ކޮވިޑް-19 އާއި ގުޅިގެން ކަންކަން ވެގެންދިޔަ އަވަސްމިނަށް ބަލާފައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި މެދު ހިތްހަމަޖެހި ވަޑައިގަންނަވާ ކަމަށް ފަތުރުވެރިކަމާއި ވިޔަފާރިދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާ އަދި މިހާރުވެސް އުޅުއްވަމުން ގެންދަވާ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ރައީސް ދެއްކެވި ވާހަކަފުޅާއި ގުޅިގެން އެކި ދާއިރާތަކުގެ މާހިރުންނާއެކު ރާއްޖެޓީވީން ބޭއްވި ޕެނަލް ޑިސްކަޝަންގައި ފިރާގު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިއްސާ ކުރެއްވީ ވަރަށް އުއްމީދީ ވާހަކަފުޅުތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ ޓުއަރިޒަމަކީ ރާއްޖޭގެ ހުރިހާ ކަމަކަށް އަދި ހުރިހާ ވައްތަރެއްގެ ވިޔަފާރިއާއި ގުޅިފައި އޮންނަ ކަމެއް ކަމަށާއި، ކަންތައްތައް ވެގެންދިޔަ އަވަސްކަމަށް ބަލާފައި ސަރުކާރުން އެޅި ފިޔަވަޅުތަކާއި ދޭތެރޭގައި ވަރަށް ބޮޑަށް ހިތްހަމަ ޖެހިވަޑައިގަންނަވަ ކަމަށެވެ.
އަދި ކޮވިޑް-19 އާއި ގުޅިގެން އިގްތިސާދަށް އައި ކުއްލި ލޮޅުމަކީ އެއްވެސް ބަޔަކު ކުރިއަށް ޕްލޭން ކުރެވިގެން ބަލަހައްޓައިގެން ތިއްބާ އެނގިގެން ދިޔަކަމެއް ނޫން ކަމަށާއި، ރާއްޖޭގެ ހުރިހާ ވިޔަފާރިތަކެއް ހިންގުމަށް ފައިނޭންސް ކޮށްދިނުމަކީ ސަރުކާރަށް ވެސް ކުޅަދާނެވާ ވަރުގެ ކަމެއް ނޫންކަމަށް ގަބޫލުކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
ވަރަށް އަވަސް ފިޔަވަޅުތަކެއް އެޅުނު. ގާތްގަޑަކަށް އައު އަހަރު ފެށުނުތަނާހެން މިކަމެއް މިއޮތީ އެލާޓަށް އައިސްފައި. ހަގީގަތުގައި ސަރުކާރުގެ މޫމެންޓްތައް ވަރަށް އަވަސް. ބައެއް ބޭފުޅުން ހިތްހަމައެއް ނުޖެހޭ ފެސިލިޓީސްތައް ބަންދުކޮށްގެން، މިސާލަކަށް އެއާޕޯޓް ބަންދުކޮށްގެން ގެނައި ބަދަލުތަކަށް ބައެއް ބޭފުޅުންނަށްވީ މައްސަލައަކަށް. އަޅުގަނޑަށް ހީވަނީ ސަރުކަރުން އެ ނިންމެވީ ހަގީގަތުގައި ވެސް ވަރަށް ވިސްނަވާފައި. ރޭވުންތެރިކަމެއްގެ ތެރެއިން އެކަން ހިނގަމުން ދިޔައީ،މުހައްމަދު ފިރާގު
ފިރާގު ވިދާޅުވީ ޓުއަރިޒަމާއި ދޭތެރޭގައި ސަރުކާރުން ނެންގެވި ފިޔަވަޅުތަކަކީ މުހިންމު އަދި ރަނގަޅު ނިންމުންތަކެއް ކަމަށެވެ. މީގެ އިތުރުން ވިޔަފަރިތަކަކީ އޭގެ އަމިއްލަ ޒާތުގައި ހިންގާ ކަންތައްތައް ކަމަށާއި، ސަރުކާރެއްގެ އެއްމެ ބޮޑު މަސްއޫލިއްޔަތަކަށް ވާނީ އެގައުމެއްގެ ރައްޔިތުންގެ ރައްކާތެރިކަމާއި އަމާންކަން ހޯދައި ދިނުން ކަމަށެވެ.
އަދި މިފަދަ ދަނޑިވަޅަކަށް ތައްޔާރުވުމަށް ކޮންމެ ވިޔަފާރިއަކުން ވެސް ކޮންމެވެސް ވަރެއްގެ ހިފަހެއްޓުންތެރިކަމެއް އިންނަންވާނެ ކަމަށެވެ. އަދި ވިޔަފާރިއަކަށް ވާނީ ދުވަހުން ދުވަހަށް ކަމެއް ދިމާވީމަ ސަރުކާރުގެ ބޮލުގައި ކްލެއިމްތަކާއި ބްލޭމްތައް އެޅުވުން ނޫން ކަމަށެވެ.
ވިޔަފާރިތަކަށް އަންނާނެ ހީނަރުކަމެއް. ވިޔަފާރިއެއް ނެތިއްޔާ އަޅުގަނޑުމެންނަށް މާ ބައިވަރު މުވައްޒަފުންތަކެއް ވެސް ނުގެންގުޅެވޭނެ. ރިޑަންޑަންސީއަކަށް ދާނެ ކޮންމެ ބަޔަކު ނަމަވެސް. ބައެއް ފަރާތްތަކުން ބޭނުން ނުވާނެ ލޯނު ނަގައިގެން ނެތް ވިޔަފާރިއެއްގައި މުވައްޒަފުންތަކެއް ގެންގުޅޭކަށް. ރާއްޖޭގެ ގިނަ ކުންފުނިތަކަށް މަޖުބޫރުވާނެ އެ ރިސައިޒް ކުރަން،މުހައްމަދު ފިރާގު
ފިރާގު ވިދާޅުވީ އިގްތިސާދީ ކޮންމެ މައްސަލައެއްގައި ވިޔަފާރިތަކަށް ލޮޅުން އަރާނެ ކަމަށެވެ. އަދި އެކަމަށް ކޮންމެ ބަޔަކު ވެސް ޕްލޭންތަކެއް ހަދާފައި އޮންނަންޖެހޭނެ ކަމަށެވެ. އަދި ދުނިޔެއަށް އަންނަ ކޮންމެ ލޮޅުމަކީ ފަތުރުވެރިކަމަށް ގެއްލުންތަކެއް އަދި ލޮޅުންތަކެއް އަންނާނެ ކަމެއް ކަމަށާއި، ރާއްޖޭގެ ޓުއަރިޒަމަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ.
ނަމަވެސް ސަރުކާރުން ނިންމެވި ނިންމެވުންތަކާއި ރައީސްގެ ވާހަކަފުޅަށް ޖުމްލަ ގޮތެއްގައި ބަލާނަމަ އުއްމީދީ ވާހަކަތެކެއް ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.