ޔޫރަޕުގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން އިނގިރޭސިވިލާތުގެ ދިރިއުޅޭ އާންމު ރައްޔިތުން ގެއިން ބޭރަށް ނުދިޔުމަށް އިލްތިމާސްކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން ހޯމަ ދުވަހުގެރޭ ދެއްވި ހިތާބުގައި ވިދާޅުވީ އިނގިރޭސިވިލާތުގައި ދިރިއުޅޭ އާންމުން ޒަރޫރީ ބޭނުންތަކަށް ފިޔަވާ ގެއިން ބޭރަށް ނުނިކުތުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި އެގައުމުގައި ހުރި ފިހާރަތަކުގެ ތެރެއިން ކާބޯތަކެތި ވިއްކާ ފިހާރަތައް ފިޔަވާ ދެންހުރި ހުރިހާ ފިހާރައެއް ބަންދުކުރުމަށާއި އާންމު އެއްވާތަންތަނަށް ދެމީހުން އަށްވުރެ އިތުރަށް ދިއުން ވަނީ މަނާ ކޮށްފައެވެ.
އަދި އާންމުން މި ގަވައިދުތަކަށް ކަމޭ ނުހިތާނަމަ އާންމުންނާއި މެދު ފިޔަވަޅު އެޅުމަށް ފުލުހުންނަށް ވަނީ ބާރު ދީފައެވެ. އެގޮތުން އާންމުން އެއްވާނަމަ ޖޫރިމަނާ ކުރުމަށާއި އެއްވުންތައް ރޫޅައިލުމުގެ ބާރު ފުލުހުންނަށް ވަނީ ދީފައެވެ.
މީގެ އިތުރުން ލައިބްރަރީ ތަކާއި، ކުޅިވަރުކުޅޭ ތަންތަނާއި، އައުޓްޑޯ ޖިމްތައް އަދި އަޅުކަންކުރާ ތަންތަން ވަގުތުން ބަންދުކުރުމަށްވަނީ އަންގައިފައެވެ. ކަސްރަތުކުރުމަށް ޕާކުތައް ހުޅުވައިލާފައިވާކަމަށާއި، ނަމަވެސް އެއްވެ އުޅުންވަނީ މަނާ ކޮށްފައެވެ.
އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ އާންމު ހަރަކާތްތައް، ކައިވެނި ޕާޓީތައް އަދި އެހެނިހެން ހަފްލާތައް ހިމެނޭގޮތައް މަނާކޮށްފައެވެ. ނަމަވެސް ޖަނަޒާތައް ބޭއްވުމުގެ ހުއްދަވަނީ ދީފައެވެ.
ބޯރިސް ޖޯންސަން އިތުރަށް ވިދާޅުވީ އިނގިރޭސި ސަރުކާރުން ނިންމައިފައިވާ މި ނިންމުންތައް ކުރިޔަށް އޮތް ތިން ހަފްތާއަށް ދިގު ދެމިގެންދާނެ ކަމަށާއި، ތިން ހަފްތާ ބެލުމަށްފަހު ކުރިއެރުމެއް ފެނިއްޖެނަމަ މި ހާލަތު ބަދަލުކުރާނެ ކަމަށެވެ.
އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތް އޮފީހުން ވަނީ ހޯމަ ދުވަހު އެގައުމުން ބޭރުގައިތިބި އެގައުމުގެ ރައްޔިތުން ކުރިޔަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އައުމަށް ވެސް އަންގައިފައެވެ. މިހެން އެންގީ ދުނިޔޭގެ ގިނަ ގައުމުތަކުގެ އެއާޕޯޓުތައް އެންގުމަކާއި ނުލާ ބަންދު ކުރަމުންދާތީއާއި އިނގިރޭސިވިލާތުގެ ގިނަ އަދަދެއްގެ އާންމުންނަށް އަލުން އެގައުމަށް ދިޔުމަށް ދަތިތަކަކާއި ކުރިމަތި ލާން ޖެހިފައި ވުމުންނެވެ.
އިނގިރޭސިވިލާތުގައި މިހާތަނަށް 6،726 މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އަދި މި ބަލީގައި އެގައުމުން 335 މީހުން މަރުވެފައިވާއިރު 135 މީހެއް ވަނީ ވައިރސް އިން ސަލާމަތްވެފައެވެ.