫމާތު އިތުރަށް މުއްސަނދިވެ، ކަންކަމަށް ހޭލުންތެރިވާ މިންވަރު އިތުރުވެގެންދާނެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ގިނަ ޤައުމުތަކުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަންވެސް އާންމުންނަށް ބަންދު ކުރަމުންދާއިރު، ބޭރުން ކެއުމުގެ ބަދަލުގައި ގޭގައި ތައްޔާރު ކޮށްގެން ދުޅަހެޔޮ ރަނގަޅު ކާނާ ކެއުމަށް ފުރުސަތު ލިބިގެންދާނެއެވެ. އަދި ތިމާގެ ކެއްކުމުގެ ހުނަރު އިތުރަށް ކުރިއެރުވުމަށްވެސް މިއީ ރަނގަޅު ފުރުސަތެކެވެ.
މާލެ ފަދަ ތޮއްޖެހިފައިވާ ސިޓީ ތަކުގައި އެއްގަމުގައި ދުއްވާ އުޅަނދުފަހަރުން އިވޭ އަޑުތައް މަޑުވެ ގުދުރަތީ ވައިރޯޅި އާއި ދޫނި ސޫފާ ސޫފީގެ އަޑު ފަދަ އަޑުތައް އިވި ގުދުރަތުގެ ފުރިހަމަ މަންޒަރުތައް ފެނިގެންދާނެއެވެ. މި ދަނޑިވަޅުގައި ވިސްނަންވީ ކަމަކީ ކަމާބެހޭ އިރުޝާދުތަކަށް ބޯލަނބައި، ގޭގައި މަޑުކުރުމެވެ.
ގޭގައި މަޑުކޮށްގެން ހޭދަކުރާ ވަގުތުތަކުގައިވެސް، ފައިދާހުރި ބޭނުންތެރި ކަމެއް ކުރުމަށް އިސްކަންދިނުން މުހިންމެވެ. އަޅުކަން އިތުރުކޮށް، މާތް ރަސްކަލާންގެއަށް ޒިކުރުކޮށް، އާއިލާއާއެކު ވަގުތު ހޭދަކޮށް، ދޭދޭ ގުޅުންތައް ބަދަހިކޮށް، ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެންނާންވީއެވެ. ތިމާގެ ވިސްނުން ފައްސިކޮށް، ކޮންމެ ދުވަހެއްގެ ފެށުންވެސް އެފަދަ ހިޔާލަކުން ފަށާލުން ބުއްދިވެރިއެވެ.