ކ. މާލެ
|
1 އޭޕްރިލް 2020 | ބުދަ 13:11
އެމެރިކާ އާއި ތާލިބާނުން ވެފައިވާ އެއްބަސްވުމުގައި ޖަލުތަކުގައި ތިބި ގައިދީން މިނިވަންކުރުމަށް ވަނީ އެއްބަސްވެފައި
އެމެރިކާ އާއި ތާލިބާނުން ވެފައިވާ އެއްބަސްވުމުގައި ޖަލުތަކުގައި ތިބި ގައިދީން މިނިވަންކުރުމަށް ވަނީ އެއްބަސްވެފައި
އަލްޖަޒީރާ
އަފްޣާނިސްތާން
ޖަލުތަކުގައި ތިބި ގައިދީން މިނިވަންކުރުމުގެ ކަންތަކުގައި ތާލިބާނު ޓީމެއް ކާބުލްގައި
ހަހާސް ގައިދީން މިނިވަން ކުރުމަށް މިއެއްބަސްވުމުގައި ބުނެފައިވޭ
މިޓީމު ޖަލުތަކުގައި ތިބި ގައިދީން މިނިވަންކުރުމާއި އެމީހުންނަކީ ކޮންބައިކަން ދެނެގަތުމުގެ ކަންކަމާއި އެމީހުންގެ ދަތުރުފަތުރުގެ ކަންކަމުގައި އެހީތެރިވެދޭނެ

ޖަލުތަކުގައި ތިބި ތާލިބާންގެ މީހުން މިނިވަންކުރުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ތާލިބާންގެ ޓީމެއް ކާބުލްގައި ހަރަކާތްތެރިވަމުންދެ އެވެ.

18 އަހަރުވީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާ އާއި ތާލިބާނާ ދެމެދު ވެވިފައިވާ އެއްބަސްވުމުގައިވާ އެއް ކަމަކީ ޖަލުތަކުގައި ތިބި ތާލީބާން މީހުން މިނިވަން ކުރުމުވެ. ހަ ހާސް ގައިދީން މިނިވަން ކުރުމަށް މި އެއްބަސްވުމުގައި ބުނެފައިވެއެވެ.

މިކަމާއި ގުޅޭގޮތުން ތާލިބާން ސްޕޯކްސްމަން ޒަބީހުﷲ މުޖާހިދު ރޮއިޓަރސް އާއި ވާހަކަ ދައްކަމުން ބުނީ ތާލިބާންގެ މިޓީމު ޖަލުތަކުގައި ތިބި ގައިދީން މިނިވަންކުރުމާއި އެމީހުންނަކީ ކޮންބައިކަން ދެނެގަތުމުގެ ކަންކަމާއި އެމީހުންގެ ދަތުރުފަތުރުގެ ކަންކަމުގައި އެހީތެރިވެދޭނެ ކަމަށެވެ.

ޖަލުތަކުގައި ތިބި ގައިދީން ދޫކޮށްލުމުގެ ވާހަކައަކީ ތާލިބާން އާއި އެމެރިކާއިން އެއްބަސްވުމަކާ ހަަމައަށް ވާހަކަދައްކަން ފެށުނީއްސުރެ ތާލިބާނުން އެންމެ ބޮޑަށް ބޭނުންވެގެން ފާހަގަކުރަމުންދިޔަ ކަންތަކެވެ. އެހެންނަމަވެސް ގައިދީން މިނިވަން ކުރާނެ ތާރީޚާއި މިކަންކަން ކުރިޔަށްގެންދާނެ ގޮތަކާމެދު އަފްޣާނިސްތާނުގެ ސަރުކާރާއި ތާލިބާނުންނާ ދެމެދު ޚިޔާލުވަނީ ތަފާތުވެފަ އެވެ. އެންމެފަހުން ގައިދީން މިނިވަން ކުރުމުގެ ކަންކަން ކުރިޔަށްގެންދިޔުމަށް އެކަން ފެށުމަށް ތާލިބާންގެ ޓީމެއް ކާބަލްގެ ހޮޓަލެއްގައި ތިބުމުގެ އިންތިޒާމު ހަމަޖެހިގެންދިޔަ އެވެ. ތާލިބާންގެ މިޓީމުގެ މަސައްކަތް ކުރިޔަށް އޮތްތަނުގައި ފެށޭނެކަމަށް އަފްޣާނިސްތާން ސަރުކާރުން ބުނެއެވެ.

މީގެކުރިން ތާލިބާނުން ނިންމާފައިވަނީ 10 މެމްބަރުންގެ ޓީމެއް ކާބުލް އަށް ފޮނުވައިގެން ގައިދީން މިނިވަން ކުރުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށެވެ. ނަމަވެސް ކޮރޯނާވައިރަސްގެ ސަބަބުން 3 ށް އަދަދު މަދުކުރީކަމަށް މުޖާހިދު ވަނީ ބުނެފައެވެ.

ތާލިބާނުންނާއި އަފްޣާނިސްތާން ސަރުކާރާދެމެދު މިކަންކަމުގައި ކުރިޔަށްދިޔުމަށް އެކުލަވާލާފައިވާ ޓީމުގައި އަފްޣާނިސްތާން ސަރުކާރުގެ ފަރާތުން ބައިވެރިވާނެ ޓީމު ކަނޑައަޅާފައިވަނީ އަފްޣާނިސްތާންގެ ރައީސް އަޝްރަފް ޣަނީގެ އެންމެ ބޮޑު ވާދަވެރިޔާ އަބްދުﷲ އަބްދުﷲ އެވެ. މިކަމުގެ ސަބަބުން ތާލިބާނުންނާއި އަފްޣާނިސްތާން ސަރުކާރާ ދެމެދު ވާހަކަތައް ކުރިޔަށް ގެންދިޔުމަށް އިތުރު ބާރެއް ލިބިގެންދިޔަކަމަށް އަބްދުﷲ ވަނީ ފާހަގަކޮށްފައެވެ.

އެންމެ ފަހުން އެގައުމުގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ޣަނީ އާއި އަބްދުﷲ އާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ވަނީ ތާލިބާނުންނާއި އަފްޣާނިސްތާން ސަރުކާރާ ދެމެދު ދެކެވެމުންދާ ވާހަކަތަކަށް ހިޔަނި އެޅިފަ އެވެ. އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ޕޮމްޕެއިވެސް ވަނީ އަފްޣާނިސްތާން ސަރުކާރުގެ ފަރާތުން އެކުލަވާލި ޓީމަކީ މިކަމަށް ލިބިގެންދިޔަ ކުރިއެރުމެއްކަމަށް ސިފަކުރައްވާފައެވެ.

ޖަލުތަކުގައި ތިބި ތާލިބާނުގެ މީހުން ޖަލުތަކުން މިނިވަންވެގެންދިޔުމުގެ ވާހަކަތައް ފެށި އަފްޣާނިސްތާނަށް ސުލްހަ ގެނައުމަށް މިވަގުތު އެޅޭނެ އެންމެ މުހިންމު ފިޔަވަޅުގެ ގޮތުގައި ޕޮމްޕެއި ވަނީ ސިފަކުރައްވާފައެވެ.

- ކޮމެންޓް