ކޮވިޑް-19 އާއި ގުޅިގެން ސައުދީ ސަރުކާރުން އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކަލެއްގެ ގޮތުން ތަންފީޒުކުރަމުންދިޔަ އުޞޫލުގެ ދަށުން ފުރަތަމަ ކަރަންޓީން ކުރި 300 މީހުން ގެއަށް ދޫކޮށްލައިފިއެވެ.
ސައުދީ ސަރުކާރުން ފުރަތަމަ ކަރަންޓީން ކުރި 300 މީހުންނަކީ އެހެނިހެން ޤައުމުތަކަށް ދަތުރުކުރުމަށްފަހު ޤައުމަށް އެނބުރި އައި މީހުންތަކެކެވެ. މިމީހުން ސައުދީ ސަރުކާރުން ކަރަންޓީންކުރީ 5 ތަރީގެ ހޮޓަލެއްގައެވެ. ކަރަންޓީންގައި ވަގުތު ހޭދަކުރި މީހުން ބުނެފައިވަނީ ސަރުކާރުން އެމީހުންނާއި މެދު އަމަލުކުރި ގޮތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށެވެ. ވަކިން ޚާއްޞަކޮށް ޞިއްހީ ޚިދުމަތްތެރިންގެ އަޅާލުމާއި ފަރުވާކުރުމުގައި ގެންގުޅުއްވި އޯގާތެރިކަން ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނެކަމަށެވެ.
އިއްޔެ އެމީހުން ހޮޓަލުން ދޫކޮށްލި ވަގުތުވެސް އެމީހުންނަށް އަލްވަދާއު ކިޔުމުގެ ގޮތުން ޞިއްޙީ ޚިދުމަތްތެރިންނާއި ޑޮކްޓަރުން ހަދިޔާއާއި މާ ބެހިކަމަށް ސައުދީގެ ނޫސްތަކުން ޚަބަރު ފަތުރައެވެ. މިމީހުން 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ފުރިހަމަކުރުމަށްފަހު ގެއަށް ދޫކޮށްލީ ޞިއްޙީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިންމުމަށްފަހު، ކޮވިޑް-19 އެމީހުންގެ ހަށިގަނޑުގައި ނެތްކަން ޔަޤީންކުރުމަށްފަހު ކަމަށް ސައުދީ އަރަބިއްޔާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ސައުދީއަރަބިއްޔާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން، ޗައިނާ، މިޞްރު، ފްރާންސް، ޖަރުމަނު، އިރާން، އިޓަލީ، ޖަޕާން، ދެކުނު ކޮރެއާ، އަދި ސްޕެއިންއިން އަންނަ މީހުން ސައުދީއަށް އެތެރެވުން ވަނީ މަނާކޮށްފައެވެ. އަދި އެޤައުމުތަކުން އަންނަ ސައުދީގެ ރައްޔިތުން ހަމަޖެހިފައިވާ އުޞޫލެއްގެ ދަށުން ސަރުކާރުން ހަމަޖައްސާ ފެސިލިޓީއެއްގައި 14 ދުވަހުގެ މުއްދަތަކައް ކަރަންޓީންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެމުއްދަތުގައި އާއިލާގެ އެއްވެސް މެންބަރަކާއި ބައްދަލުކުރުމުގެ ފުުރުޞަތެއްވެސް ނުދެއެވެ.
ސައުދީ އަރައްބިއްޔާގައި މިހާރު ވައިރަސް ފެތުރެމުންދާ ޒާތައް ބަލާއިރު މިހާރު އެޤައުމުގައި 1,299 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. އަދި ފަރުވާދީގެން 66 މީހުން ރަނގަޅުވެފައިވާއިރު 8 މީހަކުވަނީ މަރުވެފައެވެ. އަދި މީހާރުވެސް 1,225 މީހަކަށް ކަރަންޓީންކޮށްގެން ފަރުވާދެމުންދާއިރު މީގެތެރެއިން 12 މީހެއްގެ ޙަލަތު ވަރަށް ސީރިއަސް ކަމަށް ޚަބަރު ލިބެއެވެ.