ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔެއަށް ކުރިމަތިވަމުންދާ އެންމެ ދަތި އުނދަގޫ ދުވަސްތަކަކީ ކޮވިޑް-19 އާއި ގުޅިގެން ދުނިޔެ މިހާރު ދެކެމުންމިދާ ދުވަސްތައް ކަމަށް އދ ގެ ސެކެޓްރީ ޖެނެރަލް އެންތޯނިއޯ ގުޓޭރޭޝް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާއި ގުޅިގެން ދުނިޔެއަށް ދިމާވަމުންދާ ސޯސިއޯއެކޮނޮމިކް ކަންތައްތަކާއި ގުޅޭ ރިޕޯޓް ނެރުއްވައިދެއްވަމުން ގުޓޭރޭޝް ވިދާޅުވީ މިވައިރަސް އިން ރައްކާތެރިވުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ސަބަބުން އިގްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށެވެ. ގުޓޭރޭޝް ވަނީ ދުނިޔެއިން މިހާރަށްވުރެ ޚަރުދަނާ ފިޔަވަޅުތަކެއް މިވައިރަސް އިން ރައްކާތެރިވުމަށް އެޅުމަށް ގޮވާލައްވާފަ އެވެ. ވައިރަސްގެ ސަބަބުން ދުނިޔޭގެ އިޖުތިމާޢީ އަދި އިގްތިޞާދީ ކަންކަމަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށާއި އެކަންކަމުން ރައްކާތެރިވުމަށް ޚަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ގުޓޭރޭޝް ވިދާޅުވި އެވެ.
އަދި އެކަން ކުރެވޭނީ ސިޔާސީ ގޮތުން އޮތް ބައިބައިވުން ނައްތާލާ އެންމެން އެކުވެރިވެ އިންސާނިއްޔަތަށްޓަކައި މަސައްކަތްކޮށްގެން ކަމަށް ގުޓޭރޭޝް ވިދާޅުވި އެވެ. އދ އިން ނެރެފައިވާ ރިޕޯޓްގައި ބުނެފައިވަނީ ފާއިތުވި 75 އަހަރު ދުނިޔެ ނުދެކޭވަރުގެ ބޮޑު ސިއްހީ ކާރިސާއަކާއި މިއަދު ދުނިޔެ ކުރިމަތިވެފައިވާ ކަމަށެވެ. އަދި މިއީ ސިއްހީ ކާރިސާއަކަށްވުރެ ބޮޑަށް އިންސާނީ ކާރިސާއެއް ކަމަށާއި މިކަމުގެ ސަބަބުން މުޖުތަމައުތަކުގެ އެންމެ އަސާސީ ކަންކަމަށް ބުރުއަރަމުންދާ ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ގުޓޭރޭޝް ރިޕޯޓަރުންނާ ވާހަކަދައްކަވަމުން ވިދާޅުވީ މިވައިރަސްގެ ސަބަބުން ދުނިޔެއަށް ވަމުންދާ ގެއްލުމާއި އެއްވަރުގެ ކަންތައްތަކެއް ވައިރަސް އިން ރައްކާތެރިވުމަށް އެންމެން ގުޅިގެން ކުރަންޖެހޭކަމަށެވެ. އެކަންކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ގުޅިގެން ގައުމުތަކުންނާއި ބައިނަލްއަގްވާމީ މުޖުތަމަޢުތަކުން ކުރަންޖެހޭކަމަށް ގުޓޭރޭޝް ވިދާޅުވި އެވެ. ގުޓޭރޭޝް ވިދާޅުވީ އެފަދަ ފިޔަވަޅުތަކެއް އަދިވެސް ދުނިޔޭގެ ފެންވަރުގައި އެޅެމުންދާތަން ނުފެންނަކަމަށެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި ގުޓޭރޭޝް ފާހަގަކުރެއްވީ މިކަމުގައި ޑަބްލިޔުއެޗްއޯއިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް ދުނިޔޭގެ ގިނަ ގައުމުތަކުން އަމަލު ކުރަމުންނުދާ ކަމެވެ.
މިވައިރަސް އިން ރައްކާތެރިވުމަށް ސިއްހީ ނިޒާމު ޚަރުދަނާކުރުމަށް ތަރައްޤީވެފައިވާ ގައުމުތަކުން ތަރައްޤީވަމުން އަންނަ ގައުމުތަކަށް އެހީތެރިވުމަކީ މުހިންމު ކަމެއްކަމަށް ގުޓޭރޭޝް ވިދާޅުވި އެވެ. އެގޮތުން 5 ޓްރިލިއަން އެމެރިކާ ޑޮލަރު ވައިރަސް އިން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންކަމަށް އެކުލަވާލާފައިވާ ކަމަށާއި ހަމައެކަނި އެމެރިކާއިން 2 ޓްރިލިއަން އެމެރިކާ ޑޮލަރު އެގައުމަށް ދިމާވާ އިގްތިޞާދީ ގެއްލުންތަކާއި އެހެނިހެން ކަންކަމުން ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް އެކަށައަޅާފައި ވާކަމަށެވެ. މުޅި ދުނިޔޭގެ ލެވެލްގައި މިކަމުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ކަންތައްތަކެއް އެކުލަވާލާފައިނުވާކަމަށް ގުޓޭރޭޝް ވިދާޅުވި އެވެ.
ތަރައްޤީ ވަމުން އަންނަ ގައުމުތަކަށް ބޮޑެތި އަދަދުތަކުން އެހީތެރިކަން ބޭނުންވެ އެވެ. ރިޕޯޓް ބުނާގޮތުން އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ލަފާކުރާގޮތުގައި މިއަހަރު ތެރޭގައި 5 މިލިއަނާއި 25 މިލިއަނާއި ދެމެދުގެ އަދަދެއްގެ މީހުންގެ ވަޒީފާ ގެއްލިގެންދާނެ އެވެ. އަދި ވަޒީފާ އަދާކޮށްގެން ލިބޭ މުސާރައިގެ ތެރެއިން 860 މިލިއަން އެމެރިކާ ޑޮލަރާއި 3.4 ޓްރިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދެއް ގެއްލިގެންދާނެ އެވެ. އަދި ފޮރިން އިންވެސްޓްމަންޓްތައް މުޅި ދުނިޔެއިންވެސް 30 އާއި 40 އިންސައްތަ އާ ދެމެދުގެ އަަދަދަކަށް ދަށަށްދާނެކަަމަށް ރިޕޯޓް ބުނެއެވެ.
ގުޓޭރޭޝް ވަނީ ވީއެންމެ އަވަހަކަށް ކޮވިޑް-19 ގެ އެމަރޖެންސީ ރިކަވަރީ ފަންޑެއް އެކުލަވާލާ އެންމެ މަދުން އަދި އެވްރެޖް ގޮތެއްގައި އާމްދަނީ ލިބޭ ގައުމުތަކަށް އެހީތެރިވުމަށް ގޮވާލާފަ އެވެ. ގުޓޭރޭޝް ވަނީ ބައިނަލްއަގްވާމީ މުޖުތަމަޢުތަކުން މިދަނޑިވަޅުގައި ދުނިޔޭގައި ދަތިހާލުގައި ދިރިއުޅެމުންދާ ވަކިން ޚާއްސަކޮށް އެތައް މިލިއަން ރެފިޔުޖީންނާއި އެފްރިކާ ސަރަހައްދުގައި ދިރިއުޅެމުންދާ އެތައް މިލިއަން ފަގީރުންނަށް އަދި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ގައުމުތަކަށް އެހީތެރިވެދޭނެކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ގުޓޭރޭޝް ވަނީ ޖީ20 ގެ ގައުމުތަކުގެ ތެރޭގައި ހިމެނޭ ފްރާންސް، ރަޝިޔާ އަދި ޖަރމަނުގެ އިސްވެރިން މިދިޔަ ހަފްތާގައި ބޭއްވި ޖީ20 ގެ ގައުމުތަކުގެ ސަމިޓުގައި އެފްރިކާގެ ގައުމުތަކަށް އެހީތެރިވެދިނުމަށް ނިންމި ނިންމުމަށް މަރުޚަބާ ވިދާޅުވެފަ އެވެ. އަދި އެކަން ވީއެންމެ އަވަހަަކަށް ކުރަންޖެހޭ ކަމަށް އދ ގެ ސެކެޓްރީ ޖެނެރަލް ވިދާޅުވި އެވެ.