ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާވަރަކަށް އެކަމަށް އިންޑިޔާގެ ސަރުކާރު އޮތީ ތައްޔާރަށްކަމަށް ދިއްލީގެ ޗީފް މިނިސްޓަރ އަރްވިންދް ކެޖްރިވާލް ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކެޖްރިވާލް ވިދާޅުވީ ދުވާލަކު އަލަށް 100 މީހުންނަށް ވައިރަސް ޖެހުނުކަމުގައިވީ ނަމަވެސް އެކަމަށް ދިއްލީގެ ސަރުކާރު އޮތީ ތައްޔާރަށްކަމަށެވެ. އެގޮތުން ވައިރަސްޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާނަމަ ކަންތައްކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލަމުންދާކަމަށް ކެޖްރިވާލް ވިދާޅުވި އެވެ.
ފަސް ޑޮކްޓަރުން ހިމެނޭ ޕެނަލްއެއް އެކުލަވާލާ ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވާނަމަ ކަންކުރަންވީ ގޮތުގެ ޕްލޭނެއް ހެދުމަށްފަހު ސަރުކާރަށް ހުށަހެޅުމަށް ވާނީ ހަވާލުކޮށްފައި. ވައިރަސް ޖެހޭ މީހުންގެ އަދަދު އިތުރުވާނަމަ އެކަމަށް ސަރުކާރު އޮތީ ފުރިހަމައަށް ތައްޔާރަށް.ދިއްލީ ޗީފް މިނިސްޓަރ އަރްވިންދް ކެޖްރިވާލް
މީގެއިތުރުން ސަރުކާރުން އަންނަނީ އެގައުމުގެ ފަގީރުންނަށް ޚާއްސަކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންތައްތަކެއް ކުރަމުންކަމަށް ކެޖްރިވާލް ވިދާޅުވި އެވެ. އެގޮތުން ފަގީރުންނަށް ޚާއްސަކޮށް މެންދުރުގެ ކެއުމާއި ރޭގަނޑުގެ ކެއުން ދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ކެޖްރިވާލް ވިދާޅުވި އެވެ. ކޮންމެދުވަހަކު މަދުވެގެން 2000 ފަގީރުންނަށް ކާންދިނުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ކެޖްރިވާލް ވިދާޅުވި އެވެ.
350 ސްކޫލެއްގައި މެންދުރުގެ ކެއުމާއި ރޭގަނޑުގެ ކެއުން ދިނުމަށް މިހާރުވަނީ ތައްޔާރުކުރެވިފައި. މި ސްކޫލްތަކުން 500 މީހުންނަށް ކެއުން ލިބޭނެ. މިހާތަނަށް އާއިރު ކޮންމެ ދުވަހަކު 20،000 މީހުންނަށް މިއަންނަނީ ކާބޯތަކެތި ފޯރުކޮށްދެމުން. އެއަދަދު ދެ ލައްކައަށް މިއަދުން ފެށިގެން އިތުރުވާނެދިއްލީ ޗީފް މިނިސްޓަރ އަރްވިންދް ކެޖްރިވާލް
މިހާތަނަށް އާއިރު ދިއްލީން 39 މީހަކަށް ވައިރަސް ޖެހިފައިވާއިރު 29 މީހުންނަކީ ދިއްލިއަށް އެތެރެވި މީހުންނެވެ. އަދި 10 މީހަކު ވަނީ ކަރަންޓީނު ކުރެވިފަ އެވެ.