Advertisement
ކ. މާލެ
|
29 މާރޗް 2017 | ބުދަ 17:58
ސްރީ ލަންކާގެ ރައީސް މައިތިރިޕަލަ ސިރިސެނާއާއެކު ރައީސް ނަޝީދު
ސްރީ ލަންކާގެ ރައީސް މައިތިރިޕަލަ ސިރިސެނާއާއެކު ރައީސް ނަޝީދު
ޓްވިޓަރ
ޔާމީން ބަންދުކުރި މައްސަލަ
ރައީސް ނަޝީދަށް ދައުވާކުރަނީ ރައީސް ޔާމީން ގަދަ ބާރުން ވެރިކަމުގައި ހުރުމަށް!
ހެޔޮ ވެރިކަމުގެ އުސޫލްތަކަށް އިއާދަވުމަށް ރައީސް ޔާމީނަށް އިލްތިމާސްކޮށްފަ
ރައީސް ނަޝީދަށް މަތިމައްޗަށް ދައުވާކުރުން ކުށްވެރިކުރަން
ސުޕަމެޖޯރިޓީ ގެއްލި، ރައީސް ޔާމީނަށް އިތުބާރެއް ނެތް

ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އަނެއްކާ ވެސް ޓެރަރިޒަމުގެ ދައުވާކުރަނީ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ މަގްބޫލުކަމާއި ރައްޔިތުންގެ އިތުބާރު ގެއްލެމުންދާތީ ގަދަ ބާރުން ވެރިކަމުގައި ހުންނެވުމަށް ކަމަށް އެމްޑީޕީން ބުނެފި އެވެ.

 

މުލަކު ދާއިރާގެ މެންބަރުކަމުގައި ހުންވަނިކޮށް 2010 ވަނަ އަހަރުގެ ތެރޭގައި ރައީސް ޔާމީން އާރަށުގައި ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ ކޮށްފައިވާތީ އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ނަޝީދުގެ މައްޗަށް އެނެއްކާވެސް ޓެރަރިޒަމްގެ ދައުވާ އުފުލައި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުން ތާވަލްކޮށްފައިވާތީ އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރާ ކަމަށެވެ.


އެމްޑީޕީން ބުނީ ރައީސް ނަޝީދުގެ މައްޗަށް ތަކުރާރުކޮށް ޓެރިރަޒިމްގެ ދައުވާކޮށް މަތިމައްޗަށް، ބަރިބަރިއަށް ޓެރަރިޒަމްގެ ހުކުމް ކުރަމުން ގެންދަނީ ރައީސް ޔާމީން "އަޑީގައި ހުރެ، ފުލުހުންނާއި، ޕްރޮސެކިއުޓަރ ޖެނެރެލާއި، ކޯޓުތައް މެދުވެރިކޮށް ސިޔާސީ ބޭނުމަށް ފުއްދަންކަމަށް" ދެކޭ ކަމަށެވެ.

 

އެ ބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގައި ހޯމަ ދުވަހު ހިނގައިދިޔަ ހުތުރު ޢަމަލުތަކުންވެސް މި ސަރުކާރު ފެއިލްވެފައިވާ މިންވަރު ހާމަވާ ކަމަށާއި، ވެރިކަން ކުރާ ޕާޓީގެ މެމްބަރުންގެ އިތުބާރުވެސް ރައީސް ޔާމީންގެ މައްޗަށް ގެއްލި މަޖިލީހުގައި އޮތް ސުޕަރ މެޖޯރިޓީވެސް ގެއްލިފައިވާ ކަމަށެވެ.


ބޭރުގެ އެކިއެކި ޤައުމުތަކުގެ ލީޑަރުންނާއި، ބައިނަލްއަޤްވާމީ އިދާރާތަކުން މީގެ ކުރިންވެސް ރައީސް ނަޝީދުގެ މައްޗަށް ކުރެވުނު ޝަރީޢަތްތަކާއި ޙުކުމަތައް ކުށްވެރިކޮށް ބަލައިގެންފައިނުވާހިނދު، މިފަހަރުވެސް "މިފަދަ ނޭއްގާނީ ކަންކަން" ކުރުމުން ދިވެހިރާއްޖެއަށް ހުތުރު ނަން ލިބޭނެ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ.


އެމްޑީޕީން ބުނީ ސިޔާސީ މަޤްބޫލުކަމާއި ބާރުވެރިކަން އުފެދިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި ރައީސް ޔާމީންގެ އެފަދަ މަޤްބޫލުކަމެއް ނެތުމުން އިންތިޚާބުތަކާ ކުރިމަތިލުމަށް ފަސްޖެހި، ވާދަވެރިންނަށް އެކިއެކި ނުޙައްޤު ދައުވާތައްކޮށް، ސިޔާސީ ފަރާތައް ޖަލަށްލައި، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި މިނިވަން މުވައްސަސާތަކުގެ ވެރިން ކަސްތޮޅު އަޅުވާތީ ކަންބޮޑުވާ ކަމަށެވެ.

 

އެމްޑީޕީން ވަނީ އެފަދަ ކަންކަމުން ދުރުވެ، ހެޔޮ ވެރިކަމުގެ އުސޫލްތަކަށް އިއާދަވުމަށް ރައީސް ޔާމީނަށް އިލްތިމާސްކޮށްފަ އެވެ.

 

ރައީސް ޔާމީން ބަންދުކުރި މައްސަލައިގައި އެމްޑީޕީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ވެސް ޓެރަރިޒަމުގެ ދައުވާ ވަނީ ކޮށްފަ އެވެ. އަމީން ފައިސަލްގެ ޝަރީއަތް ފެށިގެން ކުރިއަށްދާއިރު، ރައީސް ނަޝީދުގެ ޝަރީއަތް ބުދަ ދުވަހު ފެށުމަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ.

 

ރައީސް ޔާމީންގެ މައްޗަށް އެމްޑީޕީން ކޮށްފައިވާ ތުހުމަތުތަކަށް ރައީސް ޔާމީންގެ ބަހެއް ހޯދުމަށް، ތަކުރާރުކޮށް ރައީސް އޮފީހުގެ ތަރުޖަމާނަށް ފޯނުން ގުޅައިގެން ކުރި މަސައްކަތް، ފޯނު ނުނަންގަވާތީ ކާމިޔާބުވާގޮތް ވަނީ ނުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް