ކ. މާލެ
|
30 މާރޗް 2020 | ހޯމަ 18:19
ސްޕެއިންގައި ވައިރަސް ޖެހިގެން މަރުވާ މީހުންގެ ސަންދޯއް އުފުލަނީ
ސްޕެއިންގައި ވައިރަސް ޖެހިގެން މަރުވާ މީހުންގެ ސަންދޯއް އުފުލަނީ
ސީ.އެން.އެން
ކޮވިޑް-19
ކޮވިޑް-19: ވައިރަސް އެންމެ ގިނަ މީހުންނަށް ޖެހުނު 3 ވަނަ ގައުމަކަށް ޗައިނާ ވައްޓާލުމަށްފަހު ސްޕެއިން
12,298 މީހުންނަކީ ހެލްތު ވޯރކަރުންކަމަށް އެގައުމުން ބުނޭ
ސްޕެއިނުން މިހާތަނަށް 7,340 މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފައި

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އެންމެ ގިނަ މީހުންނަށް 3 ވަނަ އަށް ޖެހިފައިވާ ގައުމަކަށް ސްޕެއިން ވެއްޖެއެވެ.

އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ސްޕެއިންގައި މިވައިރަސް ޖެހިފައިވާ 85,195 މީހުން މިހާރު އެބަތިއްބެވެ. ޗައިނާ ވައްޓާލުމަށްފަހު ސްޕެއިން ތިން ވަނައަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހުނު ގައުމަށްވިއިރު އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓުކުރަމުން އަންނަނީ އެމެރިކާއިންނެވެ. އެއީ 142,793 މީހުންނަށެވެ. ދެވަނަ އަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުންދާ އިޓަލީން 97,689 މީހުންނަށް ވައިރަސް ޖެހިގެން ވަނީ ރިޕޯޓްކޮށްފަ އެވެ. ޗައިނާއިން ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ 81,470 މީހުންނަށެވެ.

ސްޕެއިންގެ ކަމާބެހޭ ފަރާތްތަކުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާލާއިރު އާދިއްތަ ދުވަހު އެގައުމުގައި ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ 78,797 މީހުންނަށެވެ. ނަމަވެސް ހޯމަ ދުވަހު އެއަދަދު ވަނީ 85,195 އަށް އަރާފަ އެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 12,298 މީހުންނަކީ ހެލްތު ވޯރކަރުންކަމަށް އެގައުމުން ބުނެއެވެ. އެއީ ވައިރަސް ޖެހިގެން އެގައުމުން މިހާތަނަށް ރިޕޯޓްކޮށްފައިވާ އަދަދުގެ 14 އިންސައްތަކަމަށް އެގައުމުގެ ޑެޕިިޔުޓީ ހެލްތު އެމަރޖެންސީ ޗީފް މާރިއާ ހޯޒޭ ވިދާޅުވިއެވެ.

އަނެއްކޮޅުން ސްޕެއިންގައި ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދުވެސް އަންނަނީ ބޮޑުތަނުން އިތުރުވަމުންނެވެ. އެގޮތުން އެގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އާދިއްތަ ދުވަހު އެގައުމުން ވައިރަސް ޖެހިގެން މަރުވެގެން ރިޕޯޓްކޮށްފައިވަނީ 6,528 މީހުންނެވެ. އެއަދަދު ހޯމަ ދުވަހު ވަނީ 7,340 އަށް އަރާފައެވެ.

ސްޕެއިންގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ ވައިރަސް ޖެހި ސީރިއަސް ހާލަތުގައި ތިބި މީހުންގެ އަދަދު އިތުރުވަމުންދާތީ އެގައުމުގެ އައިސީޔޫތަކަށް ނުކަތާވަރުވެދާނެ ކަަމުގެ އިންޒާރު ދެމުންނެވެ.

- ކޮމެންޓް