ކ. މާލެ
|
31 މާރޗް 2020 | އަންގާރަ 10:54
ކޮވިޑް-19 ގައި ގިނަ ބަޔަކު އަންނަނީ މަރުވަމުން
ރޮއިޓަރސް
ކޮވިޑް-19
ފާއިތުވި 24 ގަޑިއިރު އެންމެ ގިނަ މީހުން މަރުވީ ސްޕެއިނުން
ވައިރަސް ޖެހިފައިވާ އާބާދީގެ 14 އިންސައްތައަކީ އެގައުމުގެ ސިއްހީ އެހީތެރިން
މިހާތަނަށް މިވައިރަސް ޖެހިގެން މުޅި ދުނިޔެއިން 37,820 މީހުންވަނީ މަރުވެފައި

ކޮވިޑް-19 ޖެހިގެން ފާއިތުވި 24 ގަޑިއިރު އެންމެ ގިނަ މީހުން މަރުވެފައިވަނީ ސްޕެއިނުންކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޤައުމުން ފާއިތުވި 24 ގަޑިއިރު ތެރޭގައި 913 މީހުން މަރުވެފައިވާއިރު މިހާތަނަށް އެޤައުމުން މަރުވި މީހުންގެ ޢަދަދު 7,716 އަށް އަރަ އެވެ. ސްޕެއިންގައި ވައިރަސް ފެތުރޭ މިންވަރާއި މަރުވާ މިންވަރު އިތުރުވެފައިވާއިރު އެޤައުމުގެ ސަރުކާރުން ވަނީ ލޮކްޑައުންގައި އަޅާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ސްޕެެއިން ލޮކްޑައުންގައި އޮންނަތާ މިއީ ތިން ވަނަ ހަފުތާއެވެ. އެޤައުމުގައި މިހާތަނަށް މިވައިރަސް 87,956 މީހުންނަށް ޖެހިފައިވާއިރު ސްޕެއިނަކީ މުޅި ދުނިޔެއިން ތިން ވަނައަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާ ޤައުމެވެ.

ސްޕެއިންގައި ވައިރަސް ހަލުވިމިނުގައި ފެތުރެމުންދާތީ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ދަތިތަކެއް ކުރިމަތިވެދާނެކަމުގެ ބިރު ވަނީ ހީވެފައެވެ. އަނެއްކޮޅުން ވައިރަސް ޖެހިފައިވާ އާބާދީގެ 14 އިންސައްތައަކީ އެޤައުމުގެ ޞިއްޙީ އެހީތެރިންނެވެ. އެހެންކަމުން އެޤައުމުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި މިވައިރަސް އާ ދެކޮޅަށް ކުރެވޭ ފަރުވާއާއި ރައްކާތެރިކަމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކާމެދު މިހާރު އަންނަނީ ސުވާލު އުފައްދަމުންނެވެ.

މަރޗް 14 އިން ފެށިގެން ސްޕެއިން ލޮކްޑައުންގައި އޮތްއިރު ލޮކްޑައުން އިތުރަށް ވަރުގަދަ ކުރުމަށް ބޭނުންނުވާ ނުވަތަ ޒަރޫރީ ޚިދުމަތް ނުދޭ ހުރިހާ ވިޔަފާރިއެއް ބަންދުކުރުމަށް ވަނީ ނިންމާފައެވެ.

ސްޕެއިނަށްފަހު ދެން ފާއިތުވި 24 ގަޑިއިރު އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީގައެވެ. އެއީ 812 މީހުންނެވެ. އެއަށްފަހު އެމެރިކާގައެވެ. އެއީ 573 މީހުންނެވެ. މިހާތަނަށް މިވައިރަސް ޖެހިގެން މުޅި ދުނިޔެއިން 37,820 މީހުންވަނީ މަރުވެފަ އެވެ.

- ކޮމެންޓް