ކޮޅުނބުގައި ހުންނަ ޕާކިސްތާން ހައިކޮމިޝަންއިން ބުނެފައިވަނީ ސްރީލަންކާއަށް 200 މިލިއަން އެމެރިކާ ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ހަމަޖައްސައި ދޭނެ ކަމުގައެވެ. 2012 ވަނަ އަހަރުވެސް ޕާކިސްތާނުން މިފަދަ ވައުދެއް ވިއެވެ.
ޕާކިސްތާނުން ވެފައިވާ ވައުދު ފުއްދުމަށް ސްރީލަންކާއިން ދަނީ ދެފަރާތުން ބައްދަލުވާ އެކިއެކި މުނާސަބާތަކުގައި މިކަމަށް ބާރުއަޅަމުންނެވެ. މި ލޯން ނެގުމަށް ސްރީލަންކާ ސަރުކާރަށް ހުއްދަ ދީފައިވަނީ 2017 ވަނަ އަހަރުއެވެ. ނަމަވެސް މިއަދާހަމައަށް އައި އިރުވެސް މިކަން ޕާކިސްތާނުން ފުރިހަމަ ކޮށްފައެއް ނުވެއެވެ. ޕާކިސްތާނުން މިކަން ދިގު ދައްމަމުން ދަނީ، މި އެއްބަސްވުމުގައި ހިމަނަންވާ ޝަރުތުތަކާއި މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދަން ޖެހޭ ޕްރޮޖެކްޓްތަކާ ބެހޭ ގޮތުންނެވެ. މި ދިގު ދެއްމުމުގެ ސަބަބުން ޕާކިސްތާނުގެ ނިޔަތާއި ޕާކިސްތާނަށް މި ލޯން ދެވިދާނެތޯއާމެދު ސުވާލު އުފެދެއެވެ.
ސްރީލަންކާއިން ވަނީ މައިގަނޑު ތިން ދާއިރާއަކަށް މި ލޯނުން އިންވެސްޓް ކުރުމަށް ނިންމާފައެވެ. އޭގެ ތެރޭގައި ހައުސިންއާއި ޖަނަވާރު ގެންގުޅުމާއި ސައިންސް އެންޑް ޓެކްނޮލޮޖީގެ ދާއިރާ ހިމެނެއެވެ. ސްރީލަންކާއިން ދާއިރާތައް ކަނޑައެޅުމުން ކޮޅުނބުން މިކަމާ މެދު ސީރިއަސްކަން ވަރަށް ސާފެވެ. އަދި ލަންކާގެ އައު ސަރުކާރުން ބަލާފައިވަނީ މި ލޯނުގެ ސަބަބުން ދެ ގައުމުގެ ދެމެދު އިގްތިސާދު އިތުރަށް ވަރުގަދަވެގެން ހިނގައިދާނެ ކަމަށެވެ. ނަމަވެސް ދިގުލައިގެން ދަނީ އިސްލާމްއާބާދާ ދިމާލުންނެވެ.
މި ލޯނާ ގުޅިގެން މަޝްރޫއުތައް ހިންގުމަށް ޕާކިސްތާންގެ ވިޔަފާރިވެރިން މިދިޔަ ފަސް އަހަރުގެ ތެރޭގައި ކޮޅުނބަށް އައިސް އެތައް ބައްދަލުވުމެއް ބާއްވައި ހަދާފައި ވެއެވެ.
ޕާކިސްތާނުގެ އިގްތިސާދީ ހާލަތަށް ބަލާއިރު މިފަދަ ކަމެއް ހަގީގަތަކަށް ވެގެން ދިއުން ވަރަށް ދުރެވެ. އިސްލާމްއާބާދުން އަމިއްލައަށް ވެސް އުޅެނީ ބިލްތަކަށް ފައިސާ ނުދެއްކިގެންނެވެ. 2019-2018ގައި ޕާކިސްތާންގެ ދަރަނި އުޅެނީ 106 ބިލިއަން ޑޮލަރުގައެވެ. އަދި 20 ބިލިއަން ޑޮލަރުވަނީ ލޯންތަކާ ގުޅިގެން ދޭންޖެހޭ ފައިސާ ދިނުމަށް ހޭދަކޮށްފައެވެ. ޕާކިސްތާނުން ސްރީލަންކާއަށް ވެފައވާ ދަރަނި ދިނުމުގެ ވައުދު ފުއްދުމަށްވުރެން ނުފުއްދި ދިއުމުގެ ޔަގީންކަން މާބޮޑެވެ.