Advertisement
ކ. މާލެ
|
30 މާރޗް 2017 | ބުރާސްފަތި 05:34
ޤާސިމް އިިބްރާހިމް ފުލުހުންގެ އިދާރާއަށް ވަދެވަޑައިގަންނަވަނީ
ޤާސިމް އިިބްރާހިމް ފުލުހުންގެ އިދާރާއަށް ވަދެވަޑައިގަންނަވަނީ
ރާއްޖެއެމްވީ
ޤާސިމް ފުލުހަށް ހާޒިރުކުރުން
ޤާސިމްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މެމްބަރުންނަށް ރިޝްވަތުދެއްވިކަމުގެ ތުހުމަތު!
ފުލުހުންގެ އިދާރާގައި ޤާސިމް، 3 ގަޑިއިރާއި 30 މިނެޓަށް އިންނެވި
ރިޝްވަތުދިންކަމަށް ތުހުމަތުކުރީ ސިޔާސީ ބޮޑު މަޖާގަނޑެއްގެ ތެރެއިން ކަމަށް ގަބޫލުކުރަން
ދެއްކެވީ އަމިއްލަ ޕާޓީގެ މެމްބަރުންގެ ވާހަކަ، އެ މެމްބަރުންނަށް 2019 ވަނަ އަހަރުގެ އިންތިހަބުގައި ޓިކެޓް ދެއްވާނެ ވާހަކަ

ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދެއްވިކަމުގެ ތުހުމަތުގައިކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

 

ފުލުހުން ބަލަމުންގެންދާ މައްސަލައެއްގެ ތަހުޤީޤަށް ޤާސިމް އިބްރާހިމް ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގެންފައިވަނީ ބުދަ ދުވަހުގެ ރޭ 8:30 ގައެވެ. ފުލުހުންގެ އިދާރާގައި ތިން ގަޑިއިރާއި 30 މިނެޓަށް އިންނެވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ، އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދެއްވިކަމުގެ ތުހުމަތުގައި ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކަށް ރިޝްވަތުދެއްވާފައިނުވާނެ ކަމަށާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ދެއްކި ވާހަކަތަކަކީ މެމްބަރުންނަށް ރިޝްވަތުދެއްވުމުގެގޮތުން ދެއްކެވި ވާހަކައެއް ނޫން ކަމަށް ޤާސިމް ވިދާޅުވި އެވެ.

 

ޤާސިމް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިތުރު ދައުރަކަށް ހޮވުމަށް އެހީތެރިވެ ދެއްވާނެ ކަމަށް ވިދާޅުވީ ރިޝްވަތުދެއްވުމަށް ނޫންކަމަށާއި، އެއީ އިތުރު ދައުރަކަށް އެ މެމްބަރުން އިންތިހާބުކުރުމަށް ޕާޓީގެ ތެރެއިން ކޮށްދެއްވަންޖެހޭ ހުރިހާ ކަމެއް ކޮށްދެއްވާނެކަމުގެ ވާހަކަ ކަމަށެވެ. އަދި އެއީ އަމިއްލަ ޕާޓީގެ މެމްބަރުންނަށް ވިދާޅުވި ވާހަކައެއް ކަމަށްވެސް ޤާސިމް ވިދާޅުވި އެވެ.

 

"އަޅުގަނޑު ދެއްކީ އަޅުގަނޑު ޕާޓީގެ މެމްބަރުންގެ ވާހަކަ. އަޅުގަނޑު ޕާޓީގެ މެމްބަރުންނަށް ޓިކެޓްދެއްވާ ވާހަކަ އަޅުގަނޑުދެއްކީ 2019 ވަނަ އަހަރުގައި. އަޅުގަނޑުގެ މައްޗަށް ތުހުމަތުކުރީ ރިޝްވަތުދޭން އުޅުނީ ކަމަށް." ޤާސިމް އިބްރާހިމް ވިދާޅުވި އެވެ.

 

ޤާސިމް ފުލުހުންގެ އިދާރާއަށް ހާޒިރުކުމުން ބައެއް ސިޔާސީ ފަރާތްތައް އެމްއެމްއޭ ސަރަހައްދުގައި -- ފޮޓޯ: ރާއްޖެ.އެމްވީ

 

އިތުރަށް ވާހަކަދައްކަވަމުން ޤާސިމް ވިދާޅުވީ، ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ރިޝްވަތުދިންކަމަށް ތުހުމަތުކުރީ ސިޔާސީ ބޮޑު މަޖާގަނޑެއްގެ ތެރެއިން ކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި އެއީ ސިޔާސީގޮތުން ހަޖަމް ނުވެގެން އުޅޭ ބަޔަކު ކުރާ ކަންތައްތަކެއް ކަމަށް ޤާސިމް ވިދާޅުވި އެވެ.

 

"އަޅުގަނޑުމެން އަޑުއެހިން ދެއްތޯ ހޫނުފެން އަޅާ ވާހަކައާއި އަޅުގަނޑުމެން އަޑުއެހިން ދެއްތޯ ހިތިރަހަ ލައްވާލާނެ ވާހަކައާއި އަދި އެނޫން ވާހަކަތައްވެސް. އަޅުގަނޑުމެން ނޫޅެން އެކަމަކާއެއް. ދެން ކޮންމެއަކަސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިއީ ސިޔާސީ ބޮޑު ކުޅިގަނޑެއްގެ ތެރެއިން ހިނގާ ކަމެކޭ. އެނޫން އެނެއްހެން އެއްވެސް ކަމެއް އޮތް ކަމަކަށް ނުދެކެން" ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޤާސިމް އިބްރާހިމް ވިދާޅުވި އެވެ.

 

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޤާސިމްގެ ޤާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވީ ޤާސިމްގެ މައްޗަށް ކުރާ ތުހުމަތުގެ ތަހުޤީޤް ނިންމާލައިފައިވާކަމަށް ފުލުހުންގެ ބޭފުޅުން ވިދާޅުވި ކަމަށެވެ. އަދި ޤާސިމްގެ ފަރާތުން އެނގެން ބޭނުންވާ ހުރިހާ މައުލޫމާތެއް ސާފުކޮށް ނިމިފައިވާކަމަށްވެސް އެ ބޭފުޅުން ވިދާޅުވި ކަމަށް ވަހީދު ވިދާޅުވި އެވެ.

 

ޤާސިމް އިބްރާހިމާއެކު އޭނާގެ ޤާނުނީ ވަކީލުންގެ ގޮތުގައި ރައީސް މައުމޫނު އަބްދުއް ޤައްޔުމްގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި، އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މާރިޔާ އަހުމަދު ދީދީގެ އިތުރުން ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ޤާނޫނީ ވަކީލް އަދި އެމްޑީޕީގެ ޤައުމި މަޖިލީހުގެ މެމްބަރު ހިސާން ހުސެއިންވެސް ވަޑައިގެންނެވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް