މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދުނިޔެ ބަނަކޮށްލި ވިލާގަނޑު ނުވަތަ ކޮވިޑް-19 ވަނީ މުޅި ދުނިޔޭގައި އޭގެ ވަކި ހިއްޕާލާފަ އެވެ. ޗައިނާއިން އުފަންވި މި ނުރައްކާތެރި ރޯގާ ގައުމުތަކުގައި ފެތުރެން ނެގީ ދާދި ކުޑަ ދުވަސްކޮޅެކެވެ. މުޅި ދުނިޔެއަށް އެ ވައިރަސް ފެތުރި، ރާއްޖެއާ ދިމާލަށް އައިއިރު ދިވެހިންގެ ތެރޭގައި އެންމެ ގިނައިން އުފައްދަމުން އައި ސުވާލަކީ އެ ބައްޔަށް ރާއްޖެއިން ޓެސްޓުތައް ކުރެވިދާނެ ކަމާއިމެދު އެވެ. ޗައިނާގައި ބަލި ފެތުރެމުންއައި ދުވަސްވަރު ރާއްޖޭގައި އެ ބައްޔަށް ޓެސްޓު ކުރެވޭނެ އިންތިޒާމެއްނެތެވެ. އޭރު ޓެސްޓުތައް ހަދަން ޖެހުނީ އިންޑިއާ އަށް ފޮނުވައިގެންނެވެ. އެކަމަކު މިހާރު ކޮވިޑް-19 އަށް އައިޖީއެމްއެޗްގެ ލެބޯޓަރީން ޓެސްޓު ކުރެވެއެވެ.
އެއާއެކު އެކަމުގެ ތަފުސީލުތައް ކިއުންތެރިންނަށް ގެނެސްދިނުމަށްޓަކައި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނާއި، ރާއްޖެޓިވީން ކުރިޔަށްގެންދާ ''ހެޔޮވިންދު'' ޕްރޮގުރާމުގެ އެހީތެރިކަމާއެކު އައިޖީއެމްއެޗްގައި އެދުނު އެދުމަކަށް އެ ހޮސްޕިޓަލުގެ ނެޝަނަލް ރިފަރެންސް ލެބޯރްޓަރީގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ ކަންތައް ކުރިޔަށްދާ ގޮތް ބަލާލުމުގެ ފުރުސަތު ރާއްޖެޓީވީއަށް ވަނީ ލިބިފަ އެވެ. އެ ލެބަށް ވަދެވެނީ މާސްކާ، އަންގި އަދި ސޫޓްލައިގެންނެވެ. އެހާވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ އެވެ.
ކަންދިމާކުރިގޮތުން އެ ވައިރަހަށް ޓެސްޓުކުރުމުގެ ކަންތައްތައް ކުރިޔަށްދާ ގޮތުގެ މައުލޫމާތު ހިއްސާކުރެއްވީ، ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާގެ ޓެސްޓުވެސް ހެދި ސީނިއަރ ލެބޯރެޓަރީ ޓެކްނޮލޮޖިސްޓު އައިމިނަތު ނަޒްފާއެވެ. އައިޖީއެމްއެޗްގައި 15 އަހަރަށްވުރެ ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރައްވަމުން ގެންދަވާ ނަޒްފާ ވަނީ ކޮވިޑް-19 ގެ ސާމްޕަލް ނަގާ ގޮތް ތަފްސީލުކޮށް ކިޔާދެއްވާފަ އެވެ.
ސާމްޕާލް ނެގުން
ކޮވިޑް-19 އަށް ޝައްކުވާ މީހުން ނުވަތަ ބަލީގެ އަލާމާތްތައް ފެންނަ މީހުންގެ ސާމްޕަލް ރެފަރެންސް ލެބޯރްޓެރީއާ ހަމަޔަށް ގެނެސްދެނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންނެވެ.
ސާމްޕަލް ނެގުމަށް ބޭނުންކުރާ ކިޓްގެ ތެރޭގައި ހިމެނެނީ "ޓްރާންސްޕޯޑް މީޑިއާ" އެކު ދެ ކަފަބުރެވެ. އޭގެ ތެރެއިން އެއް ކަފަބުރުން ނޭފަތުގެ އެތެރެއިން ދިޔަކޮޅެއް ނަގައެވެ. އަދި ދެވަނަ ކަފަބުރުން ކަރުގެ އެތެރެއިން ދިޔަކޮޅެއް ނަގައެވެ. އެއަށް ފަހު އެޗްޕީއޭގެ މުވައްޒަފުން ލެބޯޓަރީއަށް މި ސާމްޕަލްތައް ފޮނުވުމާއެކު ޓެސްޓު ހެދުމުގެ މަސައްކަތް ފެށިގެންދެ އެވެ.
އެހިސާބުން ސާމްޕަލް ޕްރޮސެސް ކުރުމަށް ލެބޯރެޓަރީން ކޮންމެ ބަލި މީހަކަށްވެސް ނަންބަރެއް ޖަހާއިރު، އެ އައިޑެންޓިފިކޭޝަން ނަންބަރުން އެއީ ކޮން ސާމްޕަލްއެއްކަން ދެނެގަނެވެއެވެ.
ދެ ޓެސްޓެއް
ސްކްރީން ޓެސްޓު
ކޮވިޑް-19 އަށް ދެ ބާވަތެއްގެ ޓެސްޓެއް ހަދާއިރު، ފުރަތަމަ ހަދާ ޓެސްޓަކީ ސްކްރީނިން ޓެސްޓެވެ. ސްކްރީނިން ޓެސްޓަކީ ވަރަށް އަވަހަށް ނަތީޖާ ލިބޭ ޓެސްޓެކެވެ. އެ ޓެސްޓުން ބަލަނީ ކޮވިޑް-19 ހުރިތޯ ނުވަތަ ނޫންތޯ އެވެ. ސްކްރީނިން ޓެސްޓަކީ އެންމެ އިތުބާރު އޮންނަ އެއް ޓެސްޓެވެ. އެކަމަކު އެ ޓެސްޓުގެ ނަތީޖާވެސް ޕޮޒިޓިވްވެއްޖެނަމަ އެ ނަތީޖާ ހެޑް އޮފް ޑިޕާޓްމެންޓާ ހިއްސާކުރުމަށް ފަހު ޖެނެޓިކް ޓެސްޓެއް އިތުރަށް ހަދައެވެ.
ޖެނެޓިކް ޓެސްޓު
މި ޓެސްޓު ކުރެވިގެންދަނީ ވައިރަސްގެ އާރްއެންއޭ ނުވަތަ ޑީއެންއޭ ހުރިތޯ ބަލާށެވެ. އެގޮތުން ކުރިން ސާމްޕަލް ނެގި ކަފަބުރުގެ އެތިކޮޅެއް ޚާއްސަގޮތަކަށް ޕްރޮސެސް ކޮށްފައި ޑީއެންއޭ މެޝިނަށްލައެވެ.
ޕޮޒިޓިވް ކޭސް
ކޮވިޑް-19 ގެ ނަތީޖާ ދެނެގަންނަނީ ގްރާފަކުންނެެވެ. ތިރީގައިވާ ގްރާފުން ތި ފެންނަނީ ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެއްޖެއްޔާ ގްރާފްދައްކާނެ ގޮތެވެ. މި ގްރާފުން ދެ ލައިން ދައްކާނަމަ އެއީ ޕޮޒިޓިވް ކޭސްއެކެވެ. އެއް ގްރާފަކީ ކޮންޓްރޯލް ގްރާފެވެ. ދެވަނަ ގްރާފަކީ ކޮންފޯމް ގްރާފެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް 13 މީހަކު ޕޮޒިޓިވްވިއެވެ. އެ ހުރިހާ އެންމެންނަކީވެސް ބިދޭސީންނެވެ. މީހަކު ޕޮޒިޓިވްވެއްޖެނަމަ އެމީހުން އައިސޮލޭޓް ކުރެވި، ސަރުކާރުން ގާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި ފަރުވާދޭން ފަށައެވެ.
ނެގެޓިވް ކޭސް
ކޭސްއެއް ނެގެޓިވްވެއްޖެއްޔާ މި ގްރާފުން ދައްކާނީ އެންމެ ލައިނެކެވެ. ކޭސްއެއް ފުރަތަމަ ފަހަރަށް ނެގެޓިވްވުމުން ނެގެޓިވްވި މީހާވެސް 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރަން ޖެހެއެވެ. ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައިވޭތޯ ބަލަންވެސް ނެގެޓިވް ޓެސްޓު ހަދައެވެ.
އައިޖީއެމްއެޗްގެ ނެޝަނަލް ރިފަރެންސް ލެބޯރެޓަރީ އަކީ އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަޚުރެވެ. އެއީ އެ ޚިދުމަތްތެރިންގެ ''ޕްރައިޑް' އެވެ. އެ ލެބޯރެޓަރީގައި 8 މުވައްޒަފުން މަސައްކަތް ކުރާއިރު، އެ ހުރިހާ އެންމެންގެ މަސައްކަތްވެސް ބަހާލެވިފައިވަނީ ދެ ޝިފްޓަކަށެވެ. ނަމަވެސް އެ ސާމްޕަލްތައް ނަގައި، ރައްޔިތުންނާ ހަމައަށް އޭގެ ނަތީޖާތައް ގެނެސްދިނުމުގެ ފަހަތުގައި ތިއްބަވާ މޭސްތިރިންގެ އަގު ގިނަފަހަރު އޮންނަނީ ވަޒަންނުކުރެވިއެވެ. ނަމަވެސް ހަޤީޤަތަކީ ފަރުދާގެ ފުރަގަހުގައި ލެބޯރެޓަރީ މުވައްޒަފުންގެ ދައުރު އިންތިހާއަށް ބޮޑުކަމެވެ.
އެ ފަރާތްތަކުގެ އަގުހުރި މަސައްކަތުގެ ސަބަބުން ގަޑިން ގަޑިއަށް ޓެސްޓުގެ ނަތީޖާތައް އެބަ ލިބިގެންދެއެވެ. އެގޮތުން މިފަދަ ދަނޑިވަޅެއްގައި އެ ފަރާތްތަކުގެ އަގުހުރި މިންނެތް މަސައްކަތް ގާތުން ބަލާލަން ލިބުނު ނޫސްވެރިއެއްގެ ހައިސިއްޔަތުން އެ ފަރާތްތަކުގެ ބުރަ މަސައްކަތަށް އަދިވެސް ޚާއްސަ ޝުކުރެއް އަދާކުރަމެވެ.