ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަނބުރާ ޖަލަށް އެސްއޯ ފުލުހުން ގެންގޮސްފިއެވެ.
ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރުކޮށް ގެންގުޅުނު މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމް ތަންފީޒް ކުރަމުން ގެންދާ ނާޒިމް ކަރެކްޝަންގެ ބެލުމުގެ ދަށައް ގެންދިއުމަށް އެސްއޯ ފުލުހުން ސ. ކަރަންކާގެއަށް ގޮސްފައި ވަނީ ބުދަ ދުވަހު މެންދުރުއެވެ. ނާޒިމް ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ ހިންމަފުށީ ޖަލު މަރާމާތު ކުރާ ކަމަށް ބުނެވެ. ގޭ ބަންދުގައި ހުންނަވަނިކޮށް ނާޒިމް އަނބުރާ ޖަލަށް ގެންދިޔަ ސަބަބެއް ކަރެކްޝަން ސާވިސްއިން ހާމަކޮށްފައެއް ނުވެއެވެ.
ނާޒިމް ދިރިއުޅުއްވަމުން ގެންދެވި އެޕާޓްމެންޓުން ހަތިޔާރު ފެނުނު ކަމަށް ބުނާ މައްސަލައިގައި ނާޒިމްގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލި ހުކުމެއް އިއްވާފަ އެވެ. އެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވާއިރު ސުޕްރީމް ކޯޓުން ވަނީ އިސްތިއުނާފް މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފަ އެވެ. އަދި ނާޒިމަށް ހުކުމް އިއްވީ ރަނގަޅަށް ކަމަށް އެ ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ނިންމުމުން ހުކުމް އިސްތިއުނާފުކޮށް ސަލާމަތްވާން ހުރި ހުރިހާ ދޮރުތަކެއް ނާޒިމް އަށް ބަންދުވި އެވެ. އެހެންކަމުން ނާޒިމްގެ އާއިލާއިން ނިންމީ ނާޒިމަށް އިންސާފު ހޯދައިދެވޭނީ ރާއްޖެއިން ބޭރުން ކަމަށެވެ. އެގޮތުން އެމްނެސްޓީ އިންޓަނޭޝަނަލްއާ ގުޅިގެން ނާޒިމްގެ އާއިލާއިން ވަނީ އެ މައްސަލަ އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހުށަހަޅާފަ އެވެ.