ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އިޓަލީ ލޮކްޑައުން ކޮށްފައިވާ މުއްދަތު އިތުރުކޮށްފިއެވެ.
ކޯވިޑް-19 ފެތުރެމުންދާތީ އެންމެ ފުރަތަމަ މުޅި އިޓަލީ ލޮކްޑައުންކުރީ މާޗް މަހުގެ 10 ގައި 30 ދުވަހުގެ މުއްދަކަށެވެ. މިލޮކްޑައުންކޮށްފައިއޮތް މުއްދަތު ހަމަވާތީ މިހާރު ވަނީ އޭޕްރީލް މަހުގެ 13 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ.
އިޓަލީގައި ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާތީ، ބޮޑުވަޒީރު ގުޒެއްޕެ ކޮންޓޭ ރައްޔިތުންނާއި މުހާތަބުކުރައްވާ ވިދާޅުވީ މުޅި ގައުމު ލޮކްޑައުން އަކަށް ދާން ނިންމީ އެނޫން ގޮތެއް ނެތިގެން ކަމަށާއި، އެއީ މިހާރަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ.
ހުރިހާ ރައްޔިތުންވެސް ސަލާމަތްތެރިކަމާއެކު ގޭގައި ތިބުމަށް އިލްތިމާސް ކުރައްވާ ކަމަށާއި ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ދަތުރެއް ކުރާނަމަ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދަންވާނެ ކަމަށެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެ ގައުމުގެ ސަރުކާރުން ގިނަ ފިޔަވަޚުތަކެއް އެޅި ނަމަވެސް ކޮވިޑް-19 ގައި އެންމެ ގިނަ މީހުން މަރުވި ކަމަށް ރިޕޯޓުކޮށްފައިވަނީ އިޓަލީގައެވެ. އަދި ދެވަނައަށް މި ބަލީގެ އެންމެ ގިނަ ކޭސްތައް ރިޕޯޓުކުރެވިފައިވަނީ ވެސް އިޓަލީއިންނެވެ.
މުޅި ދުނިޔެއިން 900،000 ލައްކައަށްވުރެ ގިނަ މީހުންނަށް މިވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، އިޓަލީގައި 100،000 އަށްވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވެއެވެ.